20 ނޮވެމްބަރ 2017 - 10:27

މެންޗެސްޓާ (ނޮވެމްބަރު 20) - މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ އާއި ލިވަޕޫލްގެ ކުރީގެ ކެޕްޓަން ސްޓީވެން ޖެރާޑާ އަޅާކިޔަން އަދި އަވަސް ކަމަށް ނިއުކާސަލް ޔުނައިޓެޑްގެ ކޯޗު ރަފައެލް ބެނިޓޭޒް ބުނެފި އެވެ.

ބެނިޓޭޒް ވަނީ ލިވަޕޫލްގައި ހުރިއިރު ޖެރާޑަށް ހަ އަހަރު ކޯޗުކޮށްދީފަ އެވެ. އެ މުއްދަތުގެ ތެރޭގައި ލިވަޕޫލުން ހޯދި އެންމެ ބޮޑު ކާމިޔާބީ އަކީ 2005 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގެވެ. ލިވަޕޫލްގައި ފާއިތުވި 15 ވަރަކަށް އަހަރު އެއް ފެންވަރެއްގައި ކުޅުނު އެންމެ މޮޅު ކުޅުންތެރިއަކީ ޖެރާޑެވެ.
މިދިޔަ އަހަރު ޕޮގްބާ އޭރު ދުނިޔޭގެ ރެކޯޑް އަަގަކަށް ޔުނައިޓެޑަށް ބަދަލުވުމަށް ފަހު އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެ ޓީމުން ޔޫރޮޕާ ލީގާއި ލީގު ކަޕް ކާމިޔާބުކުރިއިރު އުމުރުން 24 އަހަރުގެ ޕޮގްބާގެ ދައުރު ބޮޑެވެ. އަދި މި ސީޒަނުގައި ޕޮގްބާ ނުލައި ކުޅުނު މެޗުތަކުން ޔުނައިޓެޑްގެ ކުޅުން ދަށްވެފައިވުމުން އޭނާގެ މުހިއްމުކަން އެ ޓީމަށް ބޮޑުކަން އެނގެ އެވެ.
ލީގުގައި ހޮނިހިރު ދުވަހުގެރޭ ޔުނައިޓެޑް އަތުން ބަލިވި މެޗަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެމުން ބެނިޓޭޒް ބުނީ ޕޮގްބާ އަދި ޖެރާޑްގެ ލެވެލަށް ނާންނަ ކަމަށެވެ.
"އަޅާކިޔަން އަދި އަވަސް. އެއީ ތަފާތުވާ ސަބަބުތަކެއް އެބަހުރި. ޖެރާޑަކީ ވަރަށް ގިނަ އަހަރުތަކެއް ވަންދެން ޓޮޕް ޕްލޭޔަރެއް. އޭނަގެ ކުޅުން އެއް ފެންވަރެއްގައި ހިފެހެއްޓި. ކޮންމެ މެޗެއްގައި ވެސް އޭނާގެ ތަފާތު ދެއްކި. އެންމެ މަތީ ފެންވަރުގެ ކުޅުންތެރިއެއް އޭނަ އަކީ. ޕޮގްބާ އަދި އެ ލެވަލަށް ދިއުމަށް އެބަޖެހޭ 10 ނޫނީ 15 ވަރަކަށް އަހަރު އެ ފެންވަރުގައި ކުޅެން،" ބެނިޓޭޒް ބުންޏެވެ.
މިހާރު ލިވަޕޫލްގެ 18 އަހަރުން ދަށުގެ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި ޖެރާޑް ކުޅުން ހުއްޓާލިއިރު ލިވަޕޫލާ އެކު ކްލަބް ލެވެލްގައި އޭނާ އަށް މަދުވާ ދެ ޓްރޮފީ އަކީ އިނގިރޭސި ޕްރިމިއާ ލީގާއި ކްލަބް ވޯލްޑް ކަޕެވެ.