މުޅިން އާ ޝޯއަކާ އެކު ކޮމޭޑިއަން ކަޕިލް ޝަރުމާ އެނބުރި އަންނަނީ
މުޅިން އާ ޝޯއަކާ އެކު ކޮމޭޑިއަން ކަޕިލް ޝަރުމާ އެނބުރި އަންނަނީ

އިންޑިއާގެ މަޝްހޫރު ކޮމޭޑިއަން ކަޕިލް ޝަރުމާ މުޅިން އާ ޝޯއަކާ އެކު ވަރަށް އަވަހަށް އެނބުރި އަންނަން ތައްޔާރު ވެއްޖެ އެވެ. ކަޕިލްގެ އާ ފިލްމު "ފިރަންގީ"ގެ ޕްރޮމޯޝަންގައި އުޅެމުން ދިޔަ އިރު އޭނާގެ 'ދަ ކަޕިލް ޝަރުމާ ޝޯ'ގެ ސެޓަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބުނެވެ. މިހާރު އެއީ ސޮނީން ދައްކާ "ސުޕަ ޑަންސާ ޗެޕްޓަ 2"ގެ ސެޓެވެ. ކަޕިލް އެ ސެޓަށް ދިޔައީ މެހެމާނެއްގެ ހައިސިއްޔަތުން އެ ޝޯގައި ބައިވެރިވާށެވެ.

ސެޓަށް ވަދެފައި މާޒީ ހަނދާންވެ ކަޕިލް ވަރަށް ބޮޑަށް ޖަޒުބާތުގައި ޖެހުނު ތަން ފެނުނެވެ. ކަޕިލް ބުނި ގޮތުގައި އެއީ އޭނާ ޝޯ ހުށަހަޅައިދިން ސެޓެވެ. އެތަނުގައި އޭނާ ވަނީ ބޮލީވުޑާއި ބައިނަލްއަގުވާމީ ވަރަށް ގިނަ ތަރިންނާ އިންޓަވިއުކޮށްފަ އެވެ. ނަމަވެސް މިފަހަރު އޭނާ ވީ މެހެމާނަކަށެވެ.

ކަޕިލް އެ ސެޓަށް ޒިޔާރަތްކުރިތާ މާ ގިނަ ދުވަސްތަކެއް ނުވެ ސޮނީ ޗެނަލްގެ އޮފިޝަލަކު ވަނީ މުޅިން އާ ކޮމެޑީ ޝޯއަކާ އެކު ކަޕިލް ވަރަށް އަވަހަށް އެނބުރި އަންނަކަން އިއުލާންކޮށްފަ އެވެ.

ސޮނީގެ އެކްޒެކެޓިވް ވައިސް ޕްރެޒިޑެންޓް، ބިޒިނަސް ހެޑް ދާނިޝް ޚާން ބުނި ގޮތުގައި އެމީހުން ކަޕިލް ދެކެ ވަރަށް ލޯބިވެ އެވެ. އަދި އޭނާގެ "ފިރަންގީ" މި މަހުގެ 24 ގައި ރިލީޒްކުރުމާ ދިމާކޮށް އެ ފިލްމަށް ޚާއްސަ ޕްރޮމޯޝަނަލް ޝޯއެއް ވެސް އެ ޗެނަލުން އުފައްދާނެ އެވެ.

ސޮނީގެ ހިންގުންތެރިން ގަބޫލުކުރާ ގޮތުގައި ކަޕިލް ކުޅެފައިވަނީ ވަރަށް ރަނގަޅު ފިލްމެކެވެ. އެހެންވެ ފިލްމު ކާމިޔާބުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމީހުންނަށް އެބަ އޮތެވެ. ފިލްމު ރިލީޒްވުމަށް ފަހު ކަޕިލްގެ އެނބުރި އައުން ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކުރާނެ ކަމަށް ވެސް ސޮނީގެ އޮފިޝަލް ބުންޏެވެ.

"ދަ ކަޕިލް ޝަރުމާ ޝޯ' ހުށަހަޅައިދިން ޓީމުގައި ހިމެނޭ ގިނަ ބަޔަކާއި ކަޕިލްއާ ދެމެދު ހިނގި އަރައިރުމެއްގައި އޭނާ ދޫކޮށް އެ މީހުން ވަނީ ގޮސްފަ އެވެ. އެ މީހުން މިހާރު ގެންދަނީ އެހެން ޝޯތަކުގައި ބައިވެރިވަމުންނެވެ. މިކަމާ ހިތްދަތިވެގެން ކަޕިލްގެ ސިއްހަތަށް ގެއްލުން ހުރި ކަންކަން ކުރުމުން އެތައް ފަހަރަކު ހޮސްޕިޓަލުގައި އެޑްމިޓްކުރި އެވެ.

އޭނާގެ ޝޯ ސޮނީން މެދުކަނޑާލީ މިދިއަ އޮގަސްޓްމަހު އެވެ.

އޭރު އެ ޗެނަލުން ބުނެފައިވަނީ ކަޕިލްގެ ސިއްހަތު މުޅިން ރަނގަޅުވުމުން އަލުން ޝޯ ދައްކަން ފަށާނެ ކަމަށެވެ. ނަމަވެސް މިފަހަރު ސޮނީން ބުނެފައިވާ ގޮތުގައި ދެން ގެނެސްދޭނީ އޭނާގެ މުޅިން އާ ޝޯއެކެވެ. އެހެންކަމުން 'ކަޕިލް ޝަރުމާ ޝޯ' އަށް ވާނެ ގޮތެއް އަދި ޔަގީނެއް ނޫނެވެ.