"ޑިވައިޑް ޓުއާ" ގެ ތެރެއިން އެޑް ޝީރަން އިންޑިއާގައި
"ޑިވައިޑް ޓުއާ" ގެ ތެރެއިން އެޑް ޝީރަން އިންޑިއާގައި

އިނގިރޭސިވިލާތުގެ ޒުވާން ލަވަ ކިޔުންތެރިޔާ އެޑް ޝީރަންގެ އެންމެ ފަހުގެ އަލްބަމް "ޑިވައިޑް" ޕްރޮމޯޓް ކުރަން ކުރިއަށް ގެންދާ ޓުއާގެ ތެރެއިން، އިންޑިއާގައި ބާއްވާ ކޮންސަޓަށް އޭނާ އިންޑިއާ އަށް އިއްޔެ ހިނގައްޖެ އެވެ.

މުމްބާއީގައި ބާއްވާ ކޮންސަޓް އޮންނާނީ މިއަދު އެވެ. ޝީރަން އިންޑިއާ އަށް އައިސްފައި މި ވަނީ މެލޭޝިއާގައި ވެސް ޝޯ ދިނުމަށް ފަހު އެވެ. މިއީ އޭނާގެ އިންޑިއާ އަށް ކުރާ ދެވަނަ ދަތުރެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ޝީރަން އިންޑިއާ އަށް ދިޔައީ 45 މީހުން ހިމެނޭ ޓީމަކާ އެކުގަ އެވެ. އެ މީހުން ތިބެނީ ސައުތު މުމްބާއީ ހޮޓެލްގަ އެވެ. އެތަނުގެ 60 ކޮޓަރިއެއް ޓީމަށް ބުކްކޮށްފައިވާ އިރު، ދަތުރުފަތުރަށް ލަގްޒަޒީ 20 ކާރުގެ ފްލީޓެއް ވެސް ވަނީ އިންތިޒާމްކޮށް ދީފަ އެވެ.

މުމްބާއީގެ ވަރަށް ގިބަ ބަޔަކު ޝީރަންގެ ކޮންސަޓަށް އިންތިޒާރު ކުރަމުން އަންނަ އިރު، ކެނެޑާގެ ޒުވާން ލަވަ ކިޔުންތެރިޔާ ޖަސްޓިން ބީބާ މިދިޔަ މެއި މަހު އިންޑިއާގައި ބޭއްވި ކޮންސަޓަކީ އެ ބަލަން ބޮޑު އަގުގައި ޓިކެޓް ގަތް މީހުންނަށް ބޮޑު މާޔޫސީއެކެވެ.

ޝީރަން، 26، މާޗްގައި ނެރުނު "ޑިވައިޑް" އަކީ އޭނާގެ ތިން ވަނަ އަލްބަމެވެ.