20 ނޮވެމްބަރ 2017 - 01:03

ހަރާރޭ (ނޮވެމްބަރު 20) - އިސްތިއުފާ ދެއްވުމަށް އެތައް ގޮތަކުން ޒިމްބާބުވޭގެ ރައީސް ރޮބަޓް މުގާބޭ އަށް ޕްރެޝަރު ކުރި ނަމަވެސް، އެ ހުރިހާ ޕްރެޝަރަކަށް ގޮންޖެއްސެވުމަށް ފަހު ވެރިކަމުގައި ދެމި ހުންނެވުމަށް މުގާބޭ ނިންމަވައިފި އެވެ.
ސިފައިންގެ ޖެނެރަލުންނާ އެކު ޒިމްބާބުވޭ ޓީވީން ވަގުތުން މިރޭ ދެއްވި ބަޔާނުގައި 93 އަހަރުގެ މުގާބޭ އިސްތިއުފާ އިއުލާން ކުރައްވާނެކަމަށް އެންމެން ތިބީ އުއްމީދުކޮށްގެންނެވެ. އެކަމަކު އޭގެ ބަދަލުގައި މުގާބޭ ނިންމެވީ ވެރިކަމުގައި އިތުރަށް ދެމި ހުންނަވާ ވެރިކަންކުރާ ޒަނޫ- ޕީއެފް ޕާޓީން އަންނަ މަހު ބާއްވާ ކޮންގްރެސްގެ ރިޔާސަތު ބެލެހެއްޓުމަށެވެ. އެކަމަކު ޕާޓީގެ ލީޑަރުގެ މަގާމުން މުގާބޭ މިއަދު ވަނީ ވަކިކޮށްފަ އެވެ.
އިސްތިއުފާ އިއުލާން ނުކުރެއްވި ނަމަވެސް މަގާމުން ވަކިވުމަށް މުގާބޭ އަށް ދެއްވި މުހުލަތު މާދަމާ މެންދުރަށް ހަމަވާނެ އެވެ. އެ މުހުލަތުގެ ތެރޭގައި ވެރިކަން ދޫކޮށް ނުލައްވައިފި ނަމަ މުގާބޭގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ޕާޓީގެ ސެންޓްރަލް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.
ޒިމްބާބުވޭ ސިފައިން ނުކުމެ މުގާބޭ ގޭ ބަންދުކޮށް، ގައުމުގެ ކޮންޓްރޯލް ނަގަން ޖެހުނީ ނައިބް ރައީސްގެ މަގާމުން އެމާސަން ނަންގަގްވާ ވަކިކުރުމާ ގުޅިގެންނެވެ. މުގާބޭގެ އެ ނިންމެވުމާ މެދު ސިފައިން ހިތްމަނުޖެހުނީ އެއީ އަނބިކަނބަލުން ގްރޭސްގެ ހައްގުގައި އެޅުއްވި ފިޔަވަޅަކަށްވާތީ އެވެ.
ސެންޓްރަލް ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އުމުރުން 52 އަހަރުގެ ގްރޭސް ޒަނޫ-ޕީއެފް ޕާޓީން ބޭރުކުރަން ވެސް ނިންމައިފަ އެވެ. އަދި ޕާޓީގެ އާ ލީޑަރަކީ މަގާމުން ދުރުކުރި ނަންގަގްވާ ކަމަށާއި އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ޒަނޫ-ޕީއެފް ޕާޓީން ވާދަކުރާނެ ކެންޑިޑޭޓަކީ ވެސް ނަންގަގްވާ ކަމަށް ވަނީ ފާސްކޮށްފަ އެވެ.
ޕާޓީގެ ތެރޭންނާއި ސިފައިންގެ ތެރޭން ކުރިމަތިވި ފާޑުކިޔުން ބަލައިގަންނަ ކަމަށް މުގާބޭ ވިދާޅުވި ނަމަވެސް އިސްތިއުފާގެ ވާހަކަ ވިދާޅު ނުވުމުން ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފަ އެވެ. ތަޖްރިބާކާރުން ބުނާ ގޮތުގައި މުގާބޭ އަކީ ފަސޭހަ އިން އެއްބަސްވާނެ ބޭފުޅެއް ނޫނެވެ.
ޒަނޫ-ޕީއެފް ޕާޓީގެ ލީޑަރުކަމުން މުގާބޭ ވަކިކޮށްފައިވާ އިރު އަންނަ މަހު އޮންނަ ޕާޓީގެ ކޮންގްރެސްގެ ރިޔާސަތު މުގާބޭ ބަލަހައްޓާނެ ގޮތެއް ނޭނގެ އެވެ.