ވައިފައި ނެޓްވޯކްތައް ބެލެހެއްޓުމަށް އާރުއޯއެލް އިން އެޕްލިކޭޝަނެއް ތައާރަފްކޮށްފި
ވައިފައި ނެޓްވޯކްތައް ބެލެހެއްޓުމަށް އާރުއޯއެލް އިން އެޕްލިކޭޝަނެއް ތައާރަފްކޮށްފި

އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ރާއްޖެ އޮންލައިން (އާރުއޯއެލް) އިން ވައިފައި ނެޓްވޯކްތައް ބެލެހެއްޓުމަށް ހާއްސަ އެޕްލިކޭޝަނެއް ތައާރަފްކޮށްފި އެވެ.

އެ ކުންފުނިން ބުނީ "ނެޓްވެލޭ"ގެ ނަމުގައި ނެރުނު އެޕްލިކޭޝަން ބޭނުންކޮށްގެން، ކަސްޓަމަރުންގެ އަމިއްލަ ވައިފައި ނެޓްވޯކްތައް ކޮންމެ ތާކުން އަދި ކޮންމެ ގަޑިއެއްގައި ވެސް މެނޭޖް ކުރެވޭނެ ކަމަށެވެ.

އެޕްލިކޭޝަން ނެރުނީ ބުރާސްފަތި ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ރިޔާޒެވެ.

ނެޓްވެލޭގެ އެންޑްރޮއިޑް އަދި އައިއޯއެސް އެޕްލިކޭޝަން މިހާރު ޑައުންލޯޑް ކުރެވޭނެ އެވެ. ޑައުންލޯޑް ކުރުމަށް ފަހު ބޭނުން ކުރެވޭނީ، އާރުއޯއެލް އިން ފޯރުކޮށްދީފައިވާ "ގިގަސެންޓަރު"ގެ ކިއުއާރު ކޯޑު ސްކޭން ކޮށްގެންނެވެ.

"ވަކި ޑިވައިސްތައް ވެސް ނެޓްވެލޭ އިން ކޮންޓްރޯލް ކުރެވޭނެ. މިސާލަކަށް ކުޑަކުދިން ގެންގުޅޭ ޑިވައިސްތަކަށް އިންޓަނެޓް ބްލޮކް ކުރެވޭނެ. ވަކި ހާއްސަ ގަޑިތަކެއްގައި ބްލޮކްވާ ގޮތަށް ވެސް ހެދޭނެ. އަދި ތަފާތު ޑިވައިސްތަކަށް، ތަފާތު ސެޓިންތައް ހެދޭނެ،" އާއުރޯއެލް އިން ބުންޏެވެ.

އާރުއޯއެލްގެ ޕްރޮޑަކްޓް މެނޭޖަރު މުހައްމަދު މުއައްޒިން ވިދާޅުވީ، މި އެޕްލިކޭޝަނާ އެކު ކުޑަކުދިން ނެޓަށް ވަދެގެން އުޅޭ ގަޑިތައް ވަރަށް ފަސޭހައިން ކޮންޓްރޯލް ކުރެވޭނެ ކަމަށެވެ. އެ ކުންފުނިން އަބަދު ވެސް ބަލަނީ މިފަދަ ބޭނުންތެރި ޕްރޮޑަކްޓްތައް ތައާރަފް ކުރުމަށް ކަމަށާއި، ކަސްޓަމަރުން މި އެޕްލިކޭޝަން ބަލައިގަންނާނެ ކަމަށް ޔަގީން ކުރާ ކަމަށް ވެސް މުއައްޒިން ވިދާޅުވި އެވެ.