17 ނޮވެމްބަރ 2017 - 17:46

ކޮލަމްބޯ (ނޮވެމްބަރު 17) - ލަންކާގެ ސެންޓްރަލް ބޭންކުން ބޮންޑް ވިއްކުމުގައި ހިންގާފައިވާ ކޮރަޕްޝަނާ ގުޅޭ ގޮތުން ސުވާލު ކުރުމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ރިޔާސީ ކޮމިޝަނަށް ހާޒިރު ކުރަން ނިންމައިފި އެވެ.
ބޮންޑު ވިއްކި މައްސަލަ ބެލުމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ އުފައްދަވާފައިވާ ކޮމިޝަނުގެ ޗެއާމަން ކޭ.ޓީ ޗިޓްރަސިރީ ވިދާޅުވީ ބައެއް މައުލޫމާތު ސާފު ކުރުމަށް ރަނިލް ހާޒިރު ކުރަނީ އަންނަ ހޯމަ ދުވަހު ކަމަށެވެ. ރަނިލް ކުރިން ވިދާޅުވެފައި ވަނީ ކޮމިޝަނަށް ހާޒިރުވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރަމުން ދަނީ ފެބްރުއަރީ، 2015 އާއި މާޗު 2016 ގައި ބޮންޑި ވިއްކި މައްސަލަތަކުގައި ހިންގާފައިވާ ކަމަށް ބުނާ ކޮރަޕްޝަނުގެ މައްސަލަތަކެވެ. ބޮންޑް ވިއްކި އިރު ބޭންކުގެ ގަވަރްނަރަކަށް ހުންނެވީ ރަނިލްއާ ގާތް ފަރާތެއް ކަމަށްވެ އެވެ.
ލަންކާގެ ކުރީގެ ފޮރިން މިނިސްޓަރު ރަވީ ކަރްނަނަޔަކަ އިސްތިއުފާ ދެއްވަން ޖެހުނީ ވެސް މަރުކަޒީ ބޭންކުގެ ބޮންޑުގެ މައްސަލާގައި އޭނާގެ މައްޗަށް ތުހުމަތު ކުރި ކޮރަޕްޝަނުގެ މައްސަލަތަކަކާ ގުޅިގެންނެވެ.
ލަންކާގެ ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި ކަރުނަނަޔަކަގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސް ކުރަން ހުށަހެޅީ މަރުކަޒީ ބޭންކުގެ ބޮންޑުގެ މައްސަލާގައި ތުހުމަތުކޮށްފައިވާ ވިޔަފާރިވެރިޔާ އަރްޖުނާ އަލޮއިސިއަސްއާ ގުޅުން އޮންނަ މައްސަލައިގަ އެވެ. މަރުކަޒީ ބޭންކުގެ ކުރީގެ ގަވަރުނަރު އަރުޖުނާ މަހެންދުރަގެ ޅީ ދަރިފުޅެއް ކަމަށްވާ އަލޮއިސިއަސް ވަނީ ކަރުނަނަޔަކަގެ އާއިލާ އަށް ލަގްޒަރީ އެޕާޓްމަންޓެއް ގަނެދީފަ އެވެ. ރިޔާސީ ކޮމިޝަނަށް ވަނީ ކަރުނަނަޔަކަ ވެސް ހާޒިރުކޮށްފަ އެވެ. އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނިކޮށް ކަރުނަނަޔަކަ ވަނީ މިދިޔަ އޮގަސްޓް މަހު އިސްތިއުފާ ދެއްވައިފަ އެވެ.