20 ނޮވެމްބަރ 2017 - 10:50

ބިއުނަސް އޭރީޒް (ނޮވެމްބަރު 20) - ސާޅީސް ހަތަރު މީހުންނާ އެކު ގެއްލުނު އާޖެންޓީނާގެ ސަބްމެރިން ހޯދަން މޫސުން ގޯސްވުމުގެ ސަބަބުން ހުރަސްތައް ކުރިމަތިވަމުންދާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ބުދަ ދުވަހު ގެއްލުނު ސެން ހުއާ ސަބްމެރިން ހޯދުމަށް ސައުތު އެޓްލާންޓިކްގައި ކުރަމުންދާ މަސައްކަތުގައި ވަރަށް ގިނަ ގައުމުތަކުން ވަނީ ބައިވެރިވެފަ އެވެ. އެމެރިކާ އިން ވަނީ ކަނޑު އަޑި ބެލުމުގެ ގާބިލްކަން ލިބިފައިވާ ދެ ވަނަ އުޅަނދެއް ފޮނުވައިފަ އެވެ. ސަބްމެރިން ގެއްލިފައި ވަނީ އާޖެންޓީނާގެ އައްސޭރިން 430 ކިލޯ މީޓަރު (267 މޭލު) ބޭރުންނެވެ.
ގެއްލުނު ސަބްމެރިނުން ކަމަށް ބެލެވޭ ސެޓެލައިޓް ސިގްނަލް ހޮނިހިރު ދުވަހު ވަނީ ލިބެން ފަށައިފަ އެވެ. ސިގްނަލް ލިބުނު ސަރަހައްދު ދެނެގަތުމަށް ނާސާގެ ޚާއްސަ މަތިންދާ ބޯޓެއް ވަނީ ބޭނުންކޮށްފަ އެވެ. ނަމަވެސް ކާމިޔާބުވެފައެއް ނުވެ އެވެ.
ސަބްމެރިން ހޯދަން ދަތިވެފައި ވަނީ ވައި ގަދަވުމާއި ކަނޑު ގަދަވުމުގެ ސަބަބުންނެވެ.
"އޮޕަރޭޝަން ކުރިއަށް ގެންދާ ސަރަހައްދުގެ މޫސުން ވަރަށް ގޯސް،" ނޭވީ އެޑްމިރަލް ގެބްރިއަލް ގޮންޒާލޭޒް ވިދާޅުވި އެވެ. "އެ ސަރަހައްދުގައި ހަ މީޓަރާއި އަށް މީޓަރުގެ ރާޅު އެބަހުރި. ވައި ޖެހެމުން ދަނީ ގަޑިއަކު 40 ނޮޓުގައި. ލަފާ ކުރެވޭ ގޮތުގައި ކުރިއަށް އޮތް 48 ގަޑިއިރު ތެރޭ ވެސް މޫސުން ގޯސްވާނެ."
އާޖެންޓީނާގެ ކަނޑުގެ ސިފައިން ބުނީ ގެއްލުނު ސަބްމެރިންގައި އޮކްސިޖަން އާއި ކާބޯތަކެތި ދެ ހަފުތާ އަށް ވާވަރަށް ހުންނާނެ ކަމަށެވެ.
ޑީސަލް-އިލެކްޓްރިކް ސަބްމެރިން ގެއްލުނީ ދެކުނު އެމެރިކާގެ އެންމެ ދެކުނު ކޮޅުގައި އޮންނަ އުޝުއައިއާ އަށް ކުރި ދަތުރަކަށް ފަހު އާޖެންޓީނާގެ ވެރިރަށުގެ ދެކުނުން އޮންނަ ސަބްމެރިންގެ ބަނދަރަށް ދަތުރު ކުރަނިކޮށެވެ. ސަބްމެރިންނާ އެންމެ ފަހުން މުވާސަލާތު ކޮށްފައި ވަނީ ބުދަ ދުވަހު ހެނދުނު އެވެ. ސަބްމެރިންނާ އެންމެ ފަހުން ގުޅުނު އިރު ހުރި ސަރަހައްދު ވަނީ އާޖެންޓީނާގެ ކަނޑުގެ ސިފައިންގެ އުޅަނދުތަކުން ބަލައިފަ އެވެ.
ޖަރުމަނުގައި ބަނދެފައިވާ ސަބްމެރިން ޚިދުމަތަށް ނެރެފައި ވަނީ 1983 ވަނަ އަހަރު އެވެ. ގެއްލިފައި ވަނީ އާޖެންޓީނާގެ ކަނޑުގެ ސިފައިންގެ ފްލީޓުގައި އޮތް ތިން ސަބްމެރިންގެ ތެރޭން އެންމެ އާ ސަބްމެރިން ވެސް މެ އެވެ.