17 ނޮވެމްބަރ 2017 - 12:34

މެޑްރިޑް (ނޮވެމްބަރު 17) - އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ބާސެލޯނާ އަށް ބަދަލުނުވުމަށް އޭނާ ގާތުގައި ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން އެދިއްޖެ އެވެ.
ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ގްރީޒްމަން ވަނީ މި ސީޒަނަށް ފަހު ބާސެލޯނާ އަށް ބަދަލުވާން އަނގަބަހުން އެ ޓީމުގެ އޮފިޝަލުންނާ އެކު އެއްބަސްވުމަކަށް އައިސްފަ އެވެ. އެހެން ނަމަވެސް އެތުލެޓިކޯ އިން ބުނާގޮތުގައި މިއީ ހަގީގަތެއް ނެތް ވާހަކަތަކެކެވެ.
ގްރީންޒްމަން އާއި ޒިދާން އަކީ ފުޓްބޯޅައިގެ ބޭރުން ގާތް ދެ ރަހުމަތްތެރިންނެވެ. ފްރާންސްގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ޒިދާން ވަނީ ގްރީޒްމަން ގާތުގައި ބާސެލޯނާ އަށް ބަދަލުވުމުގައި ވިސްނަން ޖެހޭ ކަމަށް ބުނެފަ އެވެ.
އެއީ 2009 ވަނަ އަހަރު ގްރީޒްމަންގެ އުމުރުން 18 އަހަރުގައި ރެއާލް ސޮސިއެޑާޑުގައި ހުއްޓައި ބާސެލޯނާ އިން އޭނާ އަށް ބިޑްކުރީ ބާސެލޯނާގެ ބީ ޓީމަށް އޭނާ ގެނައުމަށެވެ. އަދި އެ ފަހަރު މަޝްވަރާކުރިއިރު ގްރީޒްމަން އަށް ބާސެލޯނާ ފުރަތަމަ ޓީމު ފުރުސަތު ލިބޭނެ ކަމުގެ ޔަގީންކަމެއް ނުދެ އެވެ. ޒިދާން އެދުނީ ކެރިއަރު ފަށަން ގްރީޒްމަނަށް ފުރުސަތު ނުދިން ކްލަބަކަށް އޭނާ ދިއުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި އެހެން ކަމުން ބާސެލޯނާ އަށް ދިއުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
އުމުރުން 26 އަހަރުގެ ގްރީޒްމަން ހޯދަން މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. ގްރީޒްމަން ވަނީ މި ސީޒަން ފެށުމުގެ ކުރިން އެތުލެޓިކޯއާ އެކު 2022 ގެ ނިޔަލަށް އެއްބަސްވުން އާ ކޮށްފަ އެވެ. އެކަމަކު މި ސީޒަނަށް ފަހު އޭނާ އިހުތިޔާރު ކުރާ ކްލަބަކުން 100 މިލިއަން ޔޫރޯ އަށް ވުރެ މަތީ އަގެއް ހުށަހަޅައިފި ނަމަ އޭނާ ދޫކޮށްލަން އެތުލެޓިކޯ އިން އެއްބަސްވާ ގޮތަށް އެއްބަސްވުމުގައި ވަނީ ހިމަނައިފަ އެވެ.