05 ޖުލައި 2016 - 16:27

ތްރީ ލައިން ވިޕާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓު ދެއްވި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ޕާޓީން ވަކިކުރަން ޕީޕީއެމްގެ ސުލޫކީ ކޮމީޓީން ދެންމެއަކު ނިންމައިފި އެވެ.
ފާރިސްގެ އިތުރުން، ސަރުކާރަށް ފާޑުކިޔައި ޓުވީޓެއްކޮށްގެން މަގާމުން ވަކިކުރި ޖެންޑާ މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު އާމިނަތު ނާދިރާ އާއި މާލޭ ސިޓީގެ މެމްބަރު ޒައިދުލް އަމީން ވެސް ޕާޓީން ވަކިކުރަން ވަނީ ނިންމާފަ އެވެ.
ފާރިސްއާ މެދު ފިޔަވަޅު އަޅަން ފޮނުވީ އިއުލާން ނުކޮށް ރަށްތައް ކުއްޔަށް ދޫކުރާ އިސްލާހު ފާސް ކުރަން ވިޕްލައިން ނެރެފައި ވަނިކޮށް، އެ ނިންމުމާ ހިލާފުވުމުންނެވެ. މަޖިލީހުގައި ނެގި ވޯޓަށް ހާޒިރުވެވަޑައިގެން އިންނަވައި ފާރިސް ވޯޓު ދެއްވީ ބިލް ފާސްކުރަން ނުފެންނަ ކަމަށެވެ.
ނާދިރާއާ ގުޅޭ ގޮތުން ސުލޫކީ ކޮމެޓީ އަށް ހުށަހަޅާފައި ވަނީ ޓުވީޓް ކުރި މައްސަލަ އެވެ. ޒައިދާ ގުޅޭ ގޮތުން ބަލަނީ ޕާޓީގެ މަސްލަހަތު ގެއްލޭ ގޮތަށް ސޯޝަލް މީޑިއާގައި އޭނާ ފާޑު ވިދާޅުވާ މައްސަލަ އެވެ.
މިއަދު 2:00 ބޭއްވި ސުލޫކީ ކޮމިޓީގެ ބައްދަލުވުމަށް އެ ތިން ބޭފުޅުން ވެސް ވަޑައެއް ނުގަންނަވަ އެވެ. މީގެ އިތުރުން، ޕީޕީއެމްގައި އުފެދިފައިވާ ކޯޅުމާ ހެދި އެ ޕާޓީ އޮފީހުގައި ސުލޫކީ ކޮމެޓީ ބާއްވަން ކުރީގެ ރައީސް އަދި ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހުއްދައެއް ނުދެއްވި އެވެ. އެހެންވެ ކޮމެޓީ ބޭއްވީ ހ. ކޮރަލް ރީފްގަ އެވެ.
ސުލޫކީ ކޮމެޓީ މި ބޭއްވީ ޕާޓީގެ ހުރިހާ ބާރުތައް ނަންގަވައި އެ މަނިކުފާނުގެ ހުއްދަ ނެތި އެއްވެސް ކޮމެޓީއެއް ނުބާއްވަން މައުމޫން އަންގަވާފައި ވަނިކޮށެވެ.
މީގެ އިތުރުން، މައުމޫން ވަނީ ފާރިސް ދިފާއު ކުރައްވައި ވާހަކަފުޅު ވެސް ދައްކަވާފަ އެވެ. ފާރިސް އަމަލު ކުރެއްވީ އެ މަނިކުފާނު އެންގެވި ގޮތަށް ކަމަށާއި ވިޕްލައިނާ ހިލާފުވި އެހެން މެމްބަރުންނާ މެދު ފިޔަވަޅު ނާޅައި ފާރިސްއާ މެދު އެޅުމަކީ އިންސާފެއް ނޫން ކަމަށް މައުމޫން ވަނީ ވިދާޅުވެފަ އެވެ.