ވޮޝިންޓަނުގައި ހުންނަ ފަލަސްތީނުގެ އޮފީސް ބަންދުކުރަނީ
ވޮޝިންޓަނުގައި ހުންނަ ފަލަސްތީނުގެ އޮފީސް ބަންދުކުރަނީ

ވޮޝިންޓަން (ނޮވެމްބަރު 19) - ވޮޝިންޓަނުގައި ހުންނަ ފަލަސްތީން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) ގެ އޮފީސް ބަންދުކުރަން އެމެރިކާ އިން ނިންމައިފި އެވެ.

ފަލަސްތީނުން ބުނެފައި ވަނީ އެމެރިކާ އިން އެފަދަ ކަމެއް ކޮށްފި ނަމަ އެ ގައުމާ އެކު އޮންނަ ގުޅުންތައް ކަނޑާލާނެ ކަމަށެވެ. ޕީއެލްއޯގެ ސެކްރެޓަރީ ޖެނެރަލް ސައީބު އަރަކާތު ވިދާޅުވީ އެމެރިކާ އިން ކުރަން އުޅޭ ކަންތައް ބަލައި ނުގަނެވޭނެ ކަމަށެވެ.

އެމެރިކާ އިން ބުނެފައި ވަނީ އިޒްރޭލުގެ މައްސަލަތައް ބަލަން ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށް ފަލަސްތީނަށް ޕްރެޝަރު ނުކުރެވޭނެ ކަމަށެވެ. އަދި އެފަދަ ކަންތައް ކުރާ ނަމަ ފަލަސްތީނުގެ އޮފީސްތައް އެމެރިކާގައި ނުހިންގޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޕީއެލްއޯގެ އޮފީހެއް ވޮޝިންޓަނުގައި ހުޅުވީ 1994 ވަނަ އަހަރު އެވެ. ޕީއެލްއޯގެ އޮފީސް ވޮޝިންޓަނުގައި ހިންގަނީ ސްޓޭޓް ޑިޕާޓްމަންޓުން ދޫކުރާ ހަ މަސް ދުވަހުގެ ލައިސަންސެއްގެ ދަށުންނެވެ. ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައި ވަނީ ލައިސަންސް އާ ނުކުރަން ނިންމީ ބައިނަލްއަގުވާމީ ޖިނާއީ ކޯޓް (އައިސީސީ)އާ ގުޅޭ ގޮތުން ފަލަސްތީނުގެ ލީޑަރުން ދައްކަވާ ވާހަކަތަކުގެ ސަބަބުން ކަމަށެވެ.

އަރަކާތު ވިދާޅުވީ ޕީއެލްއޯގެ އޮފީސް ބަންދުކުރުމަށް އެމެރިކާ ސަރުކާރަށް އިޒްރޭލުން ޕްރެޝަރު ކުރަމުންދާ ކަމަށެވެ. އަދި ސުލްހައިގެ ވާހަކަތަކުގައި ފަލަސްތީނުން މަސްޣޫލުވެފައި ވަނިކޮށް އެމެރިކާ އިން އެ ގޮތަށް ކަންތައް ކުރަން އުޅުމަކީ ދެރަ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

އިޒްރޭލް ސަރުކާރުން ބުނެފައި ވަނީ ޕީއެލްއޯގެ އޮފީސް ބަންދު ކުރުމަކީ އެ ގައުމާ ގުޅުމެއް އޮތް ކަމެއް ނޫން ކަމަށާއި އެއީ އެމެރިކާގެ ގާނޫނުތަކާ ގުޅޭ ކަމެއް ކަމަށެވެ.

އިޒްރޭލާއި ފަލަސްތީނުގެ ސުލްހައިގެ ވާހަކަތައް ވަނީ 2014 ވަނަ އަހަރުން ފެށިގެން ހުއްޓިފަ އެވެ. ސުލްހައިގެ އެއްބަސްވުމަކަށް ދިއުމަށް އެ ފަހަރު އެންމެ ބޮޑަށް މަސައްކަތް ކުރި ފަރާތަކީ އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު ޖޯން ކެރީ އެވެ.