ގެއްލުނު ސަބްމެރިންގެ ސިގްނަލް ލިބެން ފަށައިފި
ގެއްލުނު ސަބްމެރިންގެ ސިގްނަލް ލިބެން ފަށައިފި

ބިއުނަސް އޭރީޒް (ނޮވެމްބަރު 19) - ގެއްލުނު އާޖެންޓީނާގެ ސަބްމެރިނުންް ކަމަށް ބެލެވޭ ސެޓެލައިޓް ސިގްނަލް ލިބެން ފަށާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ޑިފެންސް މިނިސްޓްރީން ބުނީ ސެޓެލައިޓް ސިގްނަލް ލިބުނު ލޮކޭޝަން ފާހަގަ ކުރަމުންދާ ކަމަށެވެ. ގެއްލުނު އާޖެންޓީގެ ސަބްމެރިން ހޯދުމުގެ މަސައްކަތް އެ ގައުމުގެ ސިފައިން ސައުތު އެޓްލާންޓިކްގައި ވަނީ ފުޅާކޮށްފަ އެވެ. ބެލެވޭ ގޮތުގައި ސަބްމެރިންގެ މުވާސަލާތީ ގުޅުން ކެނޑުނީ ކަރަންޓް ކެނޑުމުގެ ސަބަބުންނެވެ.

ސާޅީސް ހަތަރު މީހުންނާ އެކު ސެން ހުއާން ސަބްމެރިންއާ ގުޅުން ކެނޑުނީ މިދިޔަ ބުދަ ދުވަހު ހެނދުނު އެވެ. ސަބްމެރިން ހޯދުމަށް ނާސާގެ މަތިންދާ ބޯޓެއް ދަނީ ބޭނުން ކުރަމުންނެވެ. އިނގިރޭސި ވިލާތާއި ދެކުނު އެމެރިކާގެ އެހެން ބައެއް ގައުމުތަކުން ވަނީ ސަބްމެރިން ހޯދުމުގައި އެހީތެރިވާނެ ކަމަށް ބުނެފަ އެވެ. ސަބްމެރިން ހޯދުމުގައި ދަތިވެފައި ވަނީ ވައި ގަދަވުމާއި ކަނޑުގަދަވުމުގެ ސަބަބުންނެވެ.

ޑީސަލް-އިލެކްޓްރިކް ސަބްމެރިން ގެއްލުނީ ދެކުނު އެމެރިކާގެ އެންމެ ދެކުނު ކޮޅުގައި އޮންނަ އުޝުއައިއާ އަށް ކުރި ދަތުރަކަށް ފަހު އާޖެންޓީނާގެ ވެރިރަށުގެ ދެކުނުން އޮންނަ ސަބްމެރިންގެ ބަނދަރަށް ދަތުރު ކުރަނިކޮށެވެ. ސަބްމެރިންނާ އެންމެ ފަހުން މުވާސަލާތު ކޮށްފައި ވަނީ ބުދަ ދުވަހު ހެނދުނު އެވެ. ސަބްމެރިންނާ އެންމެ ފަހުން ގުޅުނު އިރު ހުރި ސަރަހައްދު ވަނީ އާޖެންޓީނާގެ ކަނޑުގެ ސިފައިންގެ އުޅަނދުތަކުން ބަލައިފަ އެވެ.

ޖަރުމަނުގައި ބަނދެފައިވާ ސަބްމެރިން ޚިދުމަތަށް ނެރެފައި ވަނީ 1983 ވަނަ އަހަރު އެވެ. ގެއްލިފައި ވަނީ އާޖެންޓީނާގެ ކަނޑުގެ ސިފައިންގެ ފްލީޓުގައި އޮތް ތިން ސަބްމެރިންގެ ތެރޭން އެންމެ އާ ސަބްމެރިން ވެސް މެ އެވެ.