22 ނޮވެމްބަރ 2017 - 09:10

ވިދްޔާ ބާލަންގެ "ތުމްހާރީ ސޫލޫ" އަށް ފާޑުކިޔުންތެރިން ވަރަށް ބޮޑަށް ތައުރީފުކުރި ނަމަވެސް ފެށުން ދިޔައީ ރަނގަޅަކަށް ނޫނެވެ. ހުކުރު ދުވަހު މި ފިލްމު ސިނަމާތަކުގައި އަޅުވާފައި ވާއިރު ފުރަތަމަ ދުވަހު ލިބުނީ އެންމެ 28 މިލިއަން ރުޕީސް ކަމަށް ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ބުނެފައިވެ އެވެ.
މި ފިލްމުގައި ވިދްޔާ ކުޅެފައިވަނީ ސަލޯޗަނާ ނުވަތަ ސޫލޫގެ ބައެވެ. ސޫލޫ އަކީ ގެވެހި އަންބެކެވެ. އެއާއެކު އާރްޖޭ އެކެވެ. ދަންވަރު ފޮނުވާ ސޫލޫގެ ޝޯ "ސާރީ ވާލީ ބާބީ" އަށް ވަރަށް ބޮޑު މަޝްހޫރުކަމެއް ލިބެ އެވެ.
ތަރަން ބުނަނީ "ތުމްހާރީ ސޫލޫ"ގެ ފުރަތަމަ ދުވަހުގެ ކަލެކްޝަން ދަށަސް ކުރިޔަށް އޮތް ދުވަސްތަކުގައި ވިޔަފާރި ރަނގަޅު ވެދާނެ ކަމަށް ބެލެވޭ ކަމަށެވެ.
މި ފިލްމު ކާމިޔާބު ކުރުމުގެ ޒިންމާ އޮތީ ވިދްޔާގެ ކޮނޑުގަ އެވެ. އަދި އޭނާ ވަނީ ވަރަށް ފުރިހަމަ ފިލްމުގެ ވާހަކައަށް އިންސާފުވެސް ކޮށްދީފަ އެވެ.
"ތުމްހާރީ ސޫލޫ" އަކީ އާދައިގެ ހިންދީ ފިލްމުތަކާ ތަފާތު ކޮންސެޕްޓެއްގެ ފިލްމެކެވެ. ތަފާތު، ރީތި ފިލްމު ބަލަން ބޭނުންވާ މީހުންނަށް މި ފިލްމު ކަމުދާނެ ކަމަށް ބެލެވެ އެވެ.
މި ފިލްމުގައި ސޫލޫގެ ފިރިމީހާގެ ރޯލު އަދާކޮށްފައި ވަނީ މާނަވް ކޯލް އެވެ. ސުރޭޝް ޓްރިވޭނީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ނެހާ ދޫޕިއާ އާއި އާރްޖޭ މަލިޝްކާ ވެސް މުހިއްމު ބައިތަކެއް ކުޅެ އެވެ.
މިއީ "ބޭގަމް ޖާން" އަށް ފަހު މިއަހަރު ރިލީޒްވި ވިދްޔާގެ ދެ ވަނަ ފިލްމެވެ.
"ތުމްހާރީ ސޫލޫ" އާ އެކު ހުކުރު ދުވަހު ރިލީޒްކުރި އަނެއް ފިލްމަކީ "އަކްސަރް 2" އެވެ. ކްރިޓިކްސް އަކަށް ފިލްމާ ބެހޭ ގޮތުން ދައްކާނެ މާ ރަނގަޅު ވާހަކަތަކެއް ނުފެނުނެވެ. އަދި ބެލުންތެރިން ވެސް ފިލްމަށް މާ ރަނގަޅު ތަރުހީބެއް ނުދިނެވެ. ފުރަތަމަ ދުވަހު ފިލްމަށް ލިބުނީ 14 މިލިއަން ރުޕީސް އެވެ.
ޒަރީން ޚާނާއި ޓީވީ އެކްޓަރު ގޯތަމް ރޯޑޭ ލީޑް ރޯލުކުޅެފައިވާ މި ފިލްމަކީ ކުޑަ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ. އެހެންކަމުން ޓެލެވިޒަން ރައިޓްސް ވިއްކާލައިގެން ކޮންމެވެސް ވަރަކަށް ޚަރަދު ސަލާމަތް ކުރެވިދާނެ ކަމަށް ބެލެވެ އެވެ.