20 ނޮވެމްބަރ 2017 - 06:47

އެނާޖީ ޑްރިންކް ބުއިމުން ހަށިގަނޑަށް ލިބޭ ގެއްލުންތަކުގެ ވާހަކަ މިހާރަކަށް އައިސް އަބަދުވެސް ދެކެވެ އެވެ. ސައިންސްވެރިން މިހާރު ބުނާ ގޮތުގައި މިއީ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ވެސް ގެއްލުން ލިބޭ އެއްޗެކެވެ.
ސައިންސްވެރިން ބުނީ ކިތަންމެ ބުރަކޮށް އުޅުނަސް ހަކަތަ އިތުރުކޮށްލަން އެނާޖީ ޑްރިންކެއް ބޯލުމުގެ ބަދަލުގައި ކޮފީއެއް ވެސް މާ ރަނގަޅު ކަމަށެވެ.
"އެނާޖީ ޑްރިންކް ބުއިމުން ދިމާވާ މައްސަލަތައް އަހަރެމެން ޚުލާސާ ކޮށްލިއިރު އެފަދަ ބުއިންތަކުން ލިބޭ ގެއްލުންތަކުގެ ތެރޭގައި ހިތާއި ކިޑްނީ އަދި ދަތްތަކަށް ލިބޭ ގެއްލުންތައް ފާހަގަކުރެވުނު. އަދި މިޒާޖު ގޯސްވުމާއި ސިކުނޑީގެ މައްސަލަތައް ވެސް ދިމާވޭ،" ދިރާސާގައި މަސައްކަތް ކުރެއްވި ޑރ. ޖޯސީމާ މަޓޭއި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިއްހަތަށް ލިބޭ މިި ނުރައްކާ ތަކަކީ ކެފެއިން އެކުލެވޭ ހަކުރު އަޅާފައިވާ އެހެން ބުއިންތަކުގައި ވެސް ހުންނަ ނުރައްކާތަކެއް ކަމަށެވެ.
"ސަބަބަކީ އެ އެއްޗެތީގައި ޓޯރީން، ގުއަރަނާ އަދި ޖިންސެންގް ފަދަ، ސިކުނޑިއާ ކުޅެލާ ކެމިކަލްތައް ހުންނާތީ. އާންމުކޮށް ގިނަ ބަޔަކު ބޮއެ އުޅޭ މަޝްހޫރު ބައެއް އެނާޖީ ޑްރިންކްތަކުގައި މި ވައްތަރުގެ ކެމިކަލް ހުރޭ،" އޭނާ ވިދާޅުވި އެވެ.
މިފަދަ ބުއިންތަކަށް ވިޓަމިންސް އާއި މިނަރަލްސް ވެސް އަޅާފައި ހުރެ އެވެ. އެހެންވެ މީގެ ބުއިމެއް ބޯލާއިރަށް އެމީހަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން އިހްސާސް ކުރެވޭ ގޮތްވެ އެވެ. އަދި މި ބުއިންތަކުން މީހާގެ ސިއްހަތު ރަނގަޅުވާ ކަމުގެ ކުށް ހީ ވެސް މީހުންނަށް ކުރެވޭގޮތްވެ އެވެ.
ނަމަވެސް މިފަދަ އެނާޖީ ޑްރިންކްތަކަށް އަޅާފައި ހުންނަ ވިޓަމިންސް އާއި މިނަރަލްސްގެ އެކަށީގެންވާ އަސަރު އެ ބޯ މީހުންނަށް ނުކުރާ ސަބަބަކީ ކޮންމެ ކޯވަރެއްގައި ހިމެނޭ ކެފެއިން އާއި ހަކުރު ގިނަވުމެވެ.
އަމިއްލަ ނަފްސަށް ގެއްލުން ދޭން މަސައްކަތް ކުރެވޭގޮތް ވުމާއި މަސްތުވާ ތަކެއްޗަށް ދޯޅުވުމާއި ހަރުކަށިކަން އިތުރު ވުމާއި ހިތްނުތަނަވަސްވުމާއި ސްޓްރެސް އިތުރުވުމާއި ލޭގެ ޕްރެޝަރު މަތިވުމާއި ކިޑްނީއަށް ގެއްލުންވުމާއި ލޮޑުވެ ވަރުބަލިވުން އަދި ބަނޑުގައި ރިއްސުމާއި ސިނގުރުޅި އައުމަކީ އެނާޖީ ޑްރިންކް ވެދާނެ ކަންކަމެވެ.
ޑރ. މަޓޭއި ވިދާޅުވީ މިދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި އެނާޖީ ޑްރިންކް އުފެއްދުމުގެ ސިނާއަތު އަޖައިބުވާ މިންވަރަކަށް ކުރިއަރާފައިވާ ކަމަށެވެ.
"އާއްމުގޮތެއްގައި އެނާޖީ ޑްރިންކް މާކެޓްކުރަނީ ސިއްހަތަށް ފައިދާހުރި ބުއިމެއްގެ ގޮތުގައި. ހަކަތަ އިތުރުކޮށްލައި ވަރުބަލިނުވެ ގިނައިރު ހުރެވޭ އަދި އެތުލީޓުންގެ ޕާފޯމަންސެއް ރަނގަޅުކޮށްދީ ޕާފޯމަންސް ރަނގަޅުވާ އެއްޗެއްގެ ގޮތުގައި. ނަމަވެސް އަހަރެންގެ ހޯދުމުން ދައްކަނީ ވަގުތީ ގޮތުން މިފަދަ ކަންތައްތައް ވާކަމަށް ބެލެވުނަސް އޭގެ އާޚިރު ނަތީޖާ ވަރަށް ގޯސް ކަމަށް،" ސައިންސްވެރިޔާ ވިދާޅުވި އެވެ.