ނޯތު ކޮރެއާ އިން ފިލަން އުޅުނު ސިފައިންގެ މީހާގެ ބަނޑުގައި ފަނި
ނޯތު ކޮރެއާ އިން ފިލަން އުޅުނު ސިފައިންގެ މީހާގެ ބަނޑުގައި ފަނި

ސޯލް (ނޮވެމްބަރު 17) - ދެ ކޮރެއާގެ ދެމެދުގައި ވަރުގަދަ އަށް ގާޑުކޮށްފައިވާ ޑިމިލިޓަރައިޒް ޒޯން ހުރަސްކޮށް ފިލަން އުޅުނު ނޯތު ކޮރެއާގެ ސިފައިންގެ މީހާގެ ބަނޑުގައި ގިނަ އަދަދެއްގެ ފަނި އެބަހުރި ކަމަށް އޭނާ އަށް ފަރުވާދޭ ޑޮކްޓަރު ބުނެފި އެވެ.

ނޯތު ކޮރެއާގެ ސިފައިންގެ މީހާ ބޯޑަރު ހުރަސްކޮށް ސައުތު ކޮރެއާގެ ޖޮއިންޓް ސެކިއުރިޓީ އޭރިޔާ (ޖޭއެސްއޭ) އަށް ވަންނަން އުޅެނިކޮށް އޭނާގެ ގަޔަށް ބަޑިޖެހުމުން ހަތް ވަޒަން ވަނީ އަރައިފަ އެވެ. ޑޮކްޓަރުން ބުނީ އޭނާ މިހާރު އޮތީ އާދައިގެ ހާލަތެއްގައި ކަމަށެވެ. އެކަމަކު އޭނާގެ ބަނޑުގައިވާ ފަނިތަކުގެ ސަބަބުން ޒަޚަމްތައް އިތުރަށް ގޯސްކުރަމުންދާ ކަމަށް ޑޮކްޓަރުން ބުންޏެވެ.

"ޑޮކްޓަރެއްގެ ގޮތުގައި އަހަރެން މަސައްކަތް ކުރި 20 އަހަރު ދުވަހުގެ ތެރޭގައި ވެސް މިވަރުގެ ކަމެއް ނުދެކެން. އޭނާގެ ބަނޑުން ނެގި އެންމެ ދިގު ފަނީގައި 27 ސެންޓި މީޓަރު (11 އިންޗި) ހުރި،" ސިފައިންގެ މީހާ އަށް ފަރުވާދޭ ސައުތު ކޮރެއާގެ ޑޮކްޓަރު ލީ ކުކް-ޖޮން ބުންޏެވެ.

އިންސާނުންގެ ހަށިގަނޑަށް ތަފާތު ގޮތް ގޮތަށް ފަނި ވަދެ އެވެ. އޭގެ ތެރޭގައި ނުސާފު ކާނާ ކެއުމާއި އެކި ބާވަތުގެ ސޫފި ދަތް އެޅުމާއި އަދި ހަންގަނޑު ތެރޭން ޕެރަސައިޓް ހަށިގަނޑަށް ވަނުން ހިމެނެ އެވެ. މީގެ ތެރޭން ނޯތު ކޮރެއާގެ ސިފައިންގެ މީހާގެ ހަށިގަނޑަށް ފަނި ވަދެފައި ވަނީ ނުސާފު ކާ އެއްޗެހި ކައިގެން ކަމަށް ޑޮކްޓަރުން ލަފާކުރެ އެވެ. ސަބަބަކީ ނުސާފު ކާއެއްޗެހިން ހަށިގަނޑަށް ވަންނަ ޕެރަސައިޓަކީ ފަނި ކަމަށްވާތީ އެވެ.

ގަސްކާނާގެ ގޮތުގައި ނޯތު ކޮރެއާ އިން ނަޖިސް ބޭނުން ކުރެ އެވެ. މި ނަޖިސް ޓްރީޓް ނުކޮށް ގަސްކާނާގެ ގޮތުގައި ބޭނުންކޮށްފި ނަމަ، ތަރުކާރީ ފަދަ ތަކެތި ރޯނުފިލުވާ ކައިފި ނަމަ އިންސާނުންގެ ހަށިގަނޑަށް ޕެރަސައިޓް ވަނުމުގެ ފުރުސަތު ބޮޑެވެ. މީހެއްގެ ހަށިގަނޑުގައި ފަނި އުޅުނު ނަމަވެސް އެއްވެސް އަލާމާތެއް ނުފެނިދާނެ އެވެ. އެކަމަކު ބައެއް ހާލަތްތަކުގައި އެއީ ނުރައްކާ ކަމެކެވެ.

ނޯތު ކޮރެއާގެ ސިފައިން ވަނީ އޭނާ ގަޔަށް 40 ފަހަރު ބަޑި ޖަހައިފަ އެވެ. އެކަމަކު ސިފައިންގެ މީހާ ވަނީ ސައުތު ކޮރެއާގެ ސަރަހައްދަށް ވަދެފަ އެވެ. އޭނާ އެންމެ ފަހުން ވަނީ ފަތްތަކެއްގެ ދަށަށް ވަދެ ފަލައިފަ އެވެ.

ސައުތު ކޮރެއާގެ ޑިފެންސް މިނިސްޓަރު ޕާލަމެންޓުގައި ވިދާޅުވީ މިއީ ސައުތު ކޮރެއާގެ ޖޭއެސްއޭގެ ސަރަހައްދަށް ނޯތު ކޮރެއާ ސިފައިން ހަމަލާ ދިން ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިއީ ދެ ގައުމުގެ މެދުގައިވާ އާމިސްޓިސް އެއްބަސްވުމާ ޚިލާފަށް ނޯތު ކޮރެއާ އިން ކުރި ކަމެއް ކަމަށް ބުނެ ޕާލަމެންޓުގެ ބައެއް މެންބަރުން ވަނީ ސުވާލު އުފައްދައިފަ އެވެ.

ނޯތު ކޮރެއާ އިން އަހަރެއްގެ ތެރޭ ގާތްގަނޑަކަށް 1،000 މީހުން ސައުތު ކޮރެއާގެ ސަރަހައްދަށް ވަދެ އެވެ. އެކަމަކު ދުނިޔޭގެ އެންމެ ބޮޑަށް ގާޑުކޮށްފައިވާ އެއް ސަރަހައްދު ކަމަށް ބެލެވޭ ޑިމިލިޓަރައިޒް ޒޯން ހުރަސްކޮށް ދަނީ މަދު ބައެކެވެ. ކޮރެއާ ހަނގުރާމަ 1953 ވަނަ އަހަރު ނިމުނު ފަހުން ނޯތު ކޮރެއާގެ 30،000 މީހުން ސައުތު ކޮރެއާ އަށް ތެރެވެފައިވާ ކަމަށް ސޯލުން ބުނެ އެވެ.