ހޮލީވުޑްގެ ފުރަތަމަ ތަޖުރިބާ އުފާވެރިއެއް ނޫން: އިރްފާން
ހޮލީވުޑްގެ ފުރަތަމަ ތަޖުރިބާ އުފާވެރިއެއް ނޫން: އިރްފާން

ބޮލީވުޑް އެކްޓަރުންގެ ތެރެއިން އިރްފާން އަކީ ހޮލީވުޑްގައި މިހާރު އެންމެ ބޮޑު ކާމިޔާބީއެއް ހޯދާފައިވާ އެކްޓަރެވެ. ނަމަވެސް އޭނާ ބުނި ގޮތުގައި ހޮލީވުޑް ފިލްމުތައް ކުޅެން ފެށިތާ ކުރީކޮޅު އޭނާއަކަށް ހޮލީޑުން މަރުހަބާއެއް ނުކިޔެވެ.

ދާދިފަހުން ރިލީޒްވި "ގަރީބް ގަރީބް ސިންގަލް"ގެ ބަތަލު އިރްފާން ބުނީ ބޮލީވުޑްގައި ރަނގަޅު މަސައްކަތެއް ކުރިޔަސް ނުފުދޭނެ ކަމަށާއި ހޮލީވުޑްގައި ވެސް އެފަދަ މަސައްކަތްތަކެއް ކޮށްފައި ދައްކަބަލާށޭ ބުނާ ކަހަލަ މެސެޖެއް ހޮލީވުޑުން ލިބުނު ކަމަށެވެ.

އިރްފާން ބުނީ ހުނަރު ދައްކާލެވޭ ކަހަލަ މޮޅު ފިލްމެއް ނަމަ ހޮލީވުޑްގެ އިތުުރުން އެހެން ތަނަކުން ލިބުނަސް މަސައްކަތްކުރަން ތައްޔާރު ކަމަށެވެ.

ހޮލީވުޑް ޕްރޮޖެކްޓްތައް ފުރިހަމަކުރަން ހަދައިގެން ވަރަށް ރަނގަޅު ބޮލީވުޑް ފިލްމުތައް ގެއްލިފައިވާ ކަމަށް ވެސް އިރްފާން ބުންޏެވެ. އެހެން ދިމާވިޔަސް އޭނާ ދެން ވެސް ކަންތައް ކުރާނީ އެގޮތަށް ކަމަށާއި ފައިސާ އަށް ވުރެ އޭނާއަށް މުހިއްމީ ކުޅޭ ރޯލު ރަނގަޅުވުން ކަމަށް ވެސް އިރްފާން ބުންޏެވެ.

"އަންގް ލީ ކަހަލަ ޑައިރެކްޓަރުުންގެ ފިލްމުތަކުގައި މަސައްކަތް ކުރާއިރު އޭނާގެ ޑިމާންޑްތައް ވަރަށް ތަފާތު ވާނެ. މީހާ ތަރި ބުރައިގެންދާވަރު ވާނެ އޭނާ ކުރަން ބުނާ ކަންތައްތަކުން. އޭނާ ހަވާލުކުރާ ކެރެކްޓާއެއް ކުޅުމަށް އެ ކެރެކްޓާއަކާ ބެހޭ މައުލޫމާތު ހޯދައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭނެ،" އިރުފާން ބުންޏެވެ.

"އެހެންވެ އެފަދަ ތަޖުރިބާތަކުން އަހަރެންގެ ބެޓެރީ އަލުން ޗާޖްވޭ. އަދި އަހަރެންނަށް މުޅިން އާ ދިރުމެއް ލިބިގެންދޭ. ސަބަބަކީ އަހަރެން އެ ވާހަކައިގައި ކުޅޭ ކެރެކްޓާއާ މެދު ދެކޭ ގޮތް ވަރަށް ބޮޑަށް ބަދަލުވެގެން ދާތީ،" ހޮލީވުޑް ތަޖުރިބާ ކިޔައިދެމުން އިރްފާން ބުންޏެވެ.