ގެއްލުނު ސަބްމެރިން ހޯދުމުގެ މަސައްކަތް ފުޅާކޮށްފި
ގެއްލުނު ސަބްމެރިން ހޯދުމުގެ މަސައްކަތް ފުޅާކޮށްފި

ބިއުނަސް އޭރީޒް (ނޮވެމްބަރު 18) - ގެއްލުނު އާޖެންޓީގެ ސަބްމެރިން ހޯދުމުގެ މަސައްކަތް އެ ގައުމުގެ ސިފައިން ސައުތު އެޓްލާންޓިކްގައި ފުޅާކޮށްފި އެވެ.

ގެއްލުނު ސަބްމެރިން ހޯދުމުގެ މަސައްކަތް ފުޅާކޮށްފި
ގެއްލުނު ސަބްމެރިން ހޯދުމުގެ މަސައްކަތް ފުޅާކޮށްފި

ސާޅީސް ހަތަރު މީހުންގެ ސަބްމެރިންއާ ގުޅުން ކެނޑުނުތާ މިހާރު ތިން ދުވަސްވެއްޖެ އެވެ. އާޖެންޓީނާގެ ރައީސް މައުރީސިއޯ މަކްރީ ވިދާޅުވީ ސަބްމެރިން ހޯދުމަށްޓަކައި ގައުމުގެ އިތުރުން ބައިނަލްއަގުވާމީ ގޮތުން ލިބެން ހުރި ހުރިހާ ވަސީލަތްތަކެއް ބޭނުންކުރާނެ ކަމަށެވެ.

ސަބްމެރިން ހޯދުމުގެ މަސައްކަތުގައި ނާސާގެ ރިސާޗް މަތިންދާ ބޯޓެއް މިހާރު ވަނީ ބައިވެރިވެފަ އެވެ. އިނގިރޭސި ވިލާތާއި އެނޫން ވެސް ބައެއް ގައުމުތަކުން މިހާރު ވަނީ ސަބްމެރިން ހޯދުމުގައި އެހީވުމަށް ހުށަހަޅައިފަ އެވެ.

ޑީސަލް-އިލެކްޓްރިކް ސަބްމެރިން ގެއްލުނީ ދެކުނު އެމެރިކާގެ އެންމެ ދެކުނު ކޮޅުގައި އޮންނަ އުޝުއައިއާ އަށް ކުރި ދަތުރަކަށް ފަހު އާޖެންޓީނާގެ ވެރިރަށުގެ ދެކުނުން އޮންނަ ސަބްމެރިންގެ ބަނދަރަށް ދަތުރު ކުރަނިކޮށެވެ. ސަބްމެރިންނާ އެންމެ ފަހުން މުވާސަލާތު ކޮށްފައި ވަނީ ބުދަ ދުވަހު ހެނދުނު އެވެ. ސަބްމެރިންނާ އެންމެ ފަހުން ގުޅުނު އިރު ހުރި ސަރަހައްދު ވަނީ އާޖެންޓީނާގެ ކަނޑުގެ ސިފައިންގެ އުޅަނދުތަކުން ބަލައިފަ އެވެ. އެކަމަކު ސަބްމެރިންނާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ލިބިފައެއް ނުވެ އެވެ.

ޖަރުމަނުގައި ބަނދެފައިވާ ސަބްމެރިން ޚިދުމަތަށް ނެރެފައި ވަނީ 1983 ވަނަ އަހަރު އެވެ. ގެއްލިފައި ވަނީ އާޖެންޓީނާގެ ކަނޑުގެ ސިފައިންގެ ފްލީޓުގައި އޮތް ތިން ސަބްމެރިންގެ ތެރޭން އެންމެ އާ ސަބްމެރިން ވެސް މެ އެވެ.