18 ނޮވެމްބަރ 2017 - 13:38

ހަރާރޭ (ނޮވެމްބަރު 18) - އެންމެ ފަހު ދުވަހާ ޖެހެންދެން ޒިމްބާބުވޭގެ ރައީސް ރޮބަޓް މުގާބޭ އަށް ވަފާތެރިކަން މަތީ އޮތް ވެރިކަން ކުރާ ޕާޓީގެ މެންބަރުން ނުކުމެ މުގާބޭގެ އިސްތިއުފާ އަށް ގޮވާލަން ފަށައިފި އެވެ.
ޒިމްބާބުވޭގައި 37 އަހަރު ޚުދުމުޚްތާރު ވެރިކަމެއް ކުރެއްވި މުގާބޭ އިސްތިއުފާ ދިނުމަށް ޒާނޫ-ޕީއެފް ޕާޓީގެ ސަރަހައްދީ 10 ގޮފިން ވަނީ ގޮވާލައިފަ އެވެ. މީގެ އިތުރުން މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭ ޕާޓީން ވަކިކުރުމަށް ވެސް ގޮފިތަކުން ވަނީ ގޮވާލައިފަ އެވެ. މިއީ ސިފައިންގެ ބާރުގެ ދަށަށް ގައުމު ގެންދިއުމާ އެކު މުގާބޭގެ ބާރެއް ނެތްކަން އަންގައިދޭ ކަމެއް ކަމަށް އޮފިޝަލުން ބުނެ އެވެ.
"މިހާރު އެންމެ ރަނގަޅު ގޮތަކީ މުގާބޭ އަމިއްލަ އަށް އިސްތިއުފާ ދެއްވުން. އިސްތިއުފާ ނުދެއްވާ ނަމަ އޭނާ މަގާމުން ދުރުކުރުމުގެ އިންތިޒާމްތައް އާދިއްތަ ދުވަހު ހަމަޖައްސާނަން،" ޕާޓީގެ ސީނިއާ މެންބަރަކު ރޮއިޓާސް އަށް ބުންޏެވެ.
ވެރިކަންކުރާ ޒާނޫ-ޕީއެފް ޕާޓީގެ ސެންޓްރަލް ކޮމިޓީގެ ބައްދަލުވުމެއް މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އަނެއްކޮޅުން މުގާބޭއާ ދެކޮޅަށް ބޮޑު މުޒާހަރާއެއް ކުރަން މިހާރު ދަނީ ތައްޔާރުވަމުންނެވެ. މި މުޒާހަރާ އަށް ސިފައިން ދަނީ އެއްބާރުލުން ދެމުންނެވެ.
ވެރިކަމުގެ ދުވަސްވަރު މުގާބޭގެ އެންމެ އަރިސްކޮށް އުޅުއްވި ބޭފުޅުން މިހާރު ވަނީ އޭނާ ދޫކޮށްލައިފަ އެވެ. ޕާޓީގެ ސީނިއާ ގިނަ މެންބަރުންތަކެއް ސިފައިން ވަނީ ހައްޔަރުކޮށްފަ އެވެ.