20 ނޮވެމްބަރ 2017 - 06:42

މި އަހަރު ރިލީޒް ކުރި "ހައްދު"ން ފިލްމީ ދާއިރާ އަށް ތައާރަފުވި ބަތަލު އަހުމަދު ޝިބާންއަކީ އުންމީދީ އެކްޓަރެއް ނަމަވެސް އިތުރު ފިލްމަކަށް އަދި ސޮއި ނުކުރާ ކަމަށާއި ދެން ވެސް ފެނުން އެންމެ ގާތީ ފައްތާހުގެ ފިލްމަކުން ކަމަށް އޭނާ ބުނެފި އެވެ.

"އަދިވެސް އެއްވެސް ފިލްމަކަށް ސޮއެއް ނުކުރަން. ބައެއް ޕްރޮޖެކްޓްތަކާ ބެހޭ ގޮތުން އެބަހުރި ވާހަކަތަކެއް ދެކެވިފައި. އެކަމަކު އެ ވާހަތައް އަދި ހާމަ ކުރެވޭ ހިސާބަކަށް ނުދޭ،" އޭނާ ބުންޏެވެ. "ހައްދު ރިލީޒްވި ފަހަކުން އަނެއްހެން މާ ގިނަ ދިމަދިލާކުން އޮފާތަކެއް އަދިއެއް ނާދޭ. އެކަމަކު ޝިބާން ހިތްހަމަޖެހޭ ރޯލްތަކެއް ކުޅެން ލިބޭ ކަމަށް ވަންޏާ ކުރިއަށް އޮތް ތަނުގައި ހަމަ ފެންނާނެ."
ޝިބާން ބުނި ގޮތުގައި އޭނާ ދެން ވެސް އެންމެ އަވަހަށް ފެނުމުގެ ފުރުސަތު ބޮޑު "ހައްދު" ގެ ޑައިރެކްޓަރު އަބްދުލް ފައްތާހްގެ ފިލްމަކުންނެވެ. އެނގިފައިވާ ގޮތުގައި އަންނަ ޖެނުއަރީ މަހުގެ ތެރޭގައި "ހައްދު" އޮލިމްޕަހަށް ގެންނަ އިރު، ފައްތާހްގެ އާ ފިލްމް ރަސްމީކޮށް ލޯންޗް ވެސް ކުރާނެ އެވެ.
އަނެއްކާ އެއީ "ހައްދު" ގެ ދެވަނަ ބައެއްތޯ ވެސް އެއީ ސުވާލެކެވެ. މި ސުވާލަށް ފައްތާހް ސީދާ ޖަވާބެއް ނުދިނެވެ.
"ލެޓްސް ސީ. ހިނގާ އެހާ ތަނަށް މަޑުކޮށްލަމާ ދޯ؟ ހައްދުގެ ކްލައިމެކްސް އައި ގޮތުން ދެވަނަ ބަޔަކާ ހަމައަށް ދިއުމަކީ ވެސް ނުވާނެ ކަމެއް ނޫންހެން ހީވަނީ." އޭނާ ބުންޏެވެ.
ޝިބާން ވެސް ބުނަނީ ފައްތާހްގެ ފިލްމަކަށް ވާހަކަ ދެކެވިފައި އޮތް ކަމަށެވެ. އެކަމަކު ތަފުސީލަކަށް ދާކަށް އޭނާ ވެސް ތައްޔާރެއް ނޫނެވެ.
"ދެން ވެސް ފެނުމުގެ ފުރުސަތު އެންމެ ބޮޑީ ފައްތާހްގެ ފިލްމަކުންނޭ ބުނެވިދާނެ،" އޭނާ ބުންޏެވެ.
ޝިބާން ބުނި ގޮތުގައި އޭނާ ދެން ކުޅެލަން ބޭނުން ވަނީ ތަންކޮޅެއް ހަލަބަލި، ވަރުގަދަ ރޯލެކެވެ.
"ހައްދުގައި ކުޅުނު ކެރެކްޓާއަކީ ތަންކޮޅެއް މަޑުމައިތިރި ކެރެކްޓާ އަށްވީމަ ފިލްމް ބެލި ބައެއް މީހުން ވެސް ބުނެފައި އެބަހުރި ތަންކޮޅެއް ވަރުގަދަ ރޯލަކުން ފެނިލަން ބޭނުންވެއޭ. އެކަހަލަ ރޯލަކަށް މި ލުކްފޯވާޑް ކުރަނީ،" ފިލްމީ ދާއިރާ އިން ކުރިއަށް ދާން ވިސްނައިގެން ހުރި އެކްޓަރު ބުންޏެވެ.