މުގާބޭ އަށް މުހުލަތު އޮތީ މާދަމާ މެންދުރާ ހަމައަށް
މުގާބޭ އަށް މުހުލަތު އޮތީ މާދަމާ މެންދުރާ ހަމައަށް

ހަރާރޭ (ނޮވެމްބަރު 19) - ޒިމްބާބުވޭގެ ރައީސްގެ މަގާމުން އިސްތިއުފާ ދިނުމަށް މާދަމާ މެންދުރާ ހަމައަށް މުގާބޭ އަށް މުހުލަތު ދީފި އެވެ.

އެ މުއްދަތުގައި މުގާބޭ އިސްތިއުފާ ނުދެއްވައިފި ނަމަ ޕާލަމެންޓުގެ ބައްދަލުވުމެއް އަންގާރަ ދުވަހު ބާއްވާ އޭނާގެ މައްޗަށް އިތުބާރު ނެތްކަމަށް ފާސްކުރަން ވެސް ވަނީ ނިންމައިފަ އެވެ. ޒިމްބާބުވޭ ޓީވީން މިހާރު ދަނީ މުގާބޭ މިރޭ ބަޔާނެއް ދެއްވާނެކަން އިއުލާން ކުރަމުންނެވެ.

މުގާބޭ އިސްތިއުފާ ދޭން އަންގާފައި ވަނީ ވެރިކަންކުރާ ޒަނޫ-ޕީއެފް ޕާޓީގެ ސެންޓްރަލް ކޮމިޓީގެ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ވަނީ ޕާޓީގެ ލީޑަރުގެ މަގާމުން މުގާބޭ ދުރުކުރަން ފާސްކޮށްފަ އެވެ. ޕާޓީގެ ލީޑަރަކަށް ހަމަޖައްސާފައި ވަނީ މީގެ ދެ ހަފުތާ ކުރިން ނައިބް ރައީސްގެ މަގާމުން ވަކިކުރި އެމާސަން ނަންގަގްވާ އެވެ.

އުމުރުން 93 އަހަރުގެ މުގާބޭގެ ނައިބް ވަކިކުރީ ސިޔާސީ ގޮތުން އަނބިކަނބަލުން ގްރޭސްގެ ބާރު ގަދަކުރުމަށެވެ. މުގާބޭގެ އަނބިކަނބަލުން މިހާރު ވަނީ ޕާޓީން ވެސް ބޭރުކޮށްފަ އެވެ.

މުގާބޭގެ 37 އަހަރުގެ ޚުދުމުޚްތާރު ވެރިކަން ނިމުމަކަށް މިއައީ ސިފައިން ނުކުމެ ގައުމުގެ ކޮންޓްރޯލް ނެގިތާ ފަސް ދުވަސް ފަހުންނެވެ. މުގާބޭއާ އެކު ސިފައިން ފުރަތަމަ ބޭއްވި މަޝްވަރާތަކުގައި އިސްތިއުފާ ދެއްވަން މުގާބޭ ވަނީ ދެކޮޅު ހައްދަވައިފަ އެވެ.

މުގާބޭއާ ދެކޮޅަށް ޒިމްބާބުވޭގައި އެތައް ހާސް ބަޔަކު އިއްޔެ ވަނީ މުޒާހަރާ ކޮށްފަ އެވެ. މުޒާހަރާގައި ބައިވެރިވި މީހުންގެ ތެރޭގައި އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މުގާބޭގެ ވަފާތެރިންގެ ގޮތުގައި ތިބި މީހުން ހިމެނެ އެވެ.