ދީޕިކާ އާއި ބާންސާލީގެ ބޮލަށް ފަސް ކްރޯޑު ރުޕީސް ހުށަހަޅައިފި
ދީޕިކާ އާއި ބާންސާލީގެ ބޮލަށް ފަސް ކްރޯޑު ރުޕީސް ހުށަހަޅައިފި

"ޕަދްމާވަތީ" ރިލީޒްކުރަން ކަނޑައަޅާފައިވާ ދުވަސް ޖެހެން އެންމެ ދެ ހަފުތާއަށް ވެފައިވާއިރު އިތުރު މައްސަލަތައް ދަނީ ދިމާވަމުންނެވެ.

މުސްލިމް ރަސްކަލަކު ހިންދީންގެ ރާނީއަކާ ލޯބީގެ ގޮތުން ގުޅޭކަން ދައްކާތިއޭ ކިޔާފައި، ހިންދޫންގެ ބައެއް ގްރޫޕްތަކުން ދަނީ ކުރިންސުރެ މި ފިލްމަށް އެކި ގޮތްގޮތުން ހުރަސްތައް އަޅަމުންނެވެ. މި ފިލްމު ބިނާކޮށްފައި ވަނީ 16 ވަނަ ގަރުނުގެ މަޝްހޫރު ޅެމެއްގެ މައްޗަށެވެ. އެކަމަކު ފިލްމުގައި ދައްކާ ރާނީ ޕަދުމާވަތީ އަކީ ދުނިޔޭގައި އުޅުނު މީހެއްކަން ނުވަތަ ނޫންކަން ވެސް ކަށަވަރެއް ނުވެ އެވެ. އެކަމަކު މުސްލިމް ރަސްކަލެއް ކަމަށްވާ އަލާއުއްދީން ހިލްޖީ އަކީ އުޅުނު މީހެކެވެ.

ފަހުގެ ތާރީޚެއްގައި ފިލްމަކާ ދެކޮޅަށް ކުރެވޭ އެންމެ ވަރުގަދަ މުޒާހަރާތައް ޕަދުމާވަތީއާ ދެކޮޅަށް އިންޑިޔާގެ އެކި ކަންކޮޅުތަކުގައި ދަނީ ކުރަމުންނެވެ. އަދި ފިލްމުގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ އާއި ބަތަލާ ދީޕިކާ ޕަދުކޯންގެ ބޮލަށް ފަސް ކްރޯޑު ރުޕީސް ވެސް ބަޔަކު މިހާރު ވަނީ ހުށަހަޅާފަ އެވެ.

މީރަތުގައި މި ފިލްމާ ދެކޮޅަށް އަޑުއުފުލަމުންދާ ސަރްވް ބްރަހްމިން މަހަސާބާ ވަނީ ލެއިން ޕެޓިޝަނެއް ތައްޔާރުކޮށް ސެންޓްރަލް ބޯޑު އޮފް ފިލްމް ސެޓިފިކެޓޭޝަން (ސީބީއެފްސީ) އަށް ހުށަހަޅައި ދީޕިކާ އާއި ބާންސާލީގެ ބޮލަށް ފަސް ކްރޯޑު ދޭނެ ކަމަށް އިއުލާން ކޮށްފަ އެެވެ.

"ބާންސާލީ ނުވަތަ ދީޕިކާގެ ބޯ ގެނެސްދިން މީހަކަށް ފަސް ކްރޯޑުގެ އިނާމެއް ދޭނަން. ރާނީ ޕަދްމާވަތީ ވަނީ 12،000 އަންހެނުންނާ އެކު އޭނާގެ ނަފްސް ގުރުބާންކޮށްފައި. އެހެންވީމާ އޭނާއަށް ހުތުރު އަރުވާފައި ބާންސާލީ ފިލްމު އުފެއްދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" އެ ޖަމާއަތުގެ މީހަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ބާންސާލީ އާއި ދީޕިކާއަށް މިހާރު އޮތް ގޮތަކީ އިންޑިޔާ ދޫކޮށް ދިއުމެވެ. އިންޑިޔާގައި ތިބެއްޖެ ނަމަ އެމީހުންގެ ބޯ ކަނޑާލުން ނޫން ގޮތެއް ނެތް ކަމަށް އެ ޖަމާއަތުން ބުނެ އެވެ.

މި ޖަމާއަތް ނޫނަސް ވެރިކަން ކުރާ ބީޖޭޕީ އާއި އިދިކޮޅު ކޮންގްރެސް ޕާޓީގެ ވަރަށް ގިނަ ލީޑަރުން ވެސް ވަނީ މި ފިލްމާ ދެކޮޅަށް ތެދުވެފަ އެވެ. ފިލްމު މަނާކުރުމަށް ގިނަ ބަޔަކު ދަނީ ޑިމާންޑް ވެސް ކުރަމުންނެވެ.

ނަމަވެސް ސުޕްރީމް ކޯޓުން ފިލްމު މަނައެއް ނުކޮށްދިނެވެ. އެ ކޯޓުން ބުނީ ފިލްމާ މެދު ގޮތެއް ނިންމާނީ ސެންސަރު ބޯޑުން ކަމަށެވެ.