ދެ ކިޑްނީ ފެއިލްވެފައިވާ މި މަންމަ އެދެނީ އެހީތެރިކަމަށް
ދެ ކިޑްނީ ފެއިލްވެފައިވާ މި މަންމަ އެދެނީ އެހީތެރިކަމަށް

ބަލިކަން އެނގުނު ނަމަވެސް، ފާތުމަތު ބަރިއްޔާ ކޮންމެ ދުވަހަކުހެން އޮފީހަށް ދެ އެވެ. ތިން އަހަރުގެ ފިރިހެން ދަރިފުޅާއި އަށް އަހަރުގެ އަންހެން ދަރިފުޅު ސްކޫލަށް ފޮނުވައި ގޭގެ މަސައްކަތްތައް ކުރެ އެވެ. އެކަމަކު ހަފުތާއަކު ދެ ދުވަހު، ހަތަރު ގަޑިއިރު ވާންދެން، ހުރިހާ ކަމެއް ދޫކޮށްލާފައި ޑަޔަލިސިސް ހެދުމަށް އޭނާ ހޮސްޕިޓަލުގައި އޮންނަން ޖެހެ އެވެ.

ދެ ކިޑްނީ ފެއިލްވެފައިވާ މި މަންމަ އެދެނީ އެހީތެރިކަމަށް
ދެ ކިޑްނީ ފެއިލްވެފައިވާ މި މަންމަ އެދެނީ އެހީތެރިކަމަށް

ލ. ގަމަށް އުފަން، އުމުރުން 31 އަހަރުގެ ބަރިއްޔާގެ ދެ ކިޑްނީ ވަނީ ފެއިލްވެފަ އެވެ. ކިޑްނީގެ މައްސަލައެއް ދިމާވެގެން ބޭސްކަމުން ގެންދާތާ މިހާރު ހަތަރު ވެފައިވީ ނަމަވެސް، ދެ ކިޑްނީ ފެއިލްވިކަން އޭނާ އަށް އެނގުނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އޭރު މީހާ ހުރީ ހިކި އަނަރޫފަވެ، ސިފަ ނޭނގޭވަރުވެފަ އެވެ.

"އަޅުގަނޑު ކުރިއްސުރެ ވެސް ބޭސްކަމުން ދިޔައީ. އެންމެ ފުރަތަމަ ބޭހަށް އަސަރު ކުރި. އެކަމަކު ފަހުން އެއްގޮތަކަށް ވެސް ބަދަލެއް ނައިސް ހުރެފައި އާދަޔާހިލާފަށް ހިކެން ފެށީ. އޭރު މީހުންނަށް ވެސް ފެނުނީމައި ނޭނގޭ،" ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ކޮމިއުނިޓީ ހެލްތު އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރާ ބަރިއްޔާ ބުންޏެވެ.

އޭރު އޭނާގެ ހަށިގަނޑުން 15 ކިލޯ ލުއިވި އެވެ. އެކަމަކު ކިޑްނީ ފެއިލްވިކަން އެނގި، ޑަޔަލިސިސް ހަދަން ފެށި ފަހުން ހާލު ތަންކޮޅެއް ރަނގަޅުވެ، ބަރުދަން ވެސް އިތުރުުވާން ފަށާފައިވާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ތުއްތު ދެ ދަރިންނާއި ދިިރިއުޅުމަށް ކުރާ މަސައްކަތް ދޫކޮށްލާފައި ކޮންމެ ހަފުތާއަކު ދެ ދުވަހު، ގިނަ ވަގުތުތަކެއް ވާންދެން ހޮސްޕިޓަލުގައި އޮތުމަކީ އޭނާއަށް ފަސޭހަކަމެއް ނޫނެވެ. އޭގެ ވޭން ވެސް ބޮޑެވެ.

އެހެންވެ، ބަރިއްޔާ އާއި އޭނާގެ ފިރިމީހާ މިހާރު މަސައްކަތް ކުރަމުން އަންނަނީ ކިޑްނީ ޓްރާންސްޕްލާންޓް ޓެސްޓު ހަދާނެ ފައިސާ ހޯދުމަށާއި ޑޯނަރެއް ލިބޭތޯ އެވެ.

ކިޑްނީ ބަދަލު ކުރާ އޮޕަރޭޝަން އާސަންދައިން ކަވަރުކޮށްދެ އެވެ. އެކަމަކު އެ ކިޑްނީ ބަރިއްޔާއާ ގުޅޭތޯ ބެލުމަށް ޓެސްޓު ހެދުމަށް ނުވަތަ ކިޑްނީ އެއް ހޯދުމަށް ވެސް ގިނަ ފައިސާތަކެއް ބޭނުންވާނެ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުގެ ކޮއްކޮމެން ވެސް ތިބޭނެ. އެމީހުންގެ ކިޑްނީ ގުޅޭނެކަން ވެސް އެނގޭނީ ޓެސްޓު ހެދީމައި. އެކަމަކު އެކަމަށް ވެސް އެބަ ފައިސާ ބޭނުންވޭ،" ބަރިއްޔާ ބުންޏެވެ.

އޭނާ ބުނީ ކިޑްނީގެ އޮޕަރޭޝަން ކުރުމަށް ގިނަ ވެގެން ހަ މަސް ދުވަހު ރާއްޖޭން ބޭރުގައި ހުންނަން ޖެހޭއިރު، ކެއުމާއި ހުރުން ފަދަ ހުރިހާ ހަރަދުތަކެއް ކުރަން ޖެހެނީ އަމިއްލަ އަށް ކަމަށެވެ. އަދި އާއިލާ ތެރެއިން ކިޑްނީއެއް ނުލިބިއްޖެ ނަމަ، އެ ހަދިޔާ ކުރާނެ މީހަކު ހޯދުމުގެ ތަކްލީފު އުފުލަން ޖެހޭނީ އަމިއްލަ އަށް ކަމަށާއި އެ ހުރިހާ ކަމަކަށް ގާތްގަނޑަކަށް ފަހެއް ނުވަތަ ހަ ލައްކަ ރުފިޔާ ބޭނުންވާނެ ކަމަށް ބުންޏެވެ.

"ފަރުވާ އަށް ރާއްޖޭން ބޭރަށް ގޮސްގޮސް އަޅުގަނޑުމެންގެ އަތުގައި މިހާރު އެއްވެސް ސޭވިންއެއް ނެތް. ފިރިމީހާ އާއި އަޅުގަނޑު ވެސް މި މަސައްކަތް ކުރަނީ ފައިސާ ހޯދަން. އެކަމަކު އެހާ ގިނަ އަދަދެއްގެ ފައިސާ ހޯދަން އާއްމުންގެ އެހީތެރިކަން ބޭނުންވޭ،" ބަރިއްޔާ ބުންޏެވެ.

ބަރިއްޔާގެ ލޭގެ ގުރޫޕަކީ އޭބީ ޕޮޒިޓިވް އެވެ. އަދި ހާލުގައި ޖެހިފައިވާ މި މަންމަ އަށް އެހީތެރިކަން ދޭން ބޭނުންވާ ފަރާތްތަކުން 7605545 އަށް ގުޅައިގެން އެކަން ހަމަޖެއްސުމަށް އާއިލާއިން އެދެ އެވެ.