17 ނޮވެމްބަރ 2017 - 16:14

ހަރާރޭ (ނޮވެމްބަރު 17) - ޒިމްބާބުވޭ ސިފައިން ނުކުމެ ގައުމުގެ ކޮންޓްރޯލް މިދިޔަ ބުދަ ދުވަހު ނަގާ ރައީސް ރޮބަޓް މުގާބޭ ގޭގައި ބަންދުކުރި ފަހުން ފުރަތަމަ ފަހަރަށް އާއްމުންގެ ތެރެއަށް ނުކުމެވަޑައިގެން ޔުނިވާސިޓީ ގްރެޖުއޭޝަން ހަފުލާއެއްގައި ބައިވެރިވެވަޑައިގެންފި އެވެ.

ސަލާމަތީ އޮފިޝަލުންނާ އެކު ހަފުލާ އަށް ވަޑައިގެން މުގާބޭ ވަނީ ވާހަކަ ވެސް ދައްކަވައިފަ އެވެ. ނަމަވެސް މުގާބޭ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ޖޮނަތަން މޮޔޯ އަދި އަނބިކަނބަލުން ގްރޭސް ވެސް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ. ސިފައިންގެ ބާރުގެ ދަށަށް ގައުމު ގެންދިއުމަށް ފަހު މުގާބޭ ސަރުކާރުގެ ގިނަ މިނިސްޓަރުންތަކެއް ވަނީ ހައްޔަރުކޮށްފަ އެވެ.
ހަރާރޭ އޯޕަން ޔުނިވާސިޓީގެ ގްރެޖުއޭޝަނުގައި ބައިވެރިވެވަޑައިގަތުމަކީ މުގާބޭ ކޮންމެ އަހަރަކު ވެސް ކުރައްވާ ކަމެކެވެ.
ގޭބަންދުގައި ހުންނެވި މުބާގޭއާ ސިފައިންގެ ވެރިން އިއްޔެ ވަނީ ބައްދަލުކޮށްފަ އެވެ. ސައުތު އެފްރިކާގެ މަންދޫބުންނާ އެކު ބޭއްވި ބައްދަލުވުމުގައި މުގާބޭ ވަނީ އިސްތިއުފާ ދެއްވަން ދެކޮޅު ހައްދަވައިފަ އެވެ. ސިފައިން ބުނެފައި ވަނީ މުގާބޭއާ އިތުރަށް މިއަދު ވާހަކަ ދައްކާނެ ކަމަށާއި އޭގެ ފަހުން ރައްޔިތުންނަށް މައުލުމާތު ހިއްސާ ކުރާނެ ކަމަށެވެ.
ޒިމްބާބުވޭ ސިފައިން ނުކުންނަން ޖެހުނީ ނައިބް ރައީސް އެމާސަން ނަންގަގްވާ މިދިޔަ ހަފުތާގައި މަގާމުން ދުރުކުރުމުންނެވެ. ނައިބް ރައީސް ވަކިކޮށްފައި ވަނީ މުގާބޭ އަނބިކަނބަލުންގެ ނުފޫޒުންނެވެ.