ހުޅުމާލޭގެ އާ ފްލެޓްތަކުގައި ދިރާސީ އަހަރު ފެށެން ވާއިރަށް މީހުން ދިރިއުޅެން ފަށާނެ: މުއިއްޒު
ހުޅުމާލޭގެ އާ ފްލެޓްތަކުގައި ދިރާސީ އަހަރު ފެށެން ވާއިރަށް މީހުން ދިރިއުޅެން ފަށާނެ: މުއިއްޒު

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އަލަށް އިމާރާތްކުރި 704 ފްލެޓްގައި، އަންނަ ދިރާސީ އާ އަހަރު ފެށުމުގެ ކުރިން މީހުން ދިރިއުޅެން ފަށާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގެ އާ ފްލެޓްތަކުގައި ދިރާސީ އަހަރު ފެށެން ވާއިރަށް މީހުން ދިރިއުޅެން ފަށާނެ: މުއިއްޒު
ހުޅުމާލޭގެ އާ ފްލެޓްތަކުގައި ދިރާސީ އަހަރު ފެށެން ވާއިރަށް މީހުން ދިރިއުޅެން ފަށާނެ: މުއިއްޒު

މިދިޔަ އަހަރު ނިންމި އެ ފްލެޓްތަކަށް 14،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި ނަމަވެސް، އެންމެ މަތިން ޕޮއިންޓް ލިބިގެން ފްލެޓް ކަށަވަރުވީ މީހުންގެ ލިސްޓު ހައުސިން މިނިސްޓްރީން މިދިޔަ ސެޕްޓެމްބަރު މަހު ވަނީ އާއްމުކޮށްފަ އެވެ.

ހުޅުމާލޭ ދެ ވަނަ ފިޔަވަހިން ގާތްގަނޑަކަށް 80،000 މީހުންނަށް ފްލެޓް އިމާރާތް ކުރުމުގެ ބިޔަ މަޝްރޫއު ފެށުމަށް ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، މަގްސަދަކީ އަންނަ އަހަރުގެ ސްކޫލުތަކުގެ ކިޔެވެން ފެށެންވާއިރަށް 704 ފްލެޓްގައި މީހުން ދިރިއުޅެން ފެށުން ކަމަށެވެ. އަދި އެކަން ކާމިޔާބު ކުރުމަށް ހައުސިން މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީ އާއި އެހެން ވެސް ކަމާ ބެހޭ އިދާރާތަކާއެކު މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ފްލެޓް ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލު ކުރި ކަމަށް ތުހުމަތު ކުރެވުނު ނަމަވެސް މިނިސްޓަރު ވިދާޅުވީ އެ ފްލެޓްތައް ދީފައިވަނީ އެކަމަށް އެންމެ ހައްގުވާ މީހުންނަށް ކަމަށެވެ. އަދި އެއީ ބޯހިޔާވަހިކަމަށް ވަރަށް ބޭނުންވެފައި ތިބި ނިކަމެތި ކަމަށާއި އޭގެ އެންމެ ހައްގުވެރިން ހޮވުމަށް ބުރަކޮށް މަސައްކަތް ކުރަން ޖެހުނު ކަމަށް ވިދާޅުވި އެވެ.

"އެކަމަކު ފްލެޓަށް ކުރިމަތިލި 14،000 މީހުންނަކީ ވެސް އެކަމަށް ވަރަށް ބޭނުންވެފައި ތިބި މީހުން. ފްލެޓަށް މީހުން ހޮވި ފަހުން ވެސް އެތައް ބަޔަކު އަޅުގަނޑާ ބައްދަލު ކުރި." މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފްލެޓަށް ކުރިމަތިލި އެންމެންނަކީ ވެސް އެއަށް ހައްގުވާ މީހުން ކަމަށާއި އިތުރު ފްލެޓްތައް އަޅަން ރައީސް އަބްދުﷲ ޔާމީން ނިންމެވީ އެ މީހުންނަށް ބޯހިޔާވަހިކަން ހޯއްދަވައިދިނުމަށް ކަމަށެވެ.

ހުޅުމާލޭން ދޫކުރާ މި ފްލެޓްތަކުގެ ކުލީގެ ގޮތުގެ ކަނޑައަޅާފައިވަނީ 25 އަހަރަށް ބަހާލައިގެން މަހަކު 6،000 ރުފިޔާ އެވެ. އަދި ޑައުންޕޭމަންޓްގެގޮތުގައި ދައްކަން ޖެހެނީ 25،000 ރުުފިިޔާ އެވެ.

ހައުސިން މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި ތިން ކޮޓަރީގެ ފްލެޓްގައި ދިރިއުޅޭނީ އޭގެ ހައްގުވެރިންކަން ޔަގީންކުރާނެ ކަމަށާއި ފްލެޓް ހަވާލު ކުރާނީ ވެސް އެކަން ޔަގީން ކުރުމަށް އެގްރީމެންޓް ހެދުމަށް ފަހުގައި ކަމަށެވެ.

މުއިއްޒު ވަނީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލު މި ޖަލްސާގައި ދެއްވާފަ އެވެ.

އޭނާ ވިިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ވެސް މަސައްކަތް ކުރެއްވީ ސުނާމީގައި ގޯތިގެދޮރު ގެއްލުނު މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށެވެ. އަދި އެއީ އޭގެ 10 އަހަރު ކުރެއްސުރެ ހައްލު ނުވެފައި އޮތް މައްސަލައެއް ކަމަށާއި އެކަން، އެ މަނިކުފާނު އެންމެ އަހަރެއްގެ ތެރޭގައި ކޮށްދެއްވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރައީސް ޔާމީނަކީ ހުސް ވައުދުވާ ބޭފުޅެއް ނޫން. އެ މަނިކުފާނު ވާހަކަފުޅެއް ވިދާޅުވެއްޖެ ނަމަ ރައްޔިތުންނާ ހަމައަށް ވަޑައިގަންނަވަނީ އެކަން ކުރާނެ ގޮތްތަކާއެކު." ވޭތުވެ ދިޔަ ހަތަރު އަހަރު ސަރުކާރުން ގެނެސްފައިވާ ތަރައްގީތައް ފާހަަގަ ކުރައްވަމުން މުއިއްޒު ވިދާޅުވި އެވެ.