20 ނޮވެމްބަރ 2017 - 10:13

ޓިއުރިން، އިޓަލީ (ނޮވެމްބަރު 20) - އިޓަލީ ގައުމީ ޓީމަށް ވޯލްޑް ކަޕުން ޖާގަ ގެއްލުމުން އެކަމުގެ މާޔޫސްކަން ފިލުވަން ބްރޭކެއްގައި ހުރި ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ނެތި ޔުވެންޓަސް ރޭ ކުޅުނު މެޗުން 3-2 އިން ސަމްޑޯރިއާ އަތުން ބަލިވެއްޖެ އެވެ.

ޔުވެންޓަސް ބަލިވުމުގެ ފައިދާ ނަގައި ރޭ އިންޓަ ވަނީ އެޓަލަންޓާގެ މައްޗަށް 2-0 އިން ކުރިހޯދައި ލީގުގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. އިޓާލިއަން ލީގު އެއް ވަނައިގައި އޮތީ ހޮނިހިރު ދުވަހުގެރޭ އޭސީ މިލާން އަތުން 2-1 އިން މޮޅުވި ނަޕޯލީ އެވެ. ނަޕޯލީ އެއް ވަނައިގައި އޮތީ 13 މެޗުން 35 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އިންޓަ އަށް 13 މެޗުން ވަނީ 33 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި ޔުވެންޓަަސް އޮތީ 13 މެޗުން 31 ޕޮއިންޓް ހޯދައިގެންނެވެ.
ބުފޮންގެ އިތުރުން އިޓަލީގެ ޑިފެންޑަރު އަންދްރޭ ބަރްޒާލީ ވެސް ރޭ ނުކުޅެ އެވެ. ރޭގެ މެޗުގެ ދެ ވަނަ ހާފުގައި ސަޕްޑޯރިއާގެ ތިން ގޯލު ޖެހީ ޑުވާން ޒަޕާޓާ، ލޫކަސް ޓޮރޭރާ އަދި ޖިއަމާކޯ ފެރާރީ އެވެ. ޔުވެންޓަސް އިން ދެ ގޯލު ޖެހީ ވެސް މެޗުގެ އިތުރު ވަގުތުގަ އެވެ. ލަނޑު ޖެހީ ގޮންޒާލޯ ހިގައިން އާއި ޕައޮލޯ ޑީބަލާ އެވެ. ބުފޮންގެ ބަދަލުގައި މި މެޗުގައި ޔުވެންޓަސްގެ ގޯލް ބެލެހެއްޓީ ޕޮލެންޑުގެ ވޮސިއެޗް ޝެޒްނީ އެވެ.
ޔުވެންޓަސްގެ ކޯޗު މަސިމޯ އަލެގްރީ ބުނީ މެޗުން ބަލިވީ ކުޅުންތެރިންގެ ފަރުވާ ކުޑަކުރުމުން ކަމަށެވެ.
"ބުފޮން އާއި ބަރްޒާލީ ތިބީ ވަރަށް ބޮޑު ހިތްދަތި ކަމެއްގައި. އެމީހުންނަށް ވަގުތު ބޭނުންވޭ. މެޗުން ބަލިވީ އެމީހުން ނެތިގެނެއް ނޫން. މިއީ އަހަރެމެން ފަރުވާ ކުޑަކޮށްލުމުން ވީ ގޮތެއް. ހަމަޖެހިލައިގެން ތިބި ނަމަ މެޗުން ޕޮއިންޓެއް ހޯދުމުގެ ފުރުސަތު އޮތް،" އަލެގްރީ ބުންޏެވެ.
ބުފޮން ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައިވާއިރު، މި ފަހަރު ޗެމްޕިއަންސް ލީގު ނުލިބިއްޖެނަމަ އޭނާ ފުޓްބޯޅައިން ރިޓަޔާކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.