ޑުވޯފް އެކްޓަރުންނަށް ބޮލީވުޑުން ފުރުސަތެއް ނެތް
ޑުވޯފް އެކްޓަރުންނަށް ބޮލީވުޑުން ފުރުސަތެއް ނެތް

ލިލީޕުޓް އަކީ ޑުވޯފިޒަމްގެ ސަބަބުން އިސްކޮޅުން ކުރު މީހަކަށް ވިޔަސް އޭނާ އަކީ މޮޮޅު އެކްޓަރެކެވެ. ކުޅަދާނަ ލިޔުންތެރިޔެކެވެ. މަޝްހޫރު ޓީވީ ސިލްސިލާއެއް ކަމަށްވާ "ދޭކް ބާއި ދޭކް" އަކީ ލިލީޕުޓް ލިޔެ އަދި އެކްޓްކޮށްފައިވާ ސިލްސިލާއެކެވެ.

ލިލީޕުޓްގެ އަސްލު ނަމަކީ އެމްއެމް ފާރޫގީ އެވެ. ނަމުން ނޭނގުނަސް ފިލްމާއި ޓީވީ ސިލްސިލާތައް ބަލާ މީހުންނަށް ލިލީޕުޓަކީ ދެކެފަރިތަ މޫނަކަށް ވާނެ އެވެ.

ނަމަވެސް ފާއިތުވީ ފަސް އަހަރަކީ ލިލީޕުޓަށް ހިތްދަތި ދުވަސްތަކެކެވެ. މަސައްކަތެއް ނުލިބެ އެވެ. މިދިޔަ އަހަރެއްހާ ދުވަހު އެއްވެސް ކަމެއް ނުކޮށް ހުންނަން ޖެހުމުގެ ސަބަބުން ދަރަނިވެރި ވެފައިވާކަމަށް ލިލީޕުޓް ބުންޏެވެ.

"ދެ ސްކްރިޕްޓެއް ލިޔެގެން ޕްރޮޑިއުސަރުންގެ އޮފީސްތަކަށް ހިނގާތާ ވެސް ވަރަށް ގިނަ ދުވަސްވެއްޖެ. ބައެއް މީހުން ބުނަނީ ބަލާނަމޭ، ވިސްނާލާނަމޭ. އަނެއް ބަޔަކު ހަމަ ދިމާލަށް މަލާމާތް ކުރަނީ،" ލިލީޕުޓް ބުންޏެވެ.

އޭނާ ބުނިގޮތުގައި ޑްވޯފުންނަށް އާންމުކޮށް ފިލްމުތަކުން ލިބެނީ ކޮމެޑީ ބައިތަކެވެ. ނަމަވެސް 1998 ގައި ނުކުތް "ވޯ" ސީރީޒްގައި އޭނާ ކުޅުނު ސީރިއަސް ބައި ވެސް ވަރަށް ކަމުގޮސްގެން އޭނާއަށް ތައުރީފުކުރި މީހުން ގިނަ އެވެ.

ރަނގަޅަށް ކިޔަވައިގެން ހުރި މި އެކްޓަރަކު ބުނީ އޭނާއަށް މަލާމާތްތަކާ ވެސް ކުރިމަތިވާ ކަމަށެވެ. އެފަދަ އެއް ދުވަސް އޭނާ ވަރަށް ބޮޑަށް ހަނދާން ހުރެ އެވެ.

"ލިލީޕުޓްގެ ޕޭޖަރު ނަންބަރު ވެސް އޭނާއަށް ވުރެ ދިގޭ އެ ދުވަހު އެ އެކްޓަރު އަހަންނާ ދިމާލަށް ބުނި. އަހަރެން ބުނިން ބައެއް މީހުންގެ ދޫ ވެސް އަހަންނަށް ވުރެ ދިގޭ. ދެން ކީއްހޭ ކުރާނީ،" ލިލީޕުޓް ބުންޏެވެ.

ފިލްމު ކުޅުމުގެ ބޭނުމުގައި ލިލީޕުޓް މުމްބައި އަށް ދިޔައީ 1975 ގައެވެ. އޭރު ޑުުވޯފިޒަމް ހުންނަ އެއްވެސް މީހަކު ފިލްމުތަކުގައި މަސައްކަތެއް ނުކުރެ އެވެ. ނަމަވެސް ތިއޭޓަރުގައި މަސައްކަތްކުރުމަށް ފަހު ފަހުން ފިލްމު ކުޅުމުގެ ފުރުސަތު ވެސް އޭނާއަށް ލިބުނެވެ. އެންމެ ފަހުން އޭނަ ގިނައިން ފެންނަނީ ޓީވީ ޝޯތަކުންނެވެ.

އޭރު އޭނާގެ މަޝްހޫރުކަން އިތުރުވަމުން އައި ނަމަވެސް އޭނާގެ އިސްކޮޅަށް ވުރެ މައްޗަށް ފިލްމު އިންޑަަސްޓްރީން އޭނާއާ ދިމާލަށް ނުބަލާނެ ކަމަށް ޑައިރެކްޓަރަކު ބުނި ކަމަށްވެ އެވެ. އެއީ ތެދެއްކަން ލިލީޕުޓަށް މިހާރު ގަބޫލު ކުރެވެ އެެވެ.

މިހާރު ލިލީޕުޓް މަސައްކަތް ކުރަނީ ޑައިރެކްޓަރެއް އަދި އެކުވެރިއެއް ކަމަށްވާ ވިކްރަމް ރާޒްދާންގެ ކުރު ފިލްމެއްގަ އެވެ. އޭނާ ބުނި ގޮތުގައި މިހާރު މަސައްކަތެއް ލިބެނީ ހާލަކުން ފަހަރަކު އެވެ. ކިތަންމެ ކުޑަ ރޯލެއް ލިބުނަސް މިހާރު އޭނާ އެ ރޯލެއް ދުލެއް ނުކުރެ އެވެ.

ލިލީޕުޓް ވަނީ "ތޯތާ މައިނާ ކީ ކަހާނީ"ގައި އާދައިގެ އިސްކޮޅެއްގެ މީހެއްގެ ރޯލު ކުޅެފަ އެވެ. އަދި "ބަންޓީ އައުރް ބަބްލީ" އާއި "ކަބީ ތުމް ކަބީ ހަމް" ފަދަ ފިލްމުތަކުގައި އޭނާ ރޯލުތައް ކުޅެފައިވެ އެވެ. ޓީވީ ޝޯ "ސީއައިޑީ" އާއި "އަދާލަތު"ގައި އޭނާ 2011 އިން 2013 އަށް މަސައްކަތް ކުރި އެވެ.

ލިލީޕުޓް މިހާރު ދިރިއުޅެނީ ރައްޓެހިން އަތުން ދަރަންޏަށް ފައިސާ ނަގައިގެންނެވެ. ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކަށް އޭނާ އެނގުނު ނަމަވެސް އެމީހުންނަކީ އޭނާގެ ރައްޓެހިންނެއް ނޫނެވެ.

ހޮލީވުޑްގައި ޑުވޯފުން ލީޑް ރޯލަށް ލައިގެން ވަރަށް މޮޅު ފިލްމުތައް ތައްޔާރު ކުރެ އެވެ. ނަމަވެސް ބޮލީވުޑުން މިކަހަލަ ދުވަހެއް ފެނިދާނެ ކަމާ މެދު ލިލީޕުޓަށް ޝައްކެވެ.