ސްޕޭނުގެ އެޓާނީ ޖެނެރަލް ކުއްލި ގޮތަކަށް އަވަހާރަވެއްޖެ
ސްޕޭނުގެ އެޓާނީ ޖެނެރަލް ކުއްލި ގޮތަކަށް އަވަހާރަވެއްޖެ

ބިއުނަސް އޭރީޒް (ނޮވެމްބަރު 19) - ސްޕޭނުގެ އެޓާނީ ޖެނެރަލް ހޯސޭ މެނުއަލް މާޒާ އާޖެންޓީނާ އަށް ވަޑައިގެން އުޅުއްވަނިކޮށް ކުއްލި ގޮތަކަށް އަވަހާރަވެއްޖެ އެވެ.

ބައްދަލުވުމެއްގައި ބައިވެވަޑައިގަތުމަށް މާޒާ، 66، އާޖެންޓީނާ އަށް ވަޑައިގެން އުޅުއްވަނިކޮށް ކިޑްނީ އިންފެކްޝަނެއްގައި އޭނާ ވަނީ އައިސީޔޫގައި އެޑްމިޓްކޮށްފަ އެވެ.

ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރި މައްސަލާގައި މާޒާ މިދިޔަ މަހު ވަނީ ކެޓަލޯނިއާގެ ލީޑަރުންގެ މައްޗަށް ދައުވާ ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. ކެޓަލޯނިއާ އިން މިނިވަންކަން އިއުލާން ކުރި މައްސަލާގައި ސްޕޭން ސަރުކާރުން އެންމެ މުހިންމު ރޯލެއް އަދާކުރެއްވި އެއް ބޭފުޅަކީ މާޒާ އެވެ.

ސްޕޭނުގެ ބޮޑު ވަޒީރު މާރިއާނޯ ރަޔޯ ވަނީ މާޒާ އަވަހާރަވުމުން ހިތާމަ ފާޅު ކުރައްވާ ޓްވީޓް ކުރައްވައިފަ އެވެ. ޖަސްޓިސް މިނިސްޓަރު ރަފޭލް ކަޓަލާ ވިދާޅުވީ މާޒާ އަކީ ކުޅަދާނަ ވަކީލެއް ކަމަށެވެ.

ސްޕޭނުގެ އެޓާނީ ޖެނެރަލްގެ މަގާމަށް މާޒާ އައްޔަން ކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.