17 ނޮވެމްބަރ 2017 - 17:18

ހަރާރޭ (ނޮވެމްބަރު 17) - ޒިމްބާބުވޭގައި 37 އަހަރުގެ ޚުދުމުޚްތާރު ވެރިކަމެއް ކުރެއްވި ރޮބަޓް މުގާބޭގެ ވެރިކަން ގެއްލެނީ އެވެ. ވެރިކަމުގެ ބާރު އިތުރަށް ގަދަކުރަން އުޅެނިކޮށް ސިފައިން ނުކުމެ މުގާބޭ ވަނީ ގޭ ބަންދުކޮށްފަ އެވެ.

ވެރިކަން ދޫކޮށްލާތޯ ސައުތު އެފްރިކާގެ މަންދޫބުން މިހާރު ވަނީ މުގާބޭއާ މަޝްވަރާ ކުރަން ފަށައިފަ އެވެ. ސިފައިންގެ އޮފިސަރުންނާ އެކު ބޭއްވި ބައްދަލުވުންތަކުގައި މުގާބޭ ހުންނެވީ ދޫދެއްވާ ގޮތަކަށް ނޫނެވެ. ސުވާލަކީ މުގާބޭ އަށް ދެން ވާނީ ކިހިނެއް ބާވަ އެވެ؟ ތިރީގައި މި ވަނީ ދެން ކަން ވެދާނެ ގޮތްތަކެވެ.

ޒިމްބާބުވޭ ސިފައިން ނުކުމެ ގައުމީ ޓީވީ އެ މީހުންގެ ބާރުގެ ދަށަށް ގެނައުމަށް ފަހު ވަނީ ވެރިކަން ކުރާ ޕާޓީގައި ތިބި ކޮރަޕްޓް މީހުން ހައްޔަރު ކުރަން ފަށާފައި ކަމަށް އިއުލާން ކޮށްފަ އެވެ. އޭގެ ފަހުން އިވުނީ އުމުރުން 93 އަހަރުގެ މުގާބޭ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ ޚަބަރެވެ.

މުގާބޭ އިސްތިއުފާ ދެއްވާތޯ އޭނާއާ އެކު ސިފައިން ދަނީ މަޝްވަރާ ކުރަމުންނެވެ. އެއްގޮތަކީ ވެރިކަން ދޫކޮށްލާމަތިން މުގާބޭ އަށް ސިފައިން ރައްކާތެރިކަން ދިނުމެވެ. ނުވަތަ ގައުމު ދޫކުރައްވާ މުގާބޭ ވަޑައިގެންނެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމެވެ.
މުގާބޭ އިސްތިއުފާ ދެއްވައިފި ނަމަ ވެރިކަން ލިބުން ގާތް އެއް ފަރާތަކީ މިދިޔަ ހަފުތާގައި މަގާމުން ދުރުކުރި ނައިބް ރައީސް އެމާސަން ނަންގަގްވާ އެވެ. ޒިމްބާބުވޭގެ އިދިކޮޅު ލީޑަރު މޯގަން ސުވަންގިރާއީ ވެސް މިހާރު ވަނީ ގައުމަށް ވަޑައިގެންފަ އެވެ. ބައެއް ފަރާތްތަކުން ދަނީ އިންތިގާލީ ސަރުކާރަކަށް ވެސް ބާރު އަޅަމުންނެވެ.
ސިފައިން މިހާތަނަށް ވެސް މުގާބޭ އަށް މުޚާތަބް ކުރަމުން ދަނީ ރައީސްގެ ނަމުންނެވެ. އަދި ސިފައިން ބުނެފައި ވަނީ މިއީ އަސްކަރީ ބަޣާވާތެއް ވެސް ނޫން ކަމަށެވެ. ވެރިކަން ކުރާ ޒަނޫ-ޕީއެފް ޕާޓީ އާއި ސިފައިންގެ ތެރޭގައި ތިބި ގިނަ މީހުންނަކީ މުގާބޭ އަށް ވަފާތެރިންނެވެ. ބައެއް މީހުން ބުނާ ގޮތުގައި މައްސަލަ އަކީ މުގާބޭއެއް ނޫނެވެ. އެކަމަކު ވެރިކަން ހޯދަން ޕާޓީގެ ތެރޭގައި އޮތް ވާދަވެރިކަމެވެ. މުގާބޭގެ އަނބިކަނބަލުން ގްރޭސް އާއި ނައިބް ރައީސް ނަންގަވާއާ ދެމެދު ވަނީ ބާރުތައް ހޯދުމުގެ ކޯޅުން ބޮޑުވެފަ އެވެ. ނަންގަގްވާ މަގާމުން ދުރުކޮށް އެންމެ ފަހުން ސިފައިން މި ހާލަތު ގެންނަން ޖެހުނީ މުގާބޭ އަންހެނުންގެ ސަބަބުންނެވެ.
ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ވެރިކަން ކުރާ ޕާޓީގެ ކޮންގްރެސް ޑިސެމްބަރު މަހު ބާއްވަންދެން މުގާބޭ ވެރިކަމުގައި ހުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ކޮންގްރެސްގައި ނަންގަގްވާ އަށް ޕާޓީގެ ލީޑަރު އަދި ގައުމީ ލީޑަރުކަން ވެސް ދީފާނެ އެވެ. އެކަމަކު މުގާބޭ ބޭނުން ވަނީ އޭނާގެ ދައުރު ނިމެންދެން ވެރިކަން ކުރަން ކަމަށްވެ އެވެ.
މުގާބޭ ގައުމުން ބޭރަށް ފޮނުވާލާ ނަމަ އެންމެ ގާތް ގައުމަކީ ސައުތު އެފްރިކާ އެވެ. ޒިމްބާބުވޭގެ މައްސަލަ ހައްލު ކުރުމަށް ސައުތު އެފްރިކާގެ މަންދޫބުން މިހާރު ވެސް އުޅުއްވަނީ ޒިމްބާބުވޭ އަށް ވަޑައިގެންނެވެ. ސައުތު އެފްރިކާގައި މުގާބޭގެ އަމިއްލަ ގެދޮރު ވެސް ހުރެ އެވެ. ސައުތު އެފްރިކާ އިތުރުން މުގާބޭ ދެން ވަޑައިގެންފާނެ ގައުމުތަކުގެ ތެރޭގައި ސިންގަޕޫރާއި މެލޭޝިއާ ހިމެނެ އެވެ. އެ ދެ ގައުމުގައި ވެސް މުގާބޭގެ އަމިއްލަ ގޭ ހުރެ އެވެ.
އިދިކޮޅު ޕާޓީ، މޫވްމަންޓް ފޯ ޑިމޮކްރެޓިކް ޗޭންޖުގެ ލީޑަރު މޯގަން ސުވާންގިރާއީ ގައުމުން ބޭރުގައި އުޅުއްވުމަށް ފަހު މިހާރު ހުންނެވީ ޒިމްބާބުވޭގަ އެވެ. އޭނާ ގެންދަވަނީ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފެއްދުމަށް ބާރު އަޅަމުންނެވެ. މިއީ ހުޅަނގުގެ ގިނަ ގައުމުތަކުން ވެސް ތާއީދުކުރާ ގޮތެވެ.
އިދިކޮޅު އެހެން ލީޑަރެއް ކަމަށްވާ ޓެންޑައި ބިޓީ ވެސް ވަނީ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއްގައި އޭނާ ބައިވެރިވާނެ ކަމަށް ވިދާޅުވެފަ އެވެ.
ޒިމްބާބުވޭ ސިފައިން ނުކުމެ ގައުމު ކޮންޓްރޯލް ކުރި ނަމަވެސް އެއީ ވެރިކަން ބަދަލު ކުރަން ކުރި ކަމެއް ނޫނެވެ. ސިފައިން ނުކުންނަން ޖެހުނީ ވެރިކަން ކުރާ ޕާޓީގެ ތެރޭގައި އޮތް ކޯޅުގައި ގައުމީ ބަތަލުން މަގާމުތަކުން ދުރުކުރާތީ އެވެ. ނައިބް ރައީސްގެ މަގާމުން މިދިޔަ ހަފުތާގައި ދުރުކުރި އެމާސަން ނަންގަގްވާ އަކީ ޒިމްބާބުވޭގެ މިނިވަން ކަމަށް މަސައކަތް ކުރި ޖެނެރަލެކެވެ. އޭނާ މަގާމުން ދުރުކޮށްފައި ވަނީ މުގާބޭ އަނބިކަނބަލުންގެ ނުފޫޒުންނެވެ. ސިފައިންގެ ވެރިންނާއި ނަންގަގްވާއާ ދެމެދު ގާތް ގުޅުމެއް އޮވެ އެވެ. މުގާބޭ ދުރުކުރުމަށް ފަހު ދެން އަންނަ ވެރިއެއްގެ ފަރާތުން ވެސް ރައްޔިތުންގެ ހާލަތު ރަނގަޅު ވާނެ ކަމާމެދު ގިނަ ބަޔަކު ޝައްކު ކުރެ އެވެ.
ސިފައިންގެ ތެރޭގައި އޮންނަ ރިޔާސީ ގާޑަކީ މުގާބޭ އަށް ވަފާތެރިންނެވެ. ޒިމްބާބުވޭގެ ކޮންޓްރޯލް ނަގާ މުގާބޭ ބަންދުކޮށްފައި ވަނީ ސިފައިންގެ އިސް ޖެނެރަލުންތަކެއްގެ ރޭވުމަކުންނެވެ. ނަންގަގްވާ މަގާމުން ދުރުކުރުމާ ގުޅިގެން ވެރިކަންކުރާ ޕާޓީ އަށް އިންޒާރު ދިނުމަށް ސިފައިންގެ ވެރިޔާ ޖެނެރަލް ކޮންސްޓަންޓިނޯ ޗިވެންގާ މިދިޔަ ހަފުތާގައި ބަޔާން ދެއްވީ ސިފައިންގެ 90 އޮފިސަރުންނާ އެކު އެވެ. މިހާރު އޮތް ހާލަތާ ދެކޮޅަށް މުގާބޭގެ ވަފާތެރި ސިފައިން ނުކުތުން ވެސް އެކަށީގެންވެ އެވެ.