17 ނޮވެމްބަރ 2017 - 18:49

ފްރެންކްފަޓް (ނޮވެމްބަރު 17) - އިޒްރރޭލުގެ ޕަސިންޖަރަކު އުފުލުން މަނާކުރުމަކީ ކުވޭތު އެއާލައިނުގެ ހައްގުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ޖަރުމަނުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.
ކޯޓުގެ މި ހުކުމަށް ވަނީ ޔަހޫދީ ޖަމާއަތްތަކުން ނުރުހުން ފާޅު ކުރަން ފަށައިފަ އެވެ. ޖަރުމަނުގެ ފްރެންކްފަޓުން ބެންކޮކަށް ދަތުރު ކުރަން ހަމަޖެހިފައިވާ އިޒްރޭލް ޕެސެންޖަރެއްގެ ޓިކެޓް ކުވޭތު އެއާލައިނުން ކެންސަލް ކުރީ އިޒްރޭލަކީ ގައުމެއް ކަމަށް ކުވޭތުން ގަބޫލް ނުކުރާތީ އެވެ. ޖަރުމަނުގެ ކޯޓުން ބުނެފައި ވަނީ އެއާލައިނުން ވަނީ ކުވޭތުގެ ގާނޫނަށް އިހްތިރާމްކޮށްފައި ކަމަށެވެ.
އިޒްރޭލް ޕެސެންޖަރުގެ ވަކީލް ވިދާޅުވީ މިއީ ޑިމޮކްރެސީ އަށް ވެސް ހުތުރު އެރުވި ހުކުމެއް ކަމަށެވެ. އަދި އެ ހުކުމް އިސްތިއުނާފް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ފްރެންކްފަޓުގެ މޭޔަރު ޔޫވް ބެކާ ވެސް ވަނީ ހުކުމަށް ފާޑު ވިދާޅުވެފަ އެވެ.
ޖަރުމަނުގެ ޖޫވިޝް ކައުންސިލުން ވަނީ މި ބާވަތުގެ ތަފާތު ކުރުންތައް ނައްތާލުމަށް މައި ސަރުކާރަށް ގޮވާލައިފަ އެވެ.