20 ސިކުންތު އަވަހަށް ރޭލު ނައްޓާލުމުން މައާފަށް އެދިއްޖެ
20 ސިކުންތު އަވަހަށް ރޭލު ނައްޓާލުމުން މައާފަށް އެދިއްޖެ

ޓޯކިޔޯ (ނޮވެމްބަރު 17) - ވިހި ސިކުންތި އަވަހަށް ރޭލެއް ނައްޓާލުމުން ޖަޕާނުގެ ރޭލް ކުންފުންޏަކުން މައާފަށް އެދިއްޖެ އެވެ.

ވެރިރަށް ޓޯކިޔޯ އާއި ސުކޫބާ ސިޓީއާ ދެމެދު ދަތުރު ކުރާ ސުކޫބާ އެކްސްޕްރެސްގެ މެނޭޖްމަންޓުން ބުނެފައި ވަނީ ރޭލް އަވަހަށް ނައްޓާލުމުން ދިމާވި މައްސަލަތަކަށް މައާފަށް އެދޭ ކަމަށެވެ. ރޭލް ނައްޓާލަން ޝެޑިއުލްކޮށްފައި ވަނީ 9:44:40 ގަ އެވެ. ނަމަވެސް ރޭލް ނައްޓާލާފައި ވަނީ 9:44:20 ގަ އެވެ. ވިހި ސިކުންތު އަވަހަށް ރޭލް ނައްޓާލުމުން ކުންފުނިން މައާފަށް އެދުމުން ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފަ އެވެ. އެކަމާ ގުޅޭ ތަފާތު ޝުއޫރުތައް އެކި މީހުން ދަނީ ސޯޝަލް މީޑިއާގައި ހާމަކުރަމުންނެވެ. ވިހި ސިކުންތު އަވަހަށް ރޭލް ނައްޓާލި ނަމަވެސް އެއްވެސް ކަސްޓަމަރަކު ކުންފުންޏަށް ޝަކުވާ ކޮށްފައެއް ވެސް ނުވެ އެވެ.

ޓޯކިޔޯ އިން ސުކޫބާ އަށް، ސުކޫބާ އެކްސްޕްރެސްގައި ދަތުރު ކުރަން ހޭދަވަނީ 45 މިނިޓެވެ. ދުނިޔޭގެ އެހެން ގައުމުތަކުގެ ރޭލްލައިންތައް ޝެޑިއުލާ އެއްގޮތަށް ދަތުރު ނުކުރުމުގެ ޝަކުވާ ބޮޑު ނަމަވެސް ޖަޕާނުގެ ރޭލްވޭ ދަތުރުތައް ގަޑިއަށް ކުރެ އެވެ. ޓޯކިޔޯ އިން ކޯބޭ ސިޓީ އަށް އަޅާފައިވާ ޓޮކައިޑޯ ލައިން އަކީ ދުނިޔޭގެ އެންމެ ބިޒީ ރޭލްވޭ އެވެ. އެ ރޭލްވޭ އިން އަހަރަކު 150 މިލިއަން ޕަސިންޖަރުން އުފުލަ އެވެ.