18 ނޮވެމްބަރ 2017 - 00:36

ވެރިކަމުގެ ހަތަރު އަހަރުގެ ތެރޭގައި ރައްޔިތުންނަށް ގެނެސް ދެއްވި ތަރައްގީ އާއި ކުރިއަށް ހުރި މަޝްރޫއުތައް ތަފާސްހިސާބުން ހިއްސާ ކުރައްވައި އިދިކޮޅު ސިޔާސީ ލީޑަރުންނަށް ރައީސް އަބްދުﷲ ޔާމީން މިރޭ ފާޑުވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ޒައާމަތަށް ހަތަރު އަހަރު ފުރުން ފާހަގަކުރަން ކާނިވަލުގައި ބޭއްވި "ބަހާރެކޭ" ޖަލްސާގައި ވާހަކަފުޅު ފައްޓަވަމުން އެމަނިކުފާނު ވިދާޅުވީ ވޭތުވެދިޔަ ހަތަރު އަހަރަކީ ނުރައްކާތެރި އަދި އެތަކެއް އުނދަގުލެއް ތަހައްމަލް ކުރައްވަން ޖެހިވަޑައިގެންނެވި ދުވަސްތަކެއް ކަމަށެވެ. ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ހަތަރު ފަރާތުން، ކަޅުވިލާގަނޑެއް ނަގާފައި އޮތް ނަމަވެސް، ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ޖައްސަވައި ބާއްޖަވެރި ދިރިއުޅުމަކަށް މަގުފަހި ކޮށްދެވުނު ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ ޚާދިމެއްގެ ގޮތުން އެމަނިކުފާނުގެ ވިސްނުންފުޅު އަމާޒު ކުރެއްވީ ހުރިހާ އުމުރުފުރައަކަށް ކަމަށެވެ. ކުޑަކުދިންނާއި ޒުވާނުންނާއި މުސްކުޅިން ހިމެނޭ ގޮތަށް ހަތަރު އަހަރުގެ ތެރޭގައި، މި ސަރުކާރުން ތަރައްގީގެ މަޝްރޫއުގެ ރާހަތެއް ނުކުރާ ފަރުދެއް އަދި ރަށެއް ނެތް ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެކި ރަށްރަށުގައި މިހާތަނަށް 1،800 މަޝްރޫއު ވަނީ ނިމިފަ އެވެ. މިއީ، ހުރިހާ ރައްޔިތުން ހިމެނޭ ގޮތަށް ސަރުކާރުން ފޯރުކޮށްދޭ "ހަދިޔާ" ކަމަށާއި ފެނާއި ނަރުދަމާ އާއި ބަނދަރުތަކާއި ކަރަންޓާއި އެ ނޫން ވެސް އުމްރާނީ މަޝްރޫއުތައް އޭގެ ތެރޭގައި ހިމެނޭނެ ކަމަށް ވިދާޅުވި އެވެ.

ސަރުކާރުން ރައްޔިތުންނަށް މި ގެނެސްދޭ ތަރައްގީ އިދިކޮޅު ސިޔާސީ ލީޑަރުންނަށް ފެނިވަޑައިނުގަންނަވާ ކަމަށް ނުވަތަ ބައްލަވަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވެ ފާޑުވިދާޅުވުން އަމާޒުކުރެއްވި އެވެ. އެމަނިކުފާނަކީ ޚުދުމުހާތާރު ވެރިއެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ އަދު ލުއިންސާފު ގާއިމްކޮށް، ރައްޔިތުން ބޭނުންވާ ކަންކަން ފުއްދައި ދެއްވާތީ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑާ ވާދަކުރައްވާ ބޭފުޅުންނަށް ތަރައްގީ ފެނިވަޑައިނުގަންނަވާތީ، ފަހުމްވެވަޑައި ނުގަންނަވާތީވެ ތަފާސްހިސާބުން އެ ބޭފުޅުންގެ ސިކުނޑިފުޅަށް ބަރުކޮށްލުމަކީ އަޅުގަނޑަށް ލިބޭ އުފަލެއް ކަމުގައި ދެކެން،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ މިރޭގެ ވާހަކަ އަމާޒުވަނީ ހުރިހާ ލޮބުވެތި ރައްޔިތުންނަށް. މި ވާހަކަ އަމާޒު ވަނީ ތަރައްގީ ލޮލަށް ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވާ ލީޑަރުންނަށް."

- މިހާތަނަށް 20،000 މިލިއަން ރުފިޔާ ހޭދަކޮށް 1،800 މަޝްރޫއު ނިމިފައިވާއިރު ކޮންމެ ރަށަކަށް ޖުމްލަކޮށް ނުވަ މަޝްރޫއު ހަތަރު އަހަރު ތެރޭގައި ހިންގާފައި ވާނެ. ކުރިއަށް އޮތް ތަނުގައި ވެސް ހުރިހާ ރައްޔިތުންނަށް ތަރައްގީގެ ފައިދާ ލިބޭނެ.

- ހަތަރު އަހަރު ތެރޭގައި 100،000 ވަޒީފާ އެކި ސަރަހައްދުތަކުގައި ވަނީ އުފެދިފައި.

- މަތީ ތައުލީމަށް ކިޔަވަން ބޭނުންވާ 3،325 ދަރިވަރުންނަށް ލޯނާއި ސްކޮލަޝިޕް އަންނަ އަހަރުގެ ބަޖެޓުން ހަމަޖެހޭނެ. އެންމެ އަހަރަކަށް ބެލި ނަމަވެސް އެހެން ސަރުކާރުތަކާ އަޅާކިޔާއިރު، މިއީ ފާހަގަކޮށްލެވޭ ބޮޑު އަދަދެއް ކަމަށް ވިދާޅުވި.

- ސިވިލް ސާވިސްގެ ކޮންމެ ތިން މުވައްޒަފެއްގެ ތެރެއިން ދެ މުވައްޒަފެއްގެ މުސާރަ އަންނަ އަހަރު ކުރީކޮޅު ބޮޑުވާނެ. އެންމެ ކުޑަކޮށް މުސާރަ ލިބޭ މީހުންގެ މުސާރަ 37 ޕަސެންޓަށް ބޮޑުވާނެ.

- ހަތަރު އަހަރު ތެރޭގައި 135 ރަށަކަށް ރައްކާތެރި ބޯފެން ވަނީ ގާއިމްކޮށްދީފައި.
- ބޮޑެތި ރަށްތައް ހިމެނޭ ގޮތަށް 37 ރަށަކަށް ވާނީ ނަރުދަމާގެ ޚިދުމަތް ގާއިމްކޮށްދީފައި. އަދި މި އަހަރުގެ ބަޖެޓުން ވެސް، ރާއްޖޭގެ އާބާދީގެ 75 ޕަސެންޓަށް މި ޚިދުމަތް ފަށާނެ.
- ބޯފެނުގެ އަގު ހެޔޮކުރެވިދާނެތޯ ރައްޔިތުން ސުވާލު ކުރޭ، އެއީ އަޅުގަނޑަށް ކުރެވޭނެ ކަމެއް. ގެދޮރުގެ ބޭނުންތަކަށް ބޯ ފެން ބޭނުންކުރާ މީހުންނަށް، އަންނަ އަހަރުގެ ކުރީކޮޅުން ފެށިގެން މާލެ އާއި އެއް އަގެއްގައި ފެން އަގު ހެޔޮކޮށް ލިބޭނެ.
- ބޯފެން އަގު ހެޔޮކުރުމުގެ ނަތީޖާއަކީ، ރައީސް ވިދާޅުވި ގޮތުގައި، ކޮންމެ 10 ގެއަކުން ނުވަ ގެއަކަށް ފެނުގެ އަގު 57 ޕަސެންޓަށް ތިރިވުން.
- ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ބައެއް ރަށްތަކުގައި ކަރަންޓެއް ނެތް. އެކަމަކު މިހާރު ހުރިހާ ރަށަކަށް ޖަނަރޭޓަރު ހަމަކޮށް 24 ގަޑިއިރު ކަރަންޓް ވަނީ ޔަގީންކޮށްދީފައި. މިހާރު ރައްޔިތުން ބޭނުންވަނީ އިންޖީނު ގެތަކުގައި ހުރި ޖަނަރޭޓަރުތައް ބޮޑުކުރަން.
- ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ދަރިވަރުންނަށް 774 ކްލާސް ރޫމް އަޅައި ލެބޯޓްރީތައް ވަނީ އިތުރުކޮށްދީފައި. މިއީ، ކުރީ ސަރުކާރުތަކަށް ކޮށްނުދެވުނު ކަމެއް ކަމަށް ރައީސް ވިދާޅުވި.
- ކުރު މުއްދަތުގެ ތެރޭގައި 42 މިސްކިތް އިމާރާތްކޮށް ނިމިއްޖެ. ހަތަރު އަހަރު 24 ހާފިޒުން އުފެދި، އިސްލާމީ އިލްމު އުގަންނައިދޭނެ ޔުނިވާސިޓީއެއް ވަނީ ގާއިމްވެފައި.
- ކުރީގެ ސަރުކާރުތަކުން ޒުވާނުން ބޭނުން ކުރީ ކުށްތަކަށް އަރައިގަތުމަށް. ބިކަވަމުން، ބީވަމުން، ބިތްޖެހެމުން ދިޔަ ޒުވާނުންނަށް މިހާރު ވަނީ ފަހި ފުރުސަތުތަކެއް ތަނަވަސްކޮށްދީފައި. އެ މީހުން މިހާރު ޖާގަ ހޯދަނީ ޖަލުގެ ތޭރިތަކުން ނޫން، އެ މީހުންނަކީ މުޖުތަމައުގައި ގަދަރު އުފުލިގެންވާ ބަޔަކަށް ވަނީ ވެފައި.
- ގައިދީންގެ ތެރެއިން 429 މީހުން ވަނީ މިނިވަންކޮށް މުޖުތަމައަށް ނެރެފައި. އޭގެ ތެރޭގައި ފަންނުވެރި، އާމްދަނީ ހޯދޭނެ މީހުން އެބަތިބި. އެ މީހުންގެ ދިރިއުޅުން އާރާސްތުކުރަން، ވަޒީފާ އަށް އޮތް ހުރަސް ނައްތާލަން 5،752 މީހުންގެ ކުށުގެ ރެކޯޑު ވާނީ ސާފުކޮށްދީފައި.
- މާލޭގެ ދެކުނު ފަރާތުގައި މިހާރު ކުނިގޮނޑުގެ ވަހެއް ނުދުވާނެ، މިހާރު ދުވާނީ ތަރައްގީގެ ވަސް. އިދިކޮޅު ސިޔާސީ ލީޑަރުން އެތަނަށް ވަޑައިގެން ބައްލަވާލައްވަން ރައީސް އެދިވަޑައިގެންނެވި.
ރައީސް ޔާމީން ވިދާޅުވީ އަންނަ އަހަރަށް ސަރުކާރުން ކަނޑައެޅި 27.9 ބިލިއަން ރުފިޔާގެ ބަޖެޓު އިދިކޮޅު ފަރާތްތަކަށް ކަމު ނުދަނީ ރައްޔިތުންގެ އުއްމީދުތައް ހާސިލް ކުރަން ގިނަ މަޝްރޫއުތަކެއް ހިމަނާފައިވާތީ ކަމަށެވެ. މި މަޝްރޫއުތަކަކީ އިދިކޮޅު ފަރާތްތަކަށް "ހަޖަމްކުރަން ފަސޭހަ ކަންކަމެއް ނޫން" ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައްޔިތުން މުޒާހަރާުކުރާކަށް މިހާރު ބޭނުމެއް ނުވެ އެވެ. އިދިކޮޅު ފަރާތްތަކުން މުޒާހަރާ އަށް ގޮވާލުމުން ނިކުންނަ އަދަދުން ވެސް އެކަން ސާފުވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަށް އަބަދުވެސް އަމާޒުވާ އެއް ސުވާލަކީ ވަރަށް ހުދުމުހުތާރު ވެރިއެއްގެ ވާހަކަ. ކީއްވެގެންތޯ ހުދުމުހުތާރު ވަނީ؟ ގާނޫނު ހަމަހަމަކަމާ އެކީ ތަންފީޒުކުރާތީތޯ؟ ހަމަގައިމު ވެސް ގާނޫނު ތަންފީޒު ކުރަނީ ގާނޫނީ އުގޫބާތްތަކެއް ކޯޓުތަކުން ކަނޑައެޅީމަ. އެއީ އަޅުގަނޑުގެ މައްޗަށް ލާޒިމް ކަމެއް،" ރައީސް ވިދާޅުވި އެވެ.
"ކީއްވެގެންތޯ އަޅުގަނޑު ހުދުމުހުތާރު ވަނީ. ރާއްޖޭގައި މުޒާހަރާ ނުކުރާތީތޯ؟ މިދެންނެވި [ތަރައްގީ އާއި ރައްޔިތުންނަށް ފައިދާވާ] ކަންކަން ހަމަޖެހިގެންދިޔައީމާ.. ކަމަރު ބަނދެގެން ވެސް މުޒާހަރާއަކަށް މިއަދަކު ނުނިކުމޭ. ކީއްކުރަންތޯ ނިކުންނަންވީ؟ ސަބަބެއް އެބައޮތްތޯ؟ މުޒާހަރާ އަށް ނިކުންނަން ތިބި ކޮންމެ 10 މީހަކުން ހަތް މީހަކަށް ޑިރެކްޓްލީ އޭގެ [ތަރައްގީގެ] ބެނިފިޓް ލިބޭ އެބަ. މިއީ ދެއްތޯ އަޅުގަނޑުގެ ހުދުމުހުތާރު ކަމަކީ؟"
ތަފާސްހިސާބުން އެމަނިކުފާނުގެ ވެރިކަމުގެ ހަތަރު އަހަރު ސިފަކޮށްދެއްވުމުން ވެސް އިމްތިހާން ކުރައްވާނީތޯ ވިދާޅުވެ ރައްޔިތުންނަށް އެ ސުވާލު ރައީސް ޔާމީން ދޫކޮށްލެއްވި އެވެ. ރައްޔިތުންނަށް ކުރަން ހުރި މަސައްކަތް އަދިވެސް ގިނަ ކަމަށާއި އަމާޒަކީ މި ސަރަހައްދުގައި އޮތް އެންމެ ތަނަވަސް ގައުމަށް ވުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު މިރޭގެ ވާހަކަފުޅު ނިންމާލެއްވީ މާދަމާ ރޭ އޮންނަ ޖަލްސާގައި ވެސް ރައްޔިތުންނަށް އުފާވެރިކަން ލިބޭނެ ފަދަ ވާހަކަތަކެއް އަޑު އިވޭނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.