23 ނޮވެމްބަރ 2017 - 06:58

މޮޅު އަދި ކާމިޔާބު ފިލްމްތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ ޑައިރެކްޓަރު ކްއެންޓިން ޓެރަންޓީނޯގެ ވަދާއީ ޑައިރެކްޝަން ފެނިގެންދާ ފިލްމްގެ ޑިސްޓްރިބިއުޝަން ރައިޓްސް ހޯދަން، ހޮލީވުޑްގެ ނުފޫޒު ގަދަ ތިން ސްޓޫޑިއޯއަކުން ޖެހި ރޭސް ސޮނީ ޕިކްޗާސް އިން ކާމިޔާބުކޮށްފި އެވެ.
ޓެރަންޓީނޯގެ 10 ވަނަ ފިލްމަށް ވާދަކުރީ ސޮނީ އާއި ވާނާ ބްރަދާޒްގެ އިތުރުން ޕެރަމައުންޓް ޕިކްޗާޒް އެވެ. ނަމަވެސް ހަމަ ކުރިން ވެސް ބެލެވުނު ގޮތަށް އެ ފުރުސަތު ސޮނީން ވަނީ ވަރަށް ފަހިކޮށް ކާމިޔާބުކޮށްފަ އެވެ.
މީގެ ކުރިން ޓެރަންޓީނޯ ހެދި ހުރިހާ ފިލްމްތަކެއްގެ ފަހަތުގައި އޮތީ ދާދި ފަހުން ޖިންސީ ތުހުމަތުތަކެއް އެޅުވި ހޮލީވުޑުން މިހާރު އެކަހެރިކޮށްފައިވާ ވެއިންސްޓައިން ކޮމްޕެނީ އެވެ.
ދިހަ ވަނަ ފިލްމާ އެކު، ފިލްމް ޑައިރެކްޓް ކުރުން ހުއްޓާލާކަން އިއުލާންކޮށްފައިވާ އަދި އޮސްކާ ވެސް ހާސިލްކޮށްފައިވާ ޓެރަންޓީނޯގެ އާ ފިލްމަކީ 1969 ގައި ހިނގާ ގަތުލުތަކެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ. ފިލްމާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމްގެ ބަޖެޓް 100 މިލިއަން ޑޮލަރާ ގާތް ކުރެ އެވެ.
"އިންގްލޯރިއަސް ބަސްޓަޑްސް" އާއި "ކިލް ބިލް" ސީރީޒްގެ ފިލްމްތް ހަދާފައިވާ ޑައިރެކްޓަރު އެންމެ ފަހުން ބެލުންތެރިންނާ ހަމައަށް ގެނެސް ދިނީ 2015 ގައި ރިލީޒް ކުރި "ހޭޓްފުލް އެއިޓް" އެވެ. އެކަމަކު ހީކުރި ވަރާ ގާތަށް ވެސް ބޮކްސް އޮފީހުގައި ހިނގި ފިލްމެއް ނޫނެވެ.
ޖުމްލަ 54 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފެއްދި "ހޭޓްފުލް އެއިޓް" އަށް ބޮކްސް އޮފީހުގައި ލިބުނީ އެންމެ 155.8 މިލިއަން ޑޮލަރެވެ.