ޖޯޖް ކްލޫނީ ޓީވީ ސިލްސިލާއެއް ޑައިރެކްޓްކޮށް، ކުޅެނީ
ޖޯޖް ކްލޫނީ ޓީވީ ސިލްސިލާއެއް ޑައިރެކްޓްކޮށް، ކުޅެނީ

އެކްޓިން އަށް ވުރެ ބޮޑަށް މިހާރު ޑައިރެކްޝަނަށް ފޯކަސްކޮށްގެން އުޅޭ ހޮލީވުޑްގެ ތަރި ޖޯޖް ކްލޫނީ ޓީވީ ސިލްސިލާއެއް ޑައިރެކްޓްކޮށް، އޭގެ މުހިއްމު ރޯލެއް ކުޅެން ނިންމައިފި އެވެ.

ޕެރަމައުންޓް ޓީވީއާ ގުޅިގެން ހަދާ ހަ އެޕިސޯޑްގެ މި ސިލްސިލާއަކީ 1961 ގައި ލިޔުންތެރިޔާ ޖޯސެފް ހެލާ ނެރުނު ""ކެޗް-22" އަށް ބިނާކޮށް، ހަމަ އެ ނަމުގައި ހަދާ ސިލްސިލާއެކެވެ. މީގައި ކިޔައި ދެނީ ދެވަނަ ބޮޑު ހަނގުރާމައި އެމެރިކާގެ އަސްކަރިއްޔާގައި މަސައްކަތް ކުރި ކެޕްޓަން ޖޯން ޔޮޒާރިއަންގެ ވާހަކަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ކެޗް-22" ގައި ކްލޫނީ ފެނިގެން ދާނީ ކާނަލް ކެޗްކާޓް ކިޔާ ކެރެކްޓާއަކުންނެވެ. އަންނަ އަހަރުގެ ކުރީކޮޅު ޝޫޓިން ފަށާ ސިލްސިލާގެ ބައެއް ބައިތައް ކްލޫނީގެ ޕްރޮޑިއުސިން ޕާޓްނަރު ގްރާންޓް ހެޒްލޯވް ޑައިރެކްޓް ކުރާނެ އެވެ.

"ކެޗް-22" ސިލްސިލާއެއްގެ ގޮތުގައި ޓީވީ ސްކްރީނަށް ގެންނަން ނިންމާފައިވާ އިރު، މީގެ ސްކްރިޕްޓް ލިޔަނީ ލޫކް ޑޭވީޒް އާއި ޑޭވިޑް މިޝޯޑް އެވެ. އެ ދެ މީހުން ސިލްސިލާގެ ދެ އެކްޒެކެޓިވް ޕްރޮޑިއުސަރުންގެ ތެރޭގައި ވެސް ހިމެނެ އެވެ.

ކާމިޔާބު ގިނަ ފިލްމްތަކެއް ކުޅެ، މިހާތަނަށް ހަ ފީޗާ ފިލްމް ޑައިރެކްޓްކޮށްފައިވާ ކްލޫނީ އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ ދާދި ފަހުން ނެރުނު "ސަބާބިކޮން" އެވެ. "ކެޗް-22" ވެގެން ދާނީ އޭނާ ޑައިރެކްޓް ކުރާ ފުރަތަމަ ސިލްސިލާއަށެވެ. އެކަމަކު ކްލޫނީ ވަނީ ކުރިން ވަރަށް ކާމިޔާބު ސިލްސިލާތަކެއް ކުޅެފަ އެވެ. އޭގެ ތެރޭގައި "އީއާރް" އާއި "ފެކްސްޓް އޮފް ލައިފް" ހިމެނެ އެވެ.

އުމުރުން މިހާރު 56 އަހަރުގެ ކްލޫނީ ދާދި ފަހުން ބުނި ގޮތުގައި ފިލްމް ކުޅޭ ވަރަށް ވުރެ މިހާރު އޭނާ މުސްކުޅިވެއްޖެ އެވެ.