ރެނާޑް: އެފްރިކާ ފުޓްބޯޅައިގައި ތަފާތު ދައްކާ ކޯޗެއް!
ރެނާޑް: އެފްރިކާ ފުޓްބޯޅައިގައި ތަފާތު ދައްކާ ކޯޗެއް!

ފްރާންސަށް އުފަން ހާވް ރެނާޑް އާދައިގެ ކްލަބްތަކަށް ކޯޗުކޮށްދިނުމަށް ފަހު ފުރަތަމަ ފަހަރަށް އެފްރިކާގެ ޓީމަކާ ހަވާލުވީ 2008 ވަނަ އަހަރު ޒެމްބިއާއާ އެވެ. އެފްރިކާ ފުޓްބޯޅައިގައި ފުރަތަމަ އޭނާ ހޭދަކުރި ހަތަރު އަހަރުގައި ތަފާތެއް ނުދެއްކުނު ނަމަވެސް އޭގެ ފަހުން މިދިޔަ އަހަރުތަކުގައި އޭނާ ވެފައިވަނީ އެފްރިކާ ގައުމުތަކަށް ތާރީހީ ކާމިޔާބީ ހޯދައިދިން ކޯޗަކަށެވެ.

ޒެމްބިއާއާ ދެ ވަނަ ފަހަރަށް 2011 ވަނަ އަހަރު ހަވާލުވުމަށް ފަހު ރެނާޑް ވަނީ އެ ޓީމަށް 2012 ވަނަ އަހަރުގެ އެފްރިކަން ކަޕް ކާމިޔާބުކޮށްދީފަ އެވެ. ޒެމްބިއާގެ ތާރީހުގައި ހޯދި އެންމެ ބޮޑު ކާމިޔާބީ އެ ޓީމުން ހޯދީ އެފްރިކާގެ ގަދަބާރު އައިވަރީ ކޯސްޓް ފައިނަލުގައި ބަލިކުރުމަށް ފަހު އެވެ. އެ ދުވަހު ފައިނަލަށް ފަހު އައިވަރީ ކޯސްޓުގެ ފޯވާޑް ޑިޑިއޭ ޑްރޮގްބާ ވަނީ ރެނާޑްގެ ރޭވުންތެރިކަމަށް ތައުރީފް ކޮށްފަ އެވެ.

ޒެމްބިއާގައި ރެނާޑް ހޯދި ކާމިޔާބީތަކުގެ ސަބަބުން އައިވަރީ ކޯސްޓުން އޭނާ އަށް ފާރަލާން ފެށި އެވެ. ނަތީޖާއަކަށްވީ 2014 ވަނަ އަހަރު އައިވަރީ ކޯސްޓް ކޯޗުކަން ރެނާޑާ ހަވާލުކުރުމެވެ. އޭނާ ވަނީ ޖެހިގެން އައި އަހަރު އައިވަރީ ކޯސްޓަށް އެފްރިކަން ކަޕް ހޯދައިދީފަ އެވެ. އެއާ އެކު ރެނާޑް ވެފައިވަނީ ތަފާތު ދެ ޓީމަކަށް އެފްރިކާ ބައްރުގެ ބޮޑު ފުޓްބޯޅަ މުބާރާތް ކާމިޔާބު ކޮށްދިން ފުރަތަމަ ކޯޗަށެވެ. އަދި މިއީ އައިވަރީ ކޯސްޓަށް 23 އަހަރަށް ފަހު އެފްރިކަން ކަޕް ލިބުނު ފުރަތަމަ ފަހަރެވެ.

ޒެމްބިއާ އާއި އައިވަރީ ކޯސްޓުގައި ރެނާޑްގެ މަސައްކަތް ފެނިފައި ޔޫރަޕްގެ ކްލަބްތަކުން އޭނާ އަށް ހުށަހެޅުންތައް ލިބެން ފެށި އެވެ. އެއާ އެކު އަމިއްލަ ގައުމުގެ ފްރާންސަށް ނިސްބަތްވާ ކްލަބް ލިއްލޭއާ އޭނާ ހަވާލުވީ 2015 ވަނަ އަހަރު އެވެ. އެ ޓީމު ގޮވައިގެން ލީގުގެ 13 މެޗުން 13 ޕޮއިންޓް ލިބުމުން އެ ކްލަބްގެ ބޯޑުން ވަނީ އޭނާ ވަކިކޮށްފަ އެވެ.

ރެނާޑް އޭރު މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ ބޮޑަށް މަސައްކަތް ކުރަން ބޭނުންވަނީ ގައުމީ ޓީމުތަކުގައި ކަމަށެވެ. މިހާރު އޭނާ ކޯޗުކޮށްދެމުން އަންނަ މޮރޮކޯއާ ހަވާލުވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. މޮރޮކޯ ޓީމު އޭނާއާ ހަވާލުކުރުމަށް ފަހު އެ ގައުމުގެ އެފްއޭ އިން އޭނާ އަށް ދިން ޓާގެޓަކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދިނުމެވެ.

ރެނާޑް ވަނީ 1998 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް މޮރޮކޯ އަށް ވޯލްޑް ކަޕުން ޖާގަ ހޯދައިދީފަ އެވެ. މޮރޮކޯ ކޮލިފައިވީ ބައިކޮޅަށް ގޯލެއް ނުވަދެ އެވެ. ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗުން މޮޅުވިއިރު، އަނެއް ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ.