"ދަބަންގް 3" ނުފެށުނީ އާއިލީ މައްސަލަތަކާ ހެދި: އަރްބާޒް
"ދަބަންގް 3" ނުފެށުނީ އާއިލީ މައްސަލަތަކާ ހެދި: އަރްބާޒް

"ދަބަންގް 3" ޑައިރެކްޓްކުރުމާ ހަވާލުނުވީ އާއިލީ މައްސަލަތަކެއްގެ ތެރޭގައި އުޅެން ޖެހުމުގެ ސަބަބުން ކަމަށް "ދަބަންގް 2" ޑައިރެކްޓްކުރި އަރްބާޒް ޚާން ބުނެފި އެވެ.

އޭނާ މިހެން ބުނީ "ދަބަންގް 3" އުފެއްދުމުގެ މަސައްކަތް އޭނާއަށް ނުކުރެވިގެން އެ ޒިންމާ ސައުތު އިންޑިޔާގެ މަޝްހޫރު އެކްޓަރު-ޑައިރެކްޓަރު އަދި ކޯރިއޮގްރާފަރު ޕްރަބޫދޭވާއާ ހަވާލުކުރުމަށް ފަހު އެ ކަންތަކާ ބެހޭ ގޮތުން ޕީޓީއައި އަށް ދިން އިންޓަވިއުއެއްގަ އެވެ.

އަރްބާޒް ބުނި ގޮތުގައި "ދަބަންގް 2" ފަދައިން އެ ސިލްސިލާގެ ތިން ވަނަ ފިލްމަކީ ވެސް ވަރަށް މޮޅު އަދި ފްރެޝް ކޮންސެޕްޓަކަށް ތައްޔާރުކުރާ ފިލްމަކަށް ހަދަން އޭނާ ބޭނުމެވެ. ނަމަވެސް އޭނާ އާއި ކުރީގެ އަނބިމީހާ މަލައިކާ އަރޯރާގެ ވަރީގެ މައްސަލަތައް އޭރު ކޯޓުގައި ހިނގަމުން ދިއުމުގެ ސަބަބުން އޭނާއަށް އެއްގޮތަކަށް ވެސް ފިލްމާ ދޭތެރޭ ވިސްނޭ ގޮތް ނުވީ ކަމަށް އަރްބާޒް ބުންޏެވެ.

"ފިލްމު ޑައިރެކްޓްކޮށް، ޕްރޮޑިއުސްކޮށް އަދި އެކްޓްކުރުމަކީ ވަރަށް ބޮޑު ޒިންމާއެއް. އެފަދަ ޒިންމާއެއް ކޮނޑުއަޅާ މީހަކު ހުންނަން ޖެހޭނީ ނަފްސާނީ ގޮތުން ވަރަށް ދުޅަހެޔޮކޮށް. އެހެންވެ އަހަންނަށް ގަބޫލުކުރެވުނީ ތަންކޮޅެއް ފަހުން އެ މަސައްކަތް ކުރެވިދާނެޔޭ ނަމަވެސް އެ ދަނޑިވަޅަކީ އަހަރެން އެ ފިލްމުގެ މަސައްކަތް ކުރަން ރަނގަޅު ވަގުތެއް ނޫނޭ،" އަރުބާޒް ބުންޏެވެ.

މިހާރު އަރްބާޒް އާއި މަލައިކާގެ ވަރީގެ މައްސަލަ ނިމި ދެ މީހުން ވަނީ ވަކިވެފަ އެވެ. އަދި އަރްބާޒް ވެސް ވަނީ ޒާތީ ދިރިއުޅުމުގައި ޖެހުނު މައްސަލަތަކުން ސަލާމަތްވެ ހަމައަކަށް އެޅިފަ އެވެ. އެހެންވެ މިހާރު "ދަބަންގް 3" އުފެއްދުމުގެ މަސައްކަތް އޭނާއަށް ވެސް ކުރެވިދާނެ ކަމަށް އަރްބާޒް ދެކެ އެވެ. ނަމަވެސް ފިލްމު ޕްރަބޫދޭވާއާ ހަވާލުކުރަން ނިންމި ނިންމުމާ މެދު އޭނާ ހިތާމައެއް ނުކުރެ އެވެ.

އަރުބާޒް ބުނި ގޮތުގައި ކޮންމެ މީހަކު ޑައިރެކްޓްކުރި ނަމަވެސް ޕްރޮޑިއުސަރުންގެ ހައިސިއްޔަތުން އޭނާ އާއި ސަލްމާން އެ ފިލްމުގެ މަސައްކަތްތަކުގައި ޝާމިލުވެ އުޅޭނެ އެވެ.

ސަލްމާން ޚާން ލީޑް ރޯލު ކުޅެ އޭނާ ޕްރޮޑިއުސްކޮށްފައިވާ "ދަބަންގް" ފްރެންޗައިސްގެ ދެ ފިލްމަކީ ވެސް ބްލޮކްބަސްޓާ އެވެ.

"ދަބަންގް 3"ގެ ޝޫޓިން ފަށަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މެދުތެރޭގަ އެވެ. އަދި ރިލީޒްކުރަން ގަސްތުކޮށްފައިވަނީ 2019 ގައެވެ.