19 ނޮވެމްބަރ 2017 - 06:59

ސަންޖޭ ލީލާ ބާންސާލީގެ "ޕަދްމާވަތީ" ސިނަމާތަކުގައި ދެއްކޭނެ އޮތް ހަމައެކަނި ގޮތަކީ ސެންސަރު ބޯޑުން ފާސްކޮށްދިނުމެވެ. ނަމަވެސް ސެންސަރު ބޯޑުން އެހާ ފަސޭހައިން އެ ފިލްމު ފާސްކޮށްދޭނެ ކަމަކަށެއް ނުބެލެވެ އެވެ. ސަބަބަކީ އެ ބޯޑަށް ފިލްމު ފޮނުވުމާ އެކު ލިޔެކިޔުންތައް ފުރިހަމަ ނުވާ ކަމަށް ބުނެ ސެޓްފިކެޓް ދޭން އިންކާރު ކޮށްފައި ވާތީ އެވެ.
"ޕަދްމާވަތީ" އިއުލާން ކުރީއްސުރެ ފިލްމުގެ ޑައިރެކްޓަރު ބާންސާލީ އާއި ފިލްމުގެ ތަރިން އަދި ކުރޫން އުޅެފައިވަނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގަ އެވެ. އަދި ފިލްމުގެ ޝޫޓިން ނިންމާލެވުނީ ވެސް ވަރަށް ހާލުންނެވެ.
އަންނަ ޑިސެމްބަރު 1 ވަނަ ދުވަހު ފިލްމު ރިލީޒްކުރަން ތައްޔާރުވަމުން އަންނަ އިރު ފިލްމާ ދެކޮޅަށް މެދުނުކެނޑި މުޒާހަރާ ކުރާތާ މިހާރު މަހަކަށް ވުރެ ގިނަ ވެއްޖެ އެވެ. ފިލްމު މަނާކޮށްދޭން އެދި އެއް ބަޔަކު ސުޕްރީމް ކޯޓަށް ވެސް ދިޔަ އެވެ. ނަމަވެސް އެ ކޯޓުން ވަނީ ފިލްމާ މެދު ގޮތެއް ނިންމުމުގެ ބާރު ސެންސަރު ބޯޑަށް ދީފަ އެވެ.
ފިލްމުތަކާ ބެހޭ އެހެނިހެން ޖަމިއްޔާތަކުންނާއި ސަރުކާރުން ވެސް ބުނެފައިވަނީ ސެންސަރު ބޯޑުން ފިލްމު ފާސްކޮށްދީފި ނަމަ އެ ހުރިހާ ފަރާތްތަކެއްގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ. އަދި ފިލްމު އަޅުވާ ސިނަމާތައް ހިމާޔަތްކޮށްދޭނެ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.
ފިލްމާ އެންމެ ބޮޑަށް ދެކޮޅުހަދަމުންދާ ޝްރީ ރާޖްޕޫތު ކަރްނީ ސޭނާ އިން ބުނަނީ ފިލްމުގެ އެންމެ މުހިއްމު ކެރެކްޓާ ކަމަށްވާ ރާނީ ޕަދްމާވަތީގެ ވާހަކަ ފިލްމުގައި ވަރަށް ބޮޑަށް އޮޅުވާލާފައިވާ ކަމަށެވެ. އެމީހުން ހިތްހަމަނުޖެހެނީ އެ ސަބަބާ ހުރެ އެވެ.
ނަމަވެސް ރާނީ ޕަދްމާވަތީ އަކީ އެއްވެސް ޒަމާނެއްގައި ދުނިޔޭގައި އުޅުނު ރާނީއެއް ކަމާ މެދު ވެސް ބައެއް ފަރާތްތަކުން ޝައްކު އުފައްދަ އެވެ. އެފަދަ ބައެއް މީހުން ބުނަނީ ރާނީ ޕަދްމާވަތީ އަކީ ޚިޔާލީ ވާހަކައެއް ކަމަށެވެ.
އިންޑިޔާގެ ތާރީޚީ ފޮތްފޮތުގައި ޕަދްމާވަތީގެ ވާހަކަތައް ހުރީ ތަފާތު ގޮތްގޮތަށެވެ.
ފިލްމު ރިލީޒްކުރަން ކައިރިވަމުން އަންނަ އިރު މުމްބައި އާއި އެނޫން ވެސް ގިނަ ސްޓޭޓްތަކެއްގައި ވަރަށް ވަރުގަދަ މުޒާހަރާތައް ދަނީ ކުރަމުންނެވެ. ފިލްމުގެ ޑައިރެކްޓަރަށް މަރުގެ އިންޒާރު ދީ ދީޕިކާގެ ނޭފަތް ކަނޑާލާނެ ކަމުގެ އިންޒާރު ވެސް ބައެއް ފަރާތްތަކުން ދިނެވެ.
ސެންސަރު ބޯޑުން ފިލްމު ސެންސަރު ކުރުމުގެ މަސައްކަތް އަދިވެސް ނުފަށަ އެވެ. އެ ބޯޑުގެ ގަވާއިދު ބުނާ ގޮތުން ފިިލްމެއް ސެންސަރު ބޯޑުގެ މަރުހަލާ ގިރާކޮށް ފާސްވެއްޖެ ކަމުގެ ސެޓްފިކެޓް ލިބެން މަދުވެގެން 61 ދުވަސް ނަގާނެ އެވެ. އެހެންކަމުން ކަނޑައަޅާފައިވާ ޑިސެމްބަރު 1 ގައި ފިލްމު ރިލީޒް ކުރެވިދާނެ ކަމާ މެދު ވެސް މިހާރު ޝައްކެވެ. ފަހަރެއްގައި ޖެނުއަރީ ފަހުކޮޅު ރިލީޒްކުރާ ގޮތަށް ބަދަލުކުރުން ވެސް އެކަށީގެންވާ ކަމަށް ފިލްމު އިންޑަސްޓްރީގެ ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.
"ޕަދްމާވަތީ"ގެ ޕްރޮޑިއުސަރުން ނިންމާފައި ވަނީ ފިލްމު ފާސްކޮށްދިނުމުން ޝަރީ ރާޖްޕޫތު ކަރްނީ ސޭނާގެ އޮފިޝަލުންނަށް ފިލްމު ދައްކާ ގޮތަށެވެ. ތިއޭޓަރުތަކުގައި ފިލްމު އަޅުވާނީ އޭގެ ފަހުންނެވެ.
އިންޑިޔާ ސަރުކާރުގެ އިސް އޮފިޝަލަކު އިންޑިއާ ޓުޑޭ އަށް ވިދާޅުވި ގޮތުގައި ސެންސަރު ބޯޑުން ކުރާ ކަންތައްތަކާ ބެހޭކަށް ސަރުކާރަކުން ބޭނުމެއް ނޫނެވެ.
ފިލްމުގެ ބަތަލާ ދީޕިކާ އަށް ދޭ އިންޒާރުތަކާ ގުޅިގެން އޭނާގެ ސެކިއުރިޓީ ކަންތައްތައް މުމްބައި ފުލުހުން ވަނީ ވަރުގަދަ ކޮށްފަ އެވެ. އަދި ޑައިރެކްޓަރު ބާންސާލީގެ ސަލާމަތީ ކަންކަން ވެސް ވަނީ ވަރުގަދަކޮށްފަ އެވެ.