20 ނޮވެމްބަރ 2017 - 06:43

މިހާރު ކަލާޒް ޗެނަލުން ދައްކާ ރިއަލިޓީ ޝޯ "ބިގް ބޮސް"ގެ 11 ވަނަ ސީޒަން މިހާރު ވަނީ ވަރަށް ޝައުގުވެރިވާ ހިސާބަކަށް ގޮސްފަ އެވެ. މި ހަފުތާގައި ބިގް ބޮސްގެ ގެއިން ނެރެލުމަށް ނޮމިނޭޓްވީ ހީނާ ޚާން އާއި ސަޕްނާ ޗައުދަރީ އަދި ބިނާފްޝާ ސޫނާވާލާ އެވެ.
ފާއިތުވީ ތިން ހަފުތާގައި ވެސް ބިނާފްޝާ ނޮމިނޭޓް ވެފައިވެ އެވެ. އެންމެ ފަހުން މިހަފުތާގައި އެންމެ މަދުން ވޯޓު ލިބިގެން އޭނާއަށް ބިގް ބޮސްގެ ގެއިން ދާން ޖެހުނީ އެވެ.
ސަޕްނާ އަކީ ހަރްޔާނާ މީހަކަށް ވާތީ އެ ސްޓޭޓްގެ އެންމެން ކަހަލަ ގޮތަކަށް ސަޕްނާ އަށް ވޯޓު ދެމުން އަންނައިރު "ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ"ގެ ލީޑް ރޯލު އަށެއްކަ އަހަރު ކުޅެފައިވާ، ފޭނުން ގިނަ ހީނާ ސަލާމަތްކުރަން އޭނާގެ ފޭނުން ވޯޓު ދެ އެވެ.
ބިނާފްޝާގެ މާ ގިނަ އެކުވެރިންނެއް ވެސް ބިގް ބޮސްގެ ގެއަކު ނެތެވެ. އޭނާ އެންމެ ގުޅެނީ ޕްރިޔަންކް ޝަރުމާ އާއި ހީނާ ޚާންއާ އެވެ. އަދި ގިނައިން އުޅޭތީ ފެންނަނީ އެކަންޏެވެ. އެހެންވެ ބިގް ބޮސްގެ ފޭނުން ވެސް ބިނާފްޝާއަށް މާ ބޮޑު ތާއީދެއް ނުކުރެ އެވެ.
އެންމެ ބޮޑު ޑްރާމާއެއް ހިނގީ ޕްރިޔަންކް ޝަރުމާ އާއި ބިނާފްޝާގެ ގުޅުމާ ހެދި އެވެ. ޕްރިޔަންކްގެ ހަގީގީ ލޯބިވެރިޔާ ދިވްޔާ އަގަރްވާލް އަށް ބިނާފްޝާ އާއި ޕްރިޔަންކްގެ ގުޅުން ހަޖަމު ކުރެވޭ ގޮތެއް ނުވި އެވެ. އެހެންވެ ދިވްޔާ ވަނީ ޕްރިޔަންކްއާ ރުޅިވިކަން އިއުލާން ކޮށްފަ އެވެ.
އަނެއްކޮޅުން ބިނާފްޝާގެ ލޯބިވެރިޔާ ވަރުން ސޫދް ވެސް ޕްރިޔަންކް އާއި ބިނާފްޝާގެ ގުޅުމާ މެދު ހިތްހަމައެއް ނުޖެހެ އެވެ. ބިގް ބޮސްގެ ގޭގައި ބިނާފްޝާ އެއްވެސް ކަމެއް ނުކުރާ މައްސަލަ ޖެއްސި ފަހުން ބިނާފްޝާ ވަނީ އާކާޝް ދަދްލާނީ އޭނާގެ ހަށިގަނޑު ހުންނަ ގޮތަށް މަލާމާތް ކުރި ކަމަށް ބުނެ މައްސަަލަ ޖައްސައިފަ އެވެ. މި ކަމާ ބިގް ބޮސްގެ ގޭގައި ވަރުގަދަ އަރާރުންތަކެއް ހިނގި އެވެ. ޕްރިޔަންކް އާއި ހީނާ ތިބީ ބިނާފްޝާއާ އެއްކޮޅަށެވެ. އެހެން ހުރިހާ ބައިވެރިން އަނެއް ކޮޅުގަ އެވެ.
ބިގް ބޮސްގެ ގެއިން ބޭރު ކޮށްލިޔަސް ބިނާފްޝާ ދެރަވާނެ ކަމަކަށް ނުބެލެވެ އެވެ. ނަމަވެސް ބެލުންތެރިން ވަރަށް މާޔޫސް ވާނެ އެވެ. ސަބަބަކީ މި ގޭމް ކުޅޭ ގޮތް އަދި ބިނާފްޝާ އަށް ކިރިޔާ ދަސްވާން ފެށިއިރަށް އޭނާއަށް ނުކުންނަން ޖެހުނީމަ އެވެ.