ވިލާ ކޮލެޖުގައި ކިޔަވަން އެމްއައިބީ އިން ފައިނޭންޝަލް ސްކީމެއް ތައާރަފްކޮށްފި
ވިލާ ކޮލެޖުގައި ކިޔަވަން އެމްއައިބީ އިން ފައިނޭންޝަލް ސްކީމެއް ތައާރަފްކޮށްފި

އަންނަ ސެޕްޓެމްބަރު މަހު ވިލާ ކޮލެޖުގެ ކޯސްތަކުގައި ބައިވެރިވާ ދަރިވަރުންނަށް ފައިނޭންޝަލް ޕްރޮޑަކްޓް ސްކީމެއް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މިއަދު ތައާރަފްކޮށްފި އެވެ. މިއީ އެ ބޭންކުން ތައާރަފުކުރި ފުރަތަމަ އެޑިއުކޭޝަން ސްކީމެވެ.

މި ސްކީމް ތައާރަފްކުރަން ވިލާ ކޮލެޖުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮލެޖުގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. އަލީ ނަޖީބު ވިދާޅުވީ، އަންނަ ސެޕްޓެމްބަރު މަހު ފަށާ ޑިގްރީ އަދި މާސްޓާސް ފެންވަރުގެ ކޯސްތަކަށް ކުރިމަތިލާ ދަރިވަރުންނަށް މި ސްކީމުގައި ބައިވެރިވެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ މިކަމުގެ ސަބަބުން ދަރިވަރުންނަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.

މި ސްކީމުގެ ދަށުން އިސްލާމިކް ބޭންކުން އެންމެ މަދުވެގެން ދޫކުރަން ހަމަޖައްސާފައިވަނީ 30،000ރ. އެވެ. އަދި އެންމެ ގިނަވެގެން 250،000ރ. ދޫކުރާނެ އެވެ.

މި ބައްދަލުވުމުގައި އިސްލާމިކް ބޭންކުގެ ޝަރީއާ އެންޑް ޕްރޮޑަކްޓް ޑިވެލޮޕްމަންޓްގެ ސީނިއާ އޮފިސަރު ބަސްމާ ނިޒާރު ވިދާޅުވީ، ބޭންކަށް ފައިސާ ދައްކާއިރު ޝަރީއަތް ހުއްދަކުރާ އުސޫލުގެ ތެރެއިން ފައިދާއެއް ނަގާނެ ކަމަށެވެ. އެ ފައިދާ ނެގުމުން، ސްކީމުގެ ދަށުން ކޯހަށް ދައްކާ ފައިސާގެ އަދަދު އިތުރުވެގެން ދިޔަ ކަމުގައި ވިޔަސް އަހަރުތަކަކަށް ބަހާލައިގެން ފައިސާ ދައްކަންޖެހުމުން މަހަކު ދައްކަންޖެހޭ އަދަދު ކުޑަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްލާމިކް ބޭންކުގެ ބިޒްނަސް ޑެވެލޮޕްމަންޓް އޮފިސަރު ނާހިދު އިދުރީސް ވިދާޅުވި ގޮތުގައި އެޑިއުކޭޝަން ފައިނޭންސިން ސްކީމުގައި ބައިވެރިވެވޭނީ، އެ ބޭންކާ އެކު އެއްބަސްވުމެއް ހަދާފައިވާ ތަނެއްގައި ވަޒީފާ އަދާ ކުރާ، އުމުރުން 18 -50 އަހަރާ ދެމެދު މީހުންނަށެވެ. އަދި އެމީހަކަށް މުސާރައިގެ ގޮތުގައި މަދުވެގެން 6000ރ. ލިބެންޖެހޭނެ ކަމަށާއި އެ އަދަދަށް ނުލިބޭ ނަމަ، އެހެން މީހަކު ބައިވެރިކޮށްގެން ވެސް ސްކީމުގައި ބައިވެރިވެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ އަދަދަށް މުސާރަ ނުލިބޭ ކަމުގައިވާ ނަމަ ސްކީމުގައި ބައިވެރިވާން އާއިލާގެ މެމްބަރަކަށް ކޯ އެޕްލިކެންޓެއްގެ ގޮތުގައި ބައިވެރިވެވޭނެ،" ނާހިދު ވިދާޅުވި އެވެ.

މިއީ، މި ސްކީމުގައި ބައިވެރިވާ ދަރިވަރުގެ މުސާރައިން ކެނޑޭގޮތަށް ކުރިއަށްގެންދާ ސްކީމެކެވެ.

މި ސްކީމުގެ ދަށުން ފައިނޭންސް ކުރާ އަދަދު ބޭންކަށް ދައްކަންޖެހޭނީ މަދުވެގެން އެއް އަހަރު އަދި ގިނަ ވެގެން ހަތަރު އަހަރުގެ ތެރޭގަ އެވެ.

އަންނަ ސެޕްޓެމްބަރު މަހު ފަށަން ހަމަޖައްސާފައިވާ ކޯސްތަކަށް ކުރިމަތިލާން ވިލާ ކޮލެޖުން އިއްޔެ ވަނީ ހުޅުވާލައިފަ އެވެ. އެ ކޯސްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ އޮގަސްޓް ހަތް ވަނަ ދުވަހެވެ. އޭގެ ތެރޭގައި ޑިގްރީ ފެންވަރުގެ 13 ކޯހަކާއި މާސްޓާސް ފެންވަރުގެ ހަ ކޯހެއް ވެސް ހިމެނެ އެވެ.

ވިލާ ކޮލެޖުން ކުރިއަށްގެންދާ ޑިގްރީ ކޯހަށް މަހަކު ދައްކަންޖެހެނީ 2800ރ. އެވެ. އަދި މާސްޓާސް ކޯހަށް 3600ރ. އެވެ.

ނަޖީބު ވިދާޅުވީ ވިލާ ކޮލެޖުގެ މައި ކެމްޕަހުގެ އިތުރުން ރަށްރަށުގައި ހުންނަ ކެމްޕަސްތަކުން ވެސް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ސްކީމުގައި ބައިވެރިވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ