19 ނޮވެމްބަރ 2017 - 06:54

އަހަންނަށް ބަލައިލެވުނީ އިނާޔާއަށެވެ. އަހަންނަށް އިންޒާރުދޭން ލަކްޝަމީ މީ ކާކުހޭ އަހާ ކަހަލަ ގޮތަކަށެވެ. އިނާޔާ އެ ކަން ކަމަކަށް ނުހެދިއެވެ.
"ދެން އަހަރުމެން އައި ކާރަށް ކިހިނެއް ހަދަނީ؟" އިނާޔާ ދެއްކީ މުޅީން އެހެން ވާހަކައެކެވެ. "އޭނަ ދޫކޮށްލައިފިއްޔާ އަހަންނަކަށް ހިޔެއް ނުވޭ މި ތަނަކުން ކާރެއް ލިބޭނެހެނެއް ވެސް."
މަގުމައްޗަށް ނުކުމެ ޑުރައިވަރާ ވާހަކަދެއްކީމެވެ.
"ބެންގަލޫރަށް ދާން މިކޮޅުން ކާރެއް ލިބޭނެތަ؟" އަހަރެން އެހީމެވެ.
"ނަސީބު ރަނގަޅިއްޔާ ފަހަރެއްގަ ލިބިދާނެ،" އޭނަ ޖަވާބުދިނެވެ. "އެހެން ނޭނގެ ބުނާކަށް. ބަސްދަތުރު އޮންނާނެ. ހަފުތާއަކު އެއް ދުވަހު."
އެ ދުވަހެއް ޖެހެންދެން އަހަރުމެންނަކަށް އޫޓީއަކު ނުތިބެވޭނެއެވެ. އަނެއްކޮޅުން ބަސް ހުއްޓާ ތަނަށް ދާކަށް ވެސް އަހަރުމެންނަކަށް ނޭނގެއެވެ. ހިރާހެއް ނަގާކަށް އަހަރެން ބޭނުމެއް ނޫނެވެ. ވީމާ، ޑުރައިވަރުގެ ނަންބަރު އަހަރެންގެ ފޯނުގައި ރައްކާކޮށްލީމެވެ.
"ނައްޓާލަންވީމަ ގުޅާނަން،" އަހަރެން ބުނީމެވެ. "މި ކޮޅުގަ މަޑުކުރާތި!"
"މި ކޮޅަކު މަޑެއް ނުކުރެވޭނެ،" ޑުރައިވަރު ބުންޏެވެ. "ފުރަން ބޭނުންވާ ދުވަހު ހެނދުނު މަށަށް ގުޅާލާ! މި ކޮޅަށް އަންނަން ނަގާނެ ތިން ގަޑިއެއްހާއިރު. މެންދުރަށް މި ކޮޅަށް ފޯރާނެ. އެ ކޮޅަށް ދާން ވެސް ނަގާނެތާ ތިން ގަޑިއިރު. އޭރުން ހަވީރަށް ދެވޭނެ. ލަސްވެގެން އިރު އޮއްސުމުގެ ކުރިން އަހަރުމެން ޖެހޭނެ އޫޓީން ނުކުންނަން."
"ނުނިކުމެވިއްޖެއްޔާ؟" އިނާޔާ ކަންބޮޑުވެފައި އެހިއެވެ.
"އަހަރުމެން ޖެހޭނެ ދެ ޖަންގަލި ހުރަސްކުރަން،" ޑުރައިވަރު ކިޔައިދިނެވެ. "އެއް ތަނަކީ އެލިފަންޓު ފޮރަސްޓު. އަނެއް ތަނަކީ ޓައިގާ ފޮރަސްޓު. އެ ތަން އޮންނާނީ ކަރުނާޓަކާޔާ ޓަމިލްނާޑޫއާ ދޭތެރޭގަ. ދަންވަރު އެތްތަކާ، މިނިކާވަގުތައް ނުކުމެގެން އުޅޭތީ، ދަތުރުކުރުން ރައްކާތެރި ނުވާނެތީ ދަންވަރަށް ބޯޑަރު ބަންދުކުރާނެ. ދެން ހުޅުވާނީ ހެނދުނު."
"އޯކޭ! އެހެންވީމަ މާދަމާ ހެނދުނު ނައްޓައިލައިގެން މި ކޮޅަށް އާދޭ،" އަހަރެން އެދުނީމެވެ. "އޯކޭއެއްނު! އަލަކުން ނުއެއް ގުޅާނަން. މި ކޮޅަށް އާދެވުނީމަ ރިންގެއް ދީ!"
ޑުރައިވަރު އެއްބަސްވުމުން އޭނަޔާ ސަލާންގަލާން ކުރުމަށް ފަހުން އަލުން ހޮޓަލަށް ދިޔައީމެވެ. އަމިއްލަ އަތުން ފޮށިތައް ހިފައިގެން ގޮސް ކޮޓަރިއަށް ވަނީމެވެ. ދުވަނީ ބާކޫސަނި ވަހެވެ. ތަނުގައި ހުރީ ޒާތެއްގެ ގަދަ މުށިކުލައެއްގެ ފަރުނީޗަރުތަކެކެވެ. އެނދުގައި އަޅައިފައި އޮތް ފަލަނގުފޭލި ބަދަލުކުރީ ކޮން ދުވަހަކުބާއޭ އަހަރެންގެ ހިތަށްއެރިއެވެ. ލަކްޝަމީ ގޮސް އެނދުގެ ބާލީސްތައް ރީތިކޮށްލިއެވެ. އަހަންނަށް ބަލައިލެވުނީ އިނާޔާއަށެވެ.
"އޯކޭވާނެ! އުމުރުދުވަހަކަށް ނޫނެއްނު!" އިނާޔާ ބުންޏެވެ.
އަހަރެން އިތުރު އެއްޗެއް ނުބުނަމެވެ. ހޮޓަލަށް މަރުޙަބާ ކިޔުމަށް ފަހު ލަކްޝަމީ ނުކުތެވެ. ފޮށިތައް ކުޑަކޮށް ހަމަޖައްސައިލައިފައި، ދަރިފުޅުގެ ހެދުން ބަދަލުކޮށްފައި އިނާޔާ ފާޚާނާއަށް ވަނެވެ. އިރުކޮޅެއް ނުވެ ހަޅޭއްލަވައިގަތް އަޑުއިވުނެވެ. އަހަރެން ދުވެފައި ދިޔައީމެވެ. ފާޚާނައިގައި ހޫނު ފެނެއް ނެތެވެ. އިސްކުރުން އަންނަ ފެން ގަނޑުނުވާ ކަމެވެ. ފިނިކަމުން ގޮސް އަތުގައި ޖެހުމުން އަތުގެ އިހުސާސް ކަނޑުވައިލައެވެ. އެ ފެން ބޭނުންކުރާނީ ކިހިނެއް ހެއްޔެވެ؟ ނަސީބަކުން ކޮޓަރީގައި ފޯނެއް ހުއްޓެވެ. ނަސީބު ދެރަކަމުން ފޯނު މަސައްކަތެއް ނުކުރެއެވެ. ކޮޓަރިން ނުކުމެ ސިޑިން ތިރިޔަށް ފޭބިއިރު، ރިސެޕްޝަނުގައި ލަކްޝަނީ ވަރަށް ހިނިއައިސްފައި ހުއްޓެވެ. އޭނަ ފެނުމުން އަހަރެން ގާތަށް ވެސް އައީ ހިންޏެވެ. ހިތަށްއެރިއެވެ. މީނަ މިހާ ހިންޏެއް އައިސްފައި މި ހުންނަނީ ދެވޭ ޚިދުމަތް ރަނގަޅުކަމުން ހެއްޔެވެ؟ ނުވަތަ ތަނުގެ ހާލަތު ވަޒަންކުރެވޭތީ ހެއްޔެވެ؟ ދައްކަންހުރި ވާހަކަ ދެ ލަފުޒަށް ކުރުކޮށްލެވޭތޯ ބެލީމެވެ.
"އިންޓަކަމް ހަލާކުވެފަ!" ފުރަތަމަ މައްސަލަ އަހަރެން ހުށައެޅީމެވެ.
"އެހެންތަ؟" އޭނަ ވަރަށް ހައިރާންވެފައި ބުންޏެވެ. "ތިހެންވިއްޔާ ހަމަ މިރޭ ތި ހަލާކުވީ! ރޭގަ ވެސް ރަނގަޅު."
އަހަރެން ބުނާނީ ކީކޭ ހެއްޔެވެ؟ ހަމަ އެ ރޭ ފޯނު ހަލާކުވިއްޔާ ލަކްޝަމީގެ ކުށެއް ނެތްތާއެވެ.
"ހޫނު ފެނެއް ނާދޭ!" އަހަރެން ދެވަނަ މައްސަލަ ހުށައެޅީމެވެ.
"އާނ ހޫނު ފެން އަންނާނީ ވަކި ގަޑިއެއްގަ،" ލަކްޝަމީ ޖަވާބުގައި ބުންޏެވެ. "މި ގަޑީގަ ބަންދުވާނެ. ހެނދުނު އަންނާނެ ހޫނު ފެން."
އެ ދަނޑިވަޅުގައި އިނާޔާ ގުޅިއެވެ.
"ވަރަށް ބޮޑެތި މަދިރި އެބައުޅޭ މި ތާ!" އިނާޔާ ބުންޏެވެ.
"ކިހިނެއް މަދިރި މަރަން ހަދަނީ؟" ތިންވަނަ މައްސަލަ ލަކްޝަމީއަށް ހުށައެޅީމެވެ.
"އެއްވެސް ކަމެއް ނޫން!" މަދިރި މަރާ ރެކެޓެއް ކައުންޓަރުގެ ދަށުން ނަގައި ދިއްކޮށްލަމުން ލަކްޝަމީ ބުންޏެވެ.
އަހަރެން ރެކެޓުގައި ހިފީމެވެ. އަދި އެއްފަހަރު ލަކްޝަމީއަށް އަނެއް ފަހަރު ރެކެޓަށް ބަލައިލީމެވެ.
"އެނގޭ ދޯ ތީ ކޯޗެއްކަން؟" ލަކްޝަމީ ސުވާލުކުރިއެވެ.
"މީ ކޯޗެއްކަން މަށަށް އެނގެޔޭ،" އަހަރެން ބުނީމެވެ. "މި ތަނަށް ޗުއްޓީގަ އައިއްސަ ދެން މަ ވީ ހަތަރުދަމު ހޭލާ ތި ރެކެޓުން މަދިރި މަރަން އިންނަން؟"
"އާނ!" އޭނަ ޖަވާބުގައި ބުންޏެވެ. "ދޭ ތި ހިފައިގެން. ތީ މި ތާނގަ އޮންނަ ގޮތް. އެނގޭތަ މަ އެކަންޏޭ މި ތާ ހުރިހާ ކަމެއް ކުރަންޖެހެނީ."
އެއީ އަހަންނާ ބެހޭ ކަމެއް ހެއްޔެވެ؟ ނުވަތަ އަހަރެން އަޑުއަހަންޖެހޭ ވާހަކައެއް ހެއްޔެވެ؟
"އާނ ތި ކަން އެނގޭ މަށަށް،" އަހަރެން ޖަވާބުދިނީމެވެ. "ކިހާ ދުވަހެއް ވެއްޖެ މި ތާ އުޅޭތާ؟"
"އަހަރެން އަދި ވަރަށް އާ،" ލަކްޝަމީ ހިނިތުންވެލައިފައި ބުންޏެވެ. "އެއް އަހަރު މި ވީ."
"މީތަ ލަކްޝަމީ މީހުންނަށް ޚިދުމަތްދޭ ގޮތަކީ؟" އަހަރެން އެހީމެވެ.
"އާނ!" ހައިރާންވެފައި ލަކްޝަމީ ބުންޏެވެ. "ކިހިނެއްވީ؟"
"މީ ފައިވް ސްޓާ ޚިދުމަތް؟" އަހަރެން އަހައިލީމެވެ.
"އާނ!" ލަކްޝަމީ ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "ކިހިނެއްވީ؟"
އެ ވަރުން އަހަންނަށް ފުދުނެވެ. ފަސްތަރިއަކީ ކޮބައިކަން އޭނަޔަށް ނޭނގެންޏާ އަހަރެން ބުނެދޭނީ ކިހިނެއް ހެއްޔެވެ؟ އޭނައަށް ފެންނަ ފަސްތަރީގެ ޚިދުމަތަކީ އެއީއެވެ.
"ކޮންއިރަކުން ކެއުން އޮންނަނީ؟" އަހަރެން އެހީމެވެ.
"ބުފޭބުފޭ!" ލަކްޝަމީ ފަރިތަކަމާ އެކުގައި ބުންޏެވެ. "ހުންނާނެ ރެސްޓޯރަންޓު. ފްރެޝްވެގެން އާދޭ."
އަހަރެން ހިތަށްއެރިއެވެ. އޭނަޔާ ކިތަންމެ ވާހަކައެއް ދެއްކިޔަސް ވާނެ ފައިދާއެއް ނެތެވެ. ރެކެޓު ހިފައިގެން އަހަރެން ކޮޓަރިއަށް އައީމެވެ. ލަކްޝަމީ ދެއްކި ހުރިހައި ވާހަކައެއް އިނާޔާއަށް ކިޔައިދިނީމެވެ.
"މަ ވީ ދެން މި ރޭ ރެކެޓުހިފައިގެން ހޭލާ ހުންނަން،" އަހަރެން ބުނީމެވެ. "އަދި އެއް ރެކެޓާ ބޯޅަޔަކާ ވެސް ގެންނަންވީ ކަންނޭނގެ."
އިނާޔާ ހީނގެންފައި ރެކެޓުން މަދިރި މަރަން ފެށިއެވެ. އަހަރެން އެނދުގައި އިށީނދެލީމެވެ.
"މަށަށް ޔަގީން މި ތަނުގެ ތަޅުންގަނޑު ފުހެފަ އޮތް ފޮތިގަނޑު އެނދުގަ އަޅާފަ ތި އޮތީ." އިނާޔާ ބުންޏެވެ.
"ދެން އެހެނެއް ނުވާނެ،" ޗޮކެއް ކަނޑައިފައި އަހަރެން ބުނީމެވެ. "މި ފައިވް ސްޓާ ތަނެކޭ އިނާޔާ. ތަޅުންގަނޑު ފުހެފަ އެނދަކު ނާޅާނެއްނު. ފަހަރެއްގަ ވެދާނެ ތަންކޮޅެއް މުޑުދާރީކަމަށް. އެކަމަކު އެ ވަރެއް ނުވާނެ."
އަހަރެން އެހެން ބުނީ އިނާޔާގެ ޝައްކުބަލި ފިލުވައިލުމަށް ޓަކައެވެ. ޙަޤީޤަތުގައި އަހަރެންނަށް ވެސް ހީވަނީ އިނާޔާ ބުނީ ތެދެއްހެންނެވެ. އެތައް ވާހަކައެއް ދައްކައި އިނާޔާ ރުއްސުމަށް ފަހު ތައްޔާރުވެގެން ރެސްޓޯރަންޓަށް ދާން ނުކުތީމެވެ. އަހަރެން ފާޚާނާޔަކަށް ނުވަންނަމެވެ. ފެން ފިނިކަމުން އޭގައި ޖެހެން ނުކެރިގެންނެވެ. އޭރު ވެސް ވާރޭ ވެހެއެވެ. ސިޑިން ތިރިޔަށް ފައިބައިގެން ދަނިކޮށް "ހައުސްކީޕިން" ޖަހައިފައި ހުރި ބޯޑެއް ފެނުނެވެ. ބޯޑު ހަރުކުރަން ޖަހައިފައިވާ ބައެއް އިސްކުރު ނެއްޓިގެން ބޯޑު ހުރީ ކުޑަކޮށް އޮރިކޮށެވެ. އެ ތަނުގެ ދޮރު ހުރީ ކުޑަކޮށް ހުޅުވިފައެވެ. އަހަރެން އެހެން ދަމުން އެތެރެއަށް ބޯދިއްކޮށްލީމެވެ. އެނދުމަތީގައި އަޅާ ފޮތިތައް ހުރީ ތަޅުންގަނޑުމަތީގައި ބަރިޔަކަށް އަތުރައިފައެވެ. އިނާޔާ އަރާ ހަމަވުމުގެ ކުރިން އަހަރެން ދޮރު ލައްޕައިލީމެވެ. އެ މަންޒަރު ނުދައްކަން ވެގެންނެވެ. އަހަރެން ކަންތައް ކުރި ގޮތުން އިނާޔާއަށް ޝައްކުވިއެވެ. އަލުން ދޮރު ހުޅުވައި ބަލައިލިއެވެ.
"ފެނޭ ފައިވް ސްޓާ؟" އިނާޔާ ސުވާލުކުރިއެވެ. "އޭރު ވެސް މަ ބުނީމެއްނު!"
"ތި ނުފެންނަ ކަމަށް ހަދައިގެން ހިނގާ ކާންދާން،" އަހަރެން ބުނީމެވެ. "ތި ފެނުނެކޭ ކިޔާފަ ކޮން ކަމެއްތަ އަހަރުމެންނަށް ކުރެވޭނީ؟"
އަހަރެންގެ ބަސް ގަބޫލުކޮށްގެން އިނާޔާ ހިނގައިގަތެވެ. ރެސްޓޯރަންޓަށް ވަންއިރު އެ ތާކު ބުފޭއެއް ނެތެވެ. މޭޒާއި ގޮނޑި ހުއްޓެއްކަމަކު، ތަށްޓެއް ސަމުސަލެއްހާ ހިސާބު ވެސް ނެތެވެ. ކާއެއްޗެއްގެ ވަހެއް ނުދުވައެވެ. ވެއިޓަރެއް ނެތެވެ. މެހުމާނެއް ވެސް ނެތެވެ. ހޮޓަލަށް އައިއްސުރެ އެހެން މެހުމާނަކު އަހަރެން ނުދެކެމެވެ. ކޮޓަރިއަކުން މީހަކު ނުކުންނަ ތަނެއް ނުވަތަ ސަރައްކާލިން މީހަކު ހިނގައިފައިދާ ތަނެއް ވެސް ނުދެކެމެވެ. އަހަރުމެން ގޮސް މޭޒެއް ކައިރީގައި އިށީނީމެވެ. އެކަކު ވެސް ނައެވެ. ބައި ގަޑިއެއްހާއިރު ވަންދެން އަހަރުމެން ތިބީމެވެ. އަނެއްކާ އަހަރެން ރިސެ÷ޕްޝަނަށް ދިޔައީމެވެ. އަހަރެން ފެންނައިރަށް ލަކްޝަމީ ހުންނަނީ ހެވިދިލިފައެވެ.
"ކޮބާ ބުފޭ؟" އަހަރެން އެހީމެވެ. "ރެސްޓޯރަންޓަކު ނެތް އެކަކު ވެސް."
"ކީއްވެ މަށަށް ނުގުޅާ ދިޔައީ؟" ލަކްޝަމީ އެހިއެވެ.
"މަ ކީއްކުރަން ކަލެއަށް ގުޅަންވީ؟" އަހަރެން ބުނީމެވެ. "ރެސްޓޯރަންޓަށް ދަމުން ކަލޭ ގާތުގަ ބުނާކަށް ނުޖެހޭނެއްނު."
"އުހުނ! މަގޭ ގާތުގައޭ ބުނަންޖެހޭނީ،" ލަކްޝަމީ ހަނދާންކޮށްދިނެވެ. "މަގޭ ބެލުމުގެ ދަށުން ހުރިހާ ކަމެއް ވެސް ހިނގާނީ."
"އާނ ދެން މި ބުނެވުނީތާ!" އަހަރެން ހުރީ ވަރަށް ބަނޑުހައި ވެފައެވެ. "މިހާރު ކޮންއިރެއް އަހަރުމެން އެ ތާ ތިބޭތާ."
"އޯކޭއޯކޭ!" ލަކްޝަމީ ފޯނު ނަގަމުން ބުންޏެވެ. "ދޭ ދޭ! ގޮސް އެ ތަނުގަ މަޑުކުރޭ!"
އަހަރެން އަނެއްކާ ވެސް ރެސްޓޯރަންޓަށް ދިޔައީމެވެ. ވީގޮތް އިނާޔާއަށް ކިޔައިދީފައި ވެއިޓަރަށް އިންތިޒާރުކުރަން ފެށީމެވެ. ފަޅުކަން ފިޔަވައި އެހެން އެކައްޗެއް ވެސް އެ ތަނަކު ނެތެވެ. ހީވަނީ ވަރަށް ބިރުވެރި ގޮތަކަށެވެ. ދުރުދުރުން ކުއްތާއެއް ހޭރިގަތް އަޑު އިވުނެވެ. ދިއްލައިފައި ހުރި ދެ ބޮކިން އެއް ބޮކި ފިޔަޖަހައިލިއެވެ. ކުއްލިއަކަށް ދޮރު ހުޅުވުނު ތަން ފެނުނެވެ.
ނުނިމޭ