21 ނޮވެމްބަރ 2017 - 06:41

ޑައިރެކްޓަރު އަބްދުލް ފައްތާހް ކުއްލި ގޮތަކަށް ފިލްމީ ދާއިރާ ދޫކޮށްލުމަކީ ހަމަ ހަގީގަތުގައި ވެސް ވަރަށް ބޮޑު ޝޮކެކެވެ. ފިލްމީ ދާއިރާގެ ބައެއް މީހުން ތިބީ އަދިވެސް އެކަން ގަބޫލްކުރަން ދަތިވެފަ އެވެ. ހާއްސަކޮށް އޭނާއާ އެކު މަސައްކަތް ކުރި މީހުންނެވެ. އޭގެ ތެރޭގައި ތަރިންނާއި ޕްރޮޑިއުސަރުންނާއި ސްކްރީންރައިޓަރުންނާއި ލަވަކިޔުންތެރިންނާއި ޓެކްނިކަލް ދާއިރާގައި މަސައްކަތް ކުރާ މީހުން ހިމެނެ އެވެ.
ފައްތާހް ފިލްމީ ދާއިރާގައި ނެތުމަކީ ހަމަ ޔަގީނުން ވެސް މި ދާއިރާ އަށް ލިބޭނެ ނިކަމެތި ކަމެކެވެ. އުނިކަމަކާ އެއްވަރަށް ބޮޑު ފަޅުކަމަކަށް ވާނެ އެވެ. އެކާވީސް އަހަރު ވީ ފިލްމީ ކެރިއަރުގައި އޭނާ ވަނީ ޑައިރެކްޓަރެއްގެ ގޮތުގައި އާންމުންގެ ވަރަށް ބޮޑު މަގުބޫލުކަމަކާއި އިތުބާރެއް ހޯދައިފަ އެވެ. ފައްތާހް ގެނެސް ދިން ޑްރާމާ ސިލްސިލާތަކާއި ފީޗާ ފިލްމްތަކަކީ ބެލުންތެރިންގެ މެދުގައި އެހާމެ މަގުބޫލް އަދި ކާމިޔާބު އުފެއްދުންތަކެކެވެ.
"ފައްތާހް ފިލްމީ ދާއިރާ ދޫކޮށްލި ވާހަކައަކީ ވަރަށް ބޮޑު ޝޮކެއް. އެއްވެސް ވަރަކަށް އެކްސްޕެކްޓް ނުކޮށް ތިއްބައި ލިބުނު ވަރަށް ހިތާމަވެރި ހަބަރެއް މިއީ،" ފައްތާހުގެ "އާދޭސް" އާއި "އާނ! އަހަރެން ވެސް ލޯބިވިން" ގައި މަސައްކަތް ކުރި ނިއުމާ ބުންޏެވެ.
އޭނާ ބުނީ ފައްތާހް ފިލްމީ ދާއިރާ އަދި ދޫކޮށްލަން ގާތް ވެސް ނުވާ ކަމަށެވެ.
"އެކަމަކު އެކަހަލަ ޑިސިޝަނެއް ނެގި އެއްވެސް ސަބަބެއް ނޭނގޭ. ގަބޫލު ކުރެވެވީ ކޮންމެވެސް ރީޒަނަކާ ހެދި ކަމަށް އެ ވަރުގެ ނިންމުމެއް ނިންމާނީ،" މި އަހަރު ރިލީޒް ކުރި ފައްތާހްގެ 12 ވަނަ ފީޗާ ފިލްމް "ހައްދު"ގެ އެއް ޕްރޮޑިއުސަރު، ނިއުމާ ބުންޏެވެ.
އޭނާ ބުނީ ފައްތާހް ނެތުމަކީ ފިލްމީ ދާއިރާ އަށް ލިބޭނެ ވަރަށް ބޮޑު ފަޅުކަމެއް ކަމަށެވެ. ހާއްސަކޮށް ތަރިންގެ ގޮތުގައި ގެންގުޅެން މަޝްހޫރު ޑައިރެކްޓަރު މި ދާއިރާ ދޫކޮށްލުމަކީ ފިލްމު ކުޅޭ އެންމެން ވެސް ވަރަށް މާޔޫސް ވާނެ ކަމެއް ކަމަށް ނިއުމާ ބުންޏެވެ.
"އަހަންނަށް ވަރަށް އުނދަގޫ ގަބޫލުކުރަން ފައްތާހް މި ދާއިރާ ދޫކޮށްފިއޭ ބުނާ ވާހަކަ. ވަރަށް ޝޮކިން ނިއުސްއަކަށް މިކަން މިވީ. އަމިއްލަ އަށް ގަބޫލުކުރަން ބޭނުމެއް ވެސް ނޫން ފައްތާހް ފިލްމް އިންޑަސްޓްރީ ދޫކޮށްލީއޭ ބުނާ ވާހަކަ،" ފައްތާހްގެ ފަހު ފިލްމު "ހައްދު" ގެ އެއް ބަތަލާ މަރިޔަމް އައްޒަ ބުންޏެވެ.
އޭނާ ބުނީ ފައްތާހަކީ ފިލްމީ ދާއިރާގައި އެކުގައި މަސައްކަތްކޮށްލަން އަދިވެސް ބޭނުންވާ އަދި އެންމެ އިހުތިރާމް ކުރާ އެއް ޑައިރެކްޓަރު ކަމަށެވެ.
"އަހަރެން މި ދާއިރާގައި އެންމެ ރެސްޕެކްޓް ކުރާ ދެ މީހުންގެ ތެރޭގައި ނަހޫ [ފާތުމަތު ނަހުލާ] އާއި ފައްތާހް ހިމެނެނީ. ދެން ފައްތާހް މި ދާއިރާގައި ނެތުމަކީ ވަރަށް ބޮޑު ފަޅުކަމަކަށް ވާނީ،" އައްޒަ ބުންޏެވެ.
"އަހަރެން ގަބޫލު ކުރަނީ ފައްތާހް އަދި އެނބުރި އަންނާނެ ކަމަށް. ވަރަށް ފަހުން ވެސް ޕްރޮޖެކްޓަކާ ގުޅޭ ގޮތުން ޑިސްކަޝަންއެއް ވެސް ގޮސްފައި އޮއްވައި ރިޓަޔާމަންޓްގެ ވާހަކަ މި އިވުނީ."
އައްޔަ ބުނީ ފައްތާހުއާ އެކު މަސައްކަތްކޮށްލަން އަދިވެސް ބޭނުން ކަމަށެވެ. އެހެންވެ ފައްތާހް ފިލްމީ ދާއިރާ އިން އެއްކޮށް ގެއްލުނުކަން ގަބޫލުކުރަން ބޭނުން ނުވާ ކަމަށް ބުންޏެވެ.
"ބޮޑު ސްކްރީނަށް އަހަރެން ނެރުނު މީހަކީ ވެސް ފައްތާހް. އެއީ ވަރަށް ސަޅި، އެކުގައި މަސައްކަތްކޮށްލަން ވަރަށް ފަން ޑައިރެކްޓަރެއް،" 2014 ގައި ރިލީޒް ކުރި "އާދޭސް" އަށް އިޝާރާތްކޮށް އައްޔަ ބުންޏެވެ.
ނަސީބު ދިމާ ކުރި ގޮތުން މި އަހަރު ރިލީޒް ކުރި "ހައްދު" ގެ މުހިއްމު ރޯލެއް ވެސް އައްޔަން އަށް ކުޅެން ލިބުނެވެ.
"ފައްތާހް އަދި އެނބުރި އަންނާނެ ކަމަށް ގަބޫލުކުރަނީ،" އޭނާ ބުންޏެވެ.
ރިޝްމީ ވަނީ ފައްތާހާ އެކު ދެ ފިލްމެއްގައި މަސައްކޮށްފަ އެވެ. އެއީ "ލަވް ސްޓޯރީ" އާއި "14 ވިލޭރޭ" އެވެ. އަދި ތިން ވަނަ ފިލްމެއްގައި އެކުގައި މަސައްކަތްކޮށްލުމުގެ ވާހަކަ ވެސް ފައްތާހް އޮތީ ރިޝްމީ ކައިރީ ދައްކައިފަ އެވެ.
"އެކަހަލަ ވާހަކަތަކެއް ދެކެވިފައި އޮއްވާ ފައްތާހު ފިލްމީ ދާއިރާ އިން ވަކިވި ވާހަކަ އިވުނީމަ ވަރަށް ޝޮކިން. ގުޅާފައި ބުނަން ވެސް ބުނިން އެ ނިންމުން ރިކޮންސިޑަ ކުރަންވީ ނޫންހޭ." ރިޝްމީ ބުންޏެވެ.
"އެކަމަކު ފައްތާހްގެ އެ ނިންމުމަށް އަހަރެން ރެސްޕެކްޓް ކުރަން،. އެކަމަކު ގަބޫލެއް ނުކުރަން މި ދާއިރާ އަދި ފައްތާހް ދޫކޮށްލަން ޖެހޭ ކަމަކަށް. އުންމީދު ކުރަން އެނބުރި އަންނާނެ ކަމަށް."
"އެެއީ ފައްތާހު ޖައްސާލި މީޑިއާ ސްޓަންޓެއް. ގަބޫލެއް ނުކުރެވޭ ފައްތާހު ފިލްމީ ދާއިރާ ދޫކޮށްލާނެ ކަމަކަށް. ނަހުލާ އާއި ފައްތާހާ ދެ މީހުންގެ ފިލްމު ހިންގާލަންވެގެން ސްޓަންޓް ޖައްސާތާ ދުވަސްކޮޅެއްވެއްޖެނު. އެކަހަލަ ކަމެއް މިއީ،" ފައްތާހާއި ނަހުލާއާ އެކު ވެސް މަސައްކަތްކޮށްފައިވާ ޔޫއްޕެ ބުންޏެވެ.
"ގަބޫލެއް ނުކުރަން ފައްތާހާއި ނަހުލާ މި ދާއިރާ ދޫކޮށްލާނެ ކަމަކަށް."
ޔޫއްޕެ ބުނީ ފައްތާހަކީ އެކުގައި މަސައްކަތްކޮށްލަން ރަނގަޅު ޑައިރެކްޓަރެއް ކަމަށެވެ.
"އެކަމަކު އޭނަގެ ފަހަތުގައި ވަރުގަދަ ޓެކްނިކަލް ޓީމެއް ނެތި މަސައްކަތް ކުރެވޭ މީހެއް ނޫން ފައްތާހަކީ،" ފައްތާހްގެ "ވެހޭ ވާރޭ ތެރެއިން" ގެ ބަތަލު ބުންޏެވެ.