16 ނޮވެމްބަރ 2017 - 21:33

ރާއްޖެއަށް އެތެރެ ކުރާ މިނިޓް މެއިޑް ޕަލްޕީ ޖޫސްގެ ބައެއް ފުޅިތައް ނުވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އަންގައިފި އެވެ.
އެމްއެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ މި ޖޫސް ފުޅީގެ މަތިގަނޑު ކައިރީގައި އޮޅުން އަރާފަދަ ގޮތަކަށް ލޭބަލްކޮށްފައި ހުރުމަކީ މި ޖޫހުގެ މުއްދަތު ހަމަވުމުން ވެސް ބޭނުން ކުރުމުގެ ފުރުސަތު އޮތް ކަމަކަށްވާތީ އެކަމުން ސިއްހަތަށް ނުރައްކާވާނެ ފަދަ ކަމެއް މެދުވެރިވެދާނެ ކަމަށެވެ.
"ވީމާ މިގޮތަށް ލޭބަލްކޮށްފައިވާ އުފެއްދުންތައް ބާޒާރުން ނެގުމަށާއި ނުވިއްކުމަށް އާންމުކޮށް އެންގުމަށް އިއުލާން ކުރީމެވެ. އަދި މިތަކެތި ބޭނުން ނުކުރުމަށް ވެސް އިލްތިމާސް ކުރީމެވެ،" އެ ބަޔާނުގައިވެ އެވެ.
ނަމަވެސް މި އުފެއްދުމުގެ ފަހު ބެޗުތަކުގައި ކަޅު ކުލައިން ޕްރިންޓުކޮށް ފުޅީގެ މަތިގަނޑު ކައިރީގައި އުފެއްދި ތާރީހު ހިމަނާފައިވާ އުފެއްދުންތައް ނުހިމެނޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެމްއެފްޑީއޭގެ ބަޔާނުގައި ބުނި ގޮތުގައި މިނިޓް މެއިޑް ޕަލްޕީ ޖޫސްގެ ލޭބަލްގެ އިރުޝާދުގައިވާ ގޮތުން ފުޅީގެ މަތިގަނޑު ކައިރީ ލޭޒާ އިން ފުޅީގެ ކުލަ އާއި ގާތްކުރާ ކުލައަކުން ފަނޑުކޮށް ލިޔެފައިވާ ތާރީހަކީ މުސްތަގުބަލުގައި އަންނަން އޮތް ތާރީހެއް ކަމުން އެއީ އުފެއްދި ތާރީހު ނޫންކަން ކަށަވަރުވެ އެވެ.