19 ނޮވެމްބަރ 2017 - 17:08

ހަރާރޭ (ނޮވެމްބަރު 19) - ޒިމްބާބުވޭގެ ވެރިކަން ކުރާ ޕާޓީގެ ލީޑަރުކަމުން ރޮބަޓް މުގާބޭ މިއަދު ދުރުކޮށްފި އެވެ.

ވެރިކަންކުރާ ޒަނޫ-ޕީއެފްގެ ލީޑަރުގެ މަގާމަށް ހަމަޖައްސާފައި ވަނީ މީގެ ދެ ހަފުތާ ކުރިން ނައިބް ރައީސްގެ މަގާމުން މުގާބޭ ދުރުކުރި އެމާސަން ނަންގަގްވާ އެވެ. ޒިމްބާބުވޭ ސިފައިން ނުކުމެ ގައުމުގެ ކޮންޓްރޯލް ހޯދަން ޖެހުނީ ނަންގަގްވާ މަގާމުން ދުރުކުރުމުންނެވެ. އުމުރުން 93 އަހަރުގެ މުގާބޭ މި ފިޔަވަޅު އެޅުއްވީ ސިޔާސީ ގޮތުން އަނބިކަނބަލުން ގްރޭސްގެ ބާރު ގަދަކުރުމަށެވެ. މުގާބޭގެ އަނބިކަނބަލުން މިހާރު ވަނީ ޕާޓީން ވެސް ބޭރުކޮށްފަ އެވެ.
ޒަނޫ ޕީއެފް ޕާޓީގެ ސެންޓްރަލް ކޮމިޓީގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އޮބާޓް އެމްޕޮފޫ ވިދާޅުވީ ޒިމްބާބުވޭގައި 37 އަހަރުގެ ވެރިކަން ކުރެއްވި ލީޑަރުގެ ފަރާތުން ނާޖާއިޒް ބާރުތައް ހޯއްދަވަން އަނބިކަނބަލުން ގްރޭސް މަސައްކަތް ކުރެއްވި ކަމަށެވެ.
"މުގާބޭގެ އަނބިކަނބަލުންނާއި ގާތް ބޭފުޅުން މުގާބޭގެ ހާލަތުގެ ފައިދާ ނަގައި ސިޔާސީ ގޮތުން ބާރުގަދަކޮށް ގައުމުގެ މުއްސަނދިކަން ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާތީ ހިތާމަ ކުރަން. މި ތާރީޚީ ބައްދަލުވުމަށް ފަހު ޒިމްބާބުވޭގެ ހަޔާތުގައި އާ ބާބެއް ފެށިގެން ދާނެ،" އެމްޕޮފޫ ވިދާޅުވި އެވެ.
ޕާޓީގެ ލީޑަރުކަމުން މުގާބޭ ވަކިކުރުމުގެ ގަރާރު ފާސްކުރުމާ އެކު ބައްދަލުވުމުގެ ބައިވެރިން ވަނީ ހޫނު ތަރުހީބެއް ދީފަ އެވެ.
ޕާޓީގެ ލީޑަރުކަމުން މުގާބޭ ދުރުކުރި ނަމަވެސް އޭނާ އަކީ އަދިވެސް ގައުމުގެ ވެރިޔާ އެވެ. މުގާބޭ ގެންދަވަނީ އިސްތިއުފާ ދެއްވަން ދެކޮޅު ހައްދަވަމުންނެވެ. ސިފައިންގެ ވެރިން ވަނީ މުގާބޭއާ މިއަދު ބައްދަލު ކުރަން ހަމަޖެހިފަ އެވެ.
މުގާބޭއާ ދެކޮޅަށް ޒިމްބާބުވޭގައި އެތައް ހާސް ބަޔަކު އިއްޔެ ވަނީ މުޒާހަރާ ކޮށްފަ އެވެ. މުޒާހަރާގައި ބައިވެރިވި މީހުންގެ ތެރޭގައި އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މުގާބޭގެ ވަފާތެރިންގެ ގޮތުގައި ތިބި މީހުން ހިމެނެ އެވެ.