21 ނޮވެމްބަރ 2017 - 06:45

ޓޭލާ ސްވިފްޓް މި މަހުގެ 10 ވަނަ ދުވަހު ނެރުނު އަލްބަމް "ރެޕިއުޓޭޝަން" އެޑް ޝީރާންގެ "ޑިވައިޑް" ފަހަތަށް ޖައްސާލައި، މި އަހަރުގެ ކާމިޔާބު އަލްބަމްގެ ރެކޯޑް ހަދައިފި އެވެ.
"ރެޕިއުޓޭޝަން" ނެރުނުތާ ހަތަރު ދުވަހުގެ ތެރޭގައި އޭގެ 1.5 މިލިއަނަށް ވުރެ ގިނަ ކޮޕީ ވަނީ ވިކިފަ އެވެ. މި ރެކޯޑާ އެކު ޓޭލާވެގެން ގޮސްފައި ވަނީ ރިލީޒް ކުރި ހަފުތާގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް އަލްބަމް ހިންގާލި ފުރަތަމަ ލަވަ ކިޔުންތެރިޔާއަށެވެ. އޭނާގެ ހަތަރު އަލްބަމެއް ވަނީ ރިލީޒް ކުރި ހަފުތާގެ ތެރޭގައި އެކަނި ވެސް މިލިއަނަކަށް ވުރެ ގިނަ ކޮޕީ ވިކިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 2014 ގައި ނެރުނު 1989 އާއި ރެޑް (2012) އަދި ސްޕީކް ނައު (2010) އެވެ.
ޝީރަން މާޗް 3 ގައި ނެރުނު އޭނާގެ ތިން ވަނަ އަލްބަމް "ޑިވައިޑް" ރިލީޒް ކުރި ހަފުތާގައި ވިކިފައި ވަނީ 919،000 ކޮޕީ އެވެ. އަދި އެ އަލްބަމްގެ 2.3 މިލިއަން ކޮޕީ މިހާތަނަށް ވިކިފައިވާ އިރު، ކެންޑްރިކް ލެމާ އެޕްރީލް 14 ގައި ނެރުނު "ޑެމްން" ގެ 842،000 ކޮޕީ ހަފުތާއެއްގެ ތެރޭގައި ވިކުނެވެ. މިހާތަނަށް އެ އަލްބަމްގެ 2.5 މިލިއަން ކޮޕީ ވިކިފައިވެ އެވެ.
ޓޭލާގެ ހަ ވަނަ އަލްބަމް "ރެޕިއުޓޭޝަން" ގެ ވިޔަފާރި މިހާރު ކުރިއަށްދާ ގޮތަށް ބަލާ އިރު، ޝީރަން އާއި ކެންޑްރިކްގެ އަލްބަމްގެ ހިނގި ވަރަށް ވުރެ މާ ބޮޑަށް ވެސް އެ އަލްބަމް ހިނގާނެ އެވެ. އަދި އެ އަލްބަމްތަކުގެ ޖުމްލަ ކޮޕީ ވިކުނު އަދަދި "ރެޕިއުޓޭޝަން" ލަހެއް ނުވެ ފަހަތަށް ޖައްސައިލާނެ އެވެ.