19 ނޮވެމްބަރ 2017 - 23:50

ހަރާރޭ (ނޮވެމްބަރު 19) - ޒިމްބާބުވޭގެ ރައީސްގެ މަގާމު ދޫކޮށްލަން ރޮބަޓް މުގާބޭ މިރޭ އެއްބަސްވެއްޖެ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ޒިމްބާބުވޭގައި ޚުދުމުޚްތާރު ވެރިކަމެއް ދިގު 37 އަހަރު ކުރެއްވި މުގާބޭ އިސްތިއުފާ ދެއްވަން އެއްބަސްވީ މަގާމު ދޫކޮށްލަން މާދަމާ މެންދުރާ ހަމައަށް މުހުލަތު ދީފައި ވަނިކޮށެވެ. ނޫން ނަމަ ޕާލަމެންޓް މެދުވެރިކޮށް މުގާބޭ މަގާމުން ދުރުކުރަން ވަނީ ނިންމައިފަ އެވެ. މުގާބޭގެ ނިންމުން މިރޭގެ ވަގުތެއްގައި އިއުލާން ކުރަން ވަނީ ނިންމައިފަ އެވެ.
އިސްތިއުފާ ދެއްވަން މުގާބޭ އެއްބަސްވެވަޑައިގެންނެވީ ސިފައިން ނުކުމެ ގައުމުގެ ކޮންޓްރޯލް ހޯދިތާ ފަސް ދުވަސް ފަހުންނެވެ. ގައުމުގެ މުހިންމު މުއައްސަސާތައް ސިފައިންގެ ބާރުގެ ދަށަށް ގެނެސް މުގާބޭ ގޭ ބަންދުކުރަން ޖެހުނީ ނައިބް ރައީސް އެމާސަން ނަންގަގްވާ މަގާމުން ދުރުކުރުމާ ގުޅިގެންނެވެ. ނައިބް ރައީސް މަގާމުން ދުރުކުރީ މުގާބޭގެ އަނބިކަނބަލުން ގްރޭސްގެ ބާރާއި ނުފޫޒުންނެވެ.
ސެންޓްރަލް ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ޕާޓީގެ ލީޑަރުކަމުން މުގާބޭ ވަކިކޮށްފަ އެވެ. އެ މަގާމަށް ހަމަޖައްސާފައި ވަނީ ނައިބް ރައީސްގެ މަގާމުން ދުރުކުރި ނަންގަގްވާ އެވެ. މުގާބޭގެ އަނބިކަނބަލުން ގްރޭސް ވަނީ ޕާޓީން ވެސް ބޭރުކޮށްފަ އެވެ.