އެމްއެންޑީއެފްގެ ގައުމީ ވީޑިއޯ ލަވަ އަލްބަމްގައި މިފަހަރު އެކި ބަހުރުވަ
އެމްއެންޑީއެފްގެ ގައުމީ ވީޑިއޯ ލަވަ އަލްބަމްގައި މިފަހަރު އެކި ބަހުރުވަ

އިއްޔެ ފާހަގަ ކުރި ގައުމީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ގައުމީ ވީޑިއޯ ލަވަ އަލްބަމެއް "ބަހުރުވަ" އިގެ ނަމުގައި ނެރެފި އެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމްގެ ފަރުމާއަކަށް ތައްޔާރު ކުރި އަށް ލަވައިގެ މައްޗަށް އެކުލެވޭ މި ވީޑިއޯ ލަވަ އަލްބަމްގެ ޅެންތައް ހައްދަވާފައި ވަނީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރުގެ އިތުރުން ދިވެހި ބަހުގެ ތަޖުރިބާކާރު ބައެއް ބޭފުޅުންނާއި ފަންނާނުންނެވެ. ލަވަތައް ހަދާފައި ހުރީ ރާއްޖޭގެ އެކި ހިސާބުތަކުގެ ބަހުރުވަތަކުންނެވެ.

"ބަހުރުވަ" އިގެ ބައެއް ލަވަތައް ކިޔާފައި ވަނީ އަތޮޅުތަކުގެ ލަވަކިޔުންތެރިންނެވެ.

މި ވީޑިއޯ ލަވަ އަލްބަމްގައި ހިމެނެނީ މުޅިން ވެސްއަމިއްލަ ރާގުތަކެވެ. މި ރާގުތައް އުފައްދާފައި ވަނީ އެމްއެންޑީއެފް ބޭންޑް އެންޑް މިއުޒިކް ވިންގުންނެވެ. އަލްބަމްގެ ލަވަތަކަށް ވީޑިއޯ ތައްޔާރުކޮށްފައި ވަނީ އެމްއެންޑީއެފް މީޑިއާ އެންޑް ޕަބްލިޝިން ސާވިސްއިންނެވެ.

އަލްބަމުގެ ލަވަތައް އެމްއެންޑީއެފް ޔޫޓިއުބް ޗެނަލުންނާއި އެމްއެންޑީއެފް ފޭސްބްކް ޕޭޖް އަދި އެމްއެންޑީއެފް ސައުންޑް ކްލައުޑް ޕޭޖުން ޑައުންލޯޑް ކުރެވޭނެ އެވެ.

އެމްއެންޑީއެފުން ގައުމީ ދުވަހުގެ މުނާސަބަތުގައި ލަވަ އަލްބަމް ނެރެމުން އަންނަތާ މިއީ 16 ވަނަ އަހަރެވެ.