16 ނޮވެމްބަރ 2017 - 17:23

ނޮން ޕެން (ނޮވެމްބަރު 16) - ކެމްބޯޑިއާގެ މައި އިދިކޮޅު ޕާޓީ އެ ގައުމުގެ ސުޕްރީމް ކޯޓުން މިއަދު އުވާލައިފި އެވެ.

ކެމްބޯޑިއާ ނޭޝަނަލް ރެސްކިއު ޕާޓީ (ސީއެންއާރުޕީ) އުވާލުމާ ގުޅިގެން އަންނަ އަހަރުގެ އިންތިޚާބުގައި މިހާރު އޮތް ސަރުކާރަށް އެތައް ތަނެއް ފަސޭހަވާނެ އެވެ. އިދިކޮޅު ޕާޓީ އުވާލާފައި ވަނީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގަ އެވެ. އެކަމަކު ސީއެންއާރުޕީ އިން އެކަން ދޮގު ކުރެ އެވެ. އަދި އެއީ ސިޔާސީ ގޮތުން ކުރި ކަމެއް ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.
އިދިކޮޅު ޕާޓީ އުވާލުމަށް ފަހު ވަނީ އެ ޕާޓީގެ 100 އަށް ވުރެ ގިނަ މީހުން ފަސް އަހަރު ވަންދެން ސިޔާސީ ހަރަކާތްތަކުން މަނާކޮށްފަ އެވެ.
ކެމްބޯޑިއާގެ ބޮޑު ވަޒީރު ހުން ސެން ވެރިކަން ކުރައްވާތާ 32 އަހަރު ވެއްޖެ އެވެ. ކޯޓުތަކާއި ސަލާމަތީ ބާރުތައް ބޭނުންކޮށްގެން އިދިކޮޅު ފަރާތްތަކަށް ބިރުދައްކާ ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ވަނީ ކޮށްފަ އެވެ.
ސީއެންއާރުޕީ ވަނީ 2013 ވަނަ އަހަރުގެ އިންތިޚާބުގައި ބޮޑު ކާމިޔާބީއެއް ހޯދައިފަ އެވެ. އަދި އަންނަ އިންތިޚާބުގައި ވެސް އެ ޕާޓީގެ ވާދަވެރިކަން ބޮޑުވާނެ ކަމަށް ތަޖްރިބާކާރުން ބުނެ އެވެ.
އިދިކޮޅު ޕާޓީ އުވާލަން ސުޕްރީމް ކޯޓުން ނިންމީ ސަރުކާރުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. މި ނިންމުމާ ގުޅިގެން ސީއެންއާރުޕީގެ އިންތިޚާބީ ހުރިހާ މެންބަރުން ވަކިވާނެ އެވެ. އަދި ނޭޝަނަލް އެސެމްބްލީގެ 123 މެންބަރުންގެ ތެރޭން އެ ޕާޓީގެ 55 ގޮނޑި ގެއްލޭނެ އެވެ.
ގައުމުން ބޭރުގައި ދިރިއުޅޭ ސީއެންއާރުޕީގެ ސީނިއާ މެންބަރެއް ކަމަށްވާ މޫ ސޮޗޫ ބުނީ ކެމްބޯޑިއާގައި ހަގީގީ ޑިމޮކްރެސީ ނެތި ހިނގައްޖެ ކަމަށެވެ. އަދި ކެމްބޯޑިއާގައި ޑިމޮކްރެސީ މަރުވާން ބައިނަލްއަގުވާމީ މުޖްތަމައުން ދޫކޮށް ނުލުމަށާއި އެ ގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އޭނާ ވަނީ ގޮވާލައިފަ އެވެ.
ކެމްބޯޑިއާގެ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރަކީ ވެރިކަން ކުރާ ޕާޓީގެ ސީނިއާ މެންބަރެކެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފައި ވަނީ ކެމްބޯޑިއާގެ ފަނޑިޔާރުގެތައް ބޭނުން ކުރަނީ އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލަން ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގެ ކުރިން ބޮޑު ވަޒީރު ހުން ސެން ވަނީ ސީއެންއާރުޕީގެ މެންބަރުން އޭނާގެ ޕާޓީއާ ގުޅުމަށް އެދިފަ އެވެ. އަދި ސީއެންއާރުޕީ އުވާލާނެކަން ޔަގީންވާ ކަމަށް އޭނާ ވަނީ ކުރިން ވިދާޅުވެފަ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ކެމްބޯޑިއާގެ މިނިވަން ނޫހެއް ކަމަށްވާ ކެމްބޯޑިއާ ޑެއިލީ އަށް ނުދެއްކޭވަރުގެ ޓެކްސް ޖޫރިމަނާއެއް ކުރުމަށް ފަހު އެ ނޫސް އުވާލައިފަ އެވެ.