ޓްރަމްޕުގެ ޣައިރުގާނޫނީ އަމުރަށް ތަބައެއް ނުވާނަން: ނިއުކްލިއާ ކޮމާންޑަރު
ޓްރަމްޕުގެ ޣައިރުގާނޫނީ އަމުރަށް ތަބައެއް ނުވާނަން: ނިއުކްލިއާ ކޮމާންޑަރު

ވޮޝިންޓަން (ނޮވެމްބަރު 19) - ހަމަލާއެއް ދިނުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވާ ގާނޫނާ ޚިލާފު އަމުރަށް ތަބާނުވާނެ ކަމަށް އެމެރިކާގެ ނިއުކްލިއާ ކޮމާންޑަރު ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ސްޓްރެޓެޖިކް ކޮމާންޑުގެ ވެރިޔާ ޖެނެރަލް ޖޯން ހައިޓެން މިމޭރުމުން ވާހަކަ ދެއްކެވި އިރު ސެނެޓުގެ މެންބަރުން ވަނީ ނިއުކްލިއާ ހަމަލާ ދިނުމުގެ ބާރު ޓްރަމްޕުގެ އަތްޕުޅުގައި ބާއްވާނީތޯ މަޝްވަރާކޮށްފަ އެވެ. ބައެއް ސެނެޓަރުން ފާހަގަކުރި ގޮތުގައި ވަރަށް ޒިންމާދާރު ކުޑަގޮތެއްގައި ގައުމަކަށް ހަމަލާ ދޭން ޓްރަމްޕް އެންގެވުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ ވޭތުވެދިޔަ 40 އަހަރު ދުވަހު ތެރޭ މި ފަދަ މަޝްވަރާއެއް ކުރި ފުރަތަމަ ފަހަރެވެ.

ކެނެޑާގައި ބޭއްވި އިންޓަނޭޝަނަލް ސެކިއުރިޓީ ފޯރަމެއްގައި ވާހަކަ ދައްކަވަމުން ހައިޓެން ވިދާޅުވީ އޭނާ އަށް ކުރަން ޖެހޭ ކަމަކީ ރައީސް އަށް ލަފާއެރުވުން ކަމަށާއި ދެން ކަންތައް ކުރަންވީ ގޮތް އަންގާ ފަރާތަކީ ރައީސް ކަމަށެވެ.

"ރައީސްގެ އަމުރަކީ ޣައިރުގާނޫނީ އަމުރެއް ނަމަ އެ ވާހަކަ ރައީސަށް ދަންނަވާނަން،" ޖެނެރަލް ހައިޓެން ވިދާޅުވި އެވެ. "ޣައިރު ގާނޫނީ އަމުރެއް ތަންފީޒުކޮށްފި ނަމަ އުމުރުގެ ބާކީ އޮތްބައި ޖަލުގައި ހޭދަކުރަން ޖެހޭނެ."

މިދިޔަ އޮގަސްޓް މަހު ޓްރަމްޕް ވަނީ އެމެރިކާ އަށް ބިރު ދައްކާ ނަމަ ދުނިޔެ މިހާތަނަށް ދެކެފައި ނުވާވަރުގެ ވަރުގަދަ ހަމަލާއެއް ނޯތު ކޮރެއާ އަށް ދީފާނެކަމުގެ އިންޒާރު ދެއްވައިފަ އެވެ. ސެނެޓުގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ ރިޕަބްލިކަން ޗެއާމަން ބޮކް ކޯކާ މިދިޔަ މަހު ވިދާޅުވެފައި ވަނީ ޓްރަމްޕުގެ އަމަލުތައް ހުންނަ ގޮތުން ތިން ވަނަ ބޮޑު ހަނގުރާމަ އަކަށް އެމެރިކާ ގެންގޮސްފާނެ ކަމަށެވެ.