20 ނޮވެމްބަރ 2017 - 00:05

މަހިބަދޫ ސްޕޯޓްސް ކްލަބުން އިންތިޒާމް ކޮށްގެން ބޭއްވި ސްޕޯޓްސް ފިއެސްޓާ މިއަދު ނިންމާލައިފި އެވެ.

މަހިބަދޫ ސްޕޯޓްސް ކްލަބުން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ފިއެސްޓާގައި އެ ރަށުގެ ފުޓްބޯޅަ އާއި ނެޓްބޯޅަ އެކެޑަމީގައި އުޅޭ ކުދިން ވަނީ ބައިވެރިވެފަ އެވެ. ފޯރިގަދަކޮށް ކުރިއަށް ދިޔަ މި ފިއެސްޓާ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހު މަހިބަދޫ ދާއިރާގެ މެމްބަރު އަދި މަހިބަދޫ ސްޕޯޓްސް ކްލަބްގެ ފައުންޑަރު އަހުމަދު ތޯރިގް (ޓޮމް) އެވެ.
ނިންމުމުގެ ރަސްމިއްޔާތުގައި މަހިބަދޫ ސްޕޯޓްސް ކްލަބުގެ ފަރާތުން ވަނީ މަހިބަދޫ ދާއިރާގެ ތިން ރަށް ކަމަށްވާ މަހިބަދޫ، އޮމަދޫ، ކުނބުރުދޫ އަދި ހަންޏާމީދޫގެ ސްކޫލަށް ފުޓްބޯޅަ، ނެޓްބޯޅަ އަދި ބަށިކުޅޭ ސާމާނު ހަދިޔާކޮށްފަ އެވެ.
މަހިބަދޫގައި ހިންގާ ފުޓްބޯޅަ އެކަޑަމީ އާއި ނެޓްބޯޅަ އެކަޑަމީގައި ނުވަ އަހަރުން ދަށާއި 13 އަހަރުން ދަށުގެ 100 ކުދިން ބައިވެރިވެ އެވެ. މަހިބަދޫގައި ފުޓްބޯޅަ އެކަޑަމީ ހިންގާތާ ދެ އަހަރު ހިނގާފައިވާއިރު، ނެޓްބޯޅަ އެކަޑަމީ ފެށީ މި އަހަރު އެވެ.
މަހިބަދޫ ސްޕޯޓްސް ކްލަބުން ވަނީ އެ ރަށުގައި ނެޓްބޯޅަ ކުރިއެރުވުމަށް ނެޓްބޯޅަ އެސޯސިއޭޝަންއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އަދި މި އަހަރު ވަނީ މަހިބަދޫގައި ނެޓްބޯޅަ ކޯޗުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ވެސް ބާއްވައިފަ އެވެ.
މަހިބަދޫ ސްޕޯޓްސް ކްލަބް ވަނީ 2014 އާއި 2015 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ފުޓްބޯޅަ ކުޅެފަ އެވެ.