އެންއައިސީގެ ތަހުގީގުތަކަށް ފުލުހުންގެ ވެރިން ހުރަސް އަޅާކަމަށް ތުހުމަތުކޮށްފި
އެންއައިސީގެ ތަހުގީގުތަކަށް ފުލުހުންގެ ވެރިން ހުރަސް އަޅާކަމަށް ތުހުމަތުކޮށްފި

ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ތަހުގީގުތަކަށް ފުލުހުންގެ ބައެއް އިސްވެރިން ހުރަސް އަޅާކަމަށް އެ ކޮމިޝަނުން މިއަދު ތުހުމަތުކޮށްފި އެވެ.

ފުލުހުންނާ ގުޅުން ހުރި މައްސަލަތައް ބެލުމަށް 2015 ވަނަ އަހަރު އުފެއްދި އެ ކޮމިޝަނުގެ ރައީސް، ޔޫސުފް މާނިއު މުހައްމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަންތައްތަކާ މަޝްވަރާ ކުރުން ދެން ނިމުނީ ކަމަށެވެ. އަދި އެ ކޮމިޝަނުގެ ތަހުގީގުތަކަށް ހުރަސް އަޅާ ފުލުހުންގެ ލީޑާޝިޕާ މެދު ވެސް އެންއައިސީ އަށް ލިބިފައިވާ ގާނޫނުގެ ބާރު ހިފާނެ ކަމަށް އޭނާ އިންޒާރު ދެއްވި އެވެ.

ޓްވީޓުގެ ތަފްސީލު ދެއްވަމުން މާނިއު ވިދާޅުވީ ފުލުހުންނާ ގުޅުން ހުރި ގިނަ މައްސަލަތަކެއް އެތަނަށް ހުށަހަޅާފައިވާއިރު އެ މައްސަލަތައް ބެލުމަށް ފުލުހުންގެ އިސްވެރިންގެ އެއްބާރުލުން ނުލިބޭ ކަމަށެވެ. އަދި ސިޓީ ފޮނުވައިގެންނާއި މަޝްވަރާކޮށްގެން މިހާތަނަށް އެކަމަށް ހައްލެއް އައިސްފައި ނުވާތީ، އެ ކޮމިޝަނަށް ލިބިފައިވާ ބާރުގެ ބޭނުންކޮށްގެން ވެސް މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް މައްސަލަތައް އެބަހުރި ގިނަވެގެން މަހެއްހާ ދުވަހުގެ ތެރޭގައި ވެސް ނިންމާލެވޭނެ. އެކަމަކު ފުލުހުންގެ ކަމާ ބެހޭ ފަރާތްތަކާ ނުގުޅި، އެ ބޭފުޅުންގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން މައްސަލަތައް ނުބެލި އެބަ އެތައް މަހެއް ހޭދަވޭ،" ކުރިން ކަސްޓަމްސް އިންޓަގްރިޓީ ކޮމިޝަންގެ ރައީސްކަން ވެސް ކުރެއްވި މާނިއު ވިދާޅުވި އެވެ.

އޭނާ ފާހަގަ ކުރެއްވި ގޮތުގައި އެ މައްސަލަތައް ހައްލު ކުރެވޭނީ ފުލުހުންގެ ލީޑާޝިޕުން އެކަމަށް އެއްބާރުލުން ދީގެންނެވެ. އަދި ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތައް ބަލައިގެން މަގާމު ގެއްލިދާނެތީ ކަންބޮޑުވެ ވަޑައިނުގަންނަވާ ކަމަށް މާނިއު ވިދާޅުވި އެވެ.

އޭނާ މިގޮތަށް ވާހަކަ މި ދެއްކެވީ މިނިވަން މުއައްސަސާތަކަށް ސަރުކާރުގެ ނުފޫޒު ފޯރައި، އެތަންތަނުގެ ނިންމުންތައް މިނިވަން ނޫން ކަމަށް ބުނެ ޝަކުވާތައް ގިނަވެފައި އޮއްވަ އެވެ. އެންއައިސީ ނޫން އެހެން މުއައްސަސާއަކުން މި ފަހަކުން މިގޮތަށް، ދައުލަތުގެ އަދި މުއައްސަސާއެއްގެ ވެރިންނާ މެދު މި ފަދަ ތުހުމަތެއް ކޮށްފައެއް ނުވެ އެވެ.

ސަރުކާރުން އެންއައިސީ އުފެއްދީ، ފުލުހުންގެ މައްސަލަތައް ބެލުމަށް ކުރިން އޮތް ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ) އުވާލުމަށް ފަހު އެވެ. އަދި ކަސްޓަމްސް އިންޓަގްރިޓީ ކޮމިޝަނުން ބަލަމުން އައި މައްސަލަތަކާއި އިމިގްރޭޝަން އަދި ކަރެކްޝަނަލް ސާވިސްގެ މައްސަލަތައް ވެސް މިހާރު ބަލަނީ މި ކޮމިޝަނުންނެވެ.

މާނިއު ވިދާޅުވީ ފުލުހުންގެ މުއައްސަސާ ނޫން އެހެން ހުރިހާ ތަނަކުން ވެސް މައްސަލަތައް ބެލުމަށް އެ ކޮމިޝަނަށް އެއްބާރުލުން ދޭ ކަމަށެވެ.