"ދަޅަކް"ގައި ޖާންވީގެ މަންމަގެ ރޯލު ކުޅޭނީ ޝްރީދޭވީ؟
"ދަޅަކް"ގައި ޖާންވީގެ މަންމަގެ ރޯލު ކުޅޭނީ ޝްރީދޭވީ؟

ޝްރީދޭވީގެ ދޮށީ ދަރިފުޅު ޖާންވީ ކަޕޫރު ހިންދީ ފިލްމު އިންޑަސްޓްރީއަށް ތައާރަފްވާ ފިލްމު "ދަޅަކް"ގައި ޖާންވީގެ މަންމަގެ ރޯލު ކުޅުމުގެ ފުރުސަތު އޭނާ އަށް ލިބިއްޖެ އެވެ.

ބޮލީވުޑް ޚަބަރުތައް ބުނާ ގޮތުގައި "ދަޅަކް"ގެ ޕްރޮޑިއުސަރު ކަރަން ޖޯހަރް ބޭނުންވަނީ ޖާންވީގެ މަންމަގެ ރޯލު އޭނާގެ އަސްލު މަންމަ އަދި ކުޅަދާނަ ފިލްމީ ބަތަލާ ޝްރީދޭވީ ލައްވާ ކުޅުވާށެވެ.

ފިލްމުގެ މަސައްކަތުގައި އުޅޭ މީހަކު އިންޑިއާ ޓުޑޭއަށް ބުނެފައިވާ ގޮތުގައި "ދަޅަކް"ގައި މަންމަގެ ރޯލު އެހާ ދިގު ނޫނަސް ވަރަށް މުހިއްމެވެ.

ލޯތްބަށްޓަކައި އާއިލާގެ އެންމެންނާ ދެކޮޅަށް ތެެދުވާ ބޯހަރު އަންހެންކުއްޖެއްގެ މަންމައެއްގެ ރޯލަކީ ވަރަށް ލޯބި ދޭން ދަންނަ ވަރުގަދަ މީހަކަށް ވާން ޖެހެ އެވެ. އަދި މި ފިލްމުގައި ޝްރީދޭވީ ބައިވެރިވެއްޖެ ނަމަ ފިލްމަށް އިތުރު ދިރުމެއް ލިބިގެންދާނެ ކަމަށް ކަރަންގެ ޓީމުން ގަބޫލުކުރެ އެވެ.

ނަމަވެސް މި ރޯލު ކުޅެދިނުމާ މެދު ޝްރީދޭވީ އަދި ވަކި ޖަވާބެއް ނުދެ އެވެ.

ޖާންވީ އާއި ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ޚައްތަރުގެ "ދަޅަކް" އަކީ ވަރަށް މަޝްހޫރު މަރާޓީ ފިލްމެއް ކަމަށްވާ "ސައިރަތު"ގެ ކޮޕީއެކެވެ. ނަމަވެސް ދެ ފިލްމު ވަރަށް ތަފާތު ވާނެ ކަމަށް ފިލްމު އުފައްދާ ފަރާތުން ވަނީ ބުނެފަ އެވެ.