ޖަމީލަށް މަރުގެ އިންޒާރު ދިން މައްސަލަ އަލުން ބަލަން ހައި ކޯޓުން އަންގައިފި
ޖަމީލަށް މަރުގެ އިންޒާރު ދިން މައްސަލަ އަލުން ބަލަން ހައި ކޯޓުން އަންގައިފި

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލަށް މަރުގެ އިންޒާރު ދިން ކަމަށް ބުނެ މީހަކަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ހުކުމް ކޮށްފައި ވަނިކޮށް، އެ މައްސަލައިގެ ޝަރީއަތް އަލުން ހިންގަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ޖަމީލަށް އިންޒާރު ދިން ކަމަށް ބުނެ ދ. މާއެނބޫދޫ ބަނަފްސާގޭ، އަބްދުﷲ ރަޝީދުގެ މައްޗަށް ބިރު ދެއްކުމުގެ ދައުވާކުރީ އޮގަސްޓް، 2012 ގައި ހޯމް މިނިސްޓަރަކަށް ޖަމީލް ހުންނަވައިގެން މާއެނބޫދުއަށް އެމަނިކުފާނުގެ ކުރެއްވި ދަތުރުފުޅެއްގައި ޖަމީލާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުން މަރަން ގޮވާލި ކަމަށް ބުނެ އެވެ.

ރަޝީދުގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް މާއެނބޫދޫ ކޯޓުން ހުކުމް ކުރުމުން އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ނިންމީ އެ މައްސަލަ މާއެނބޫދޫ ކޯޓުން އަލުން ބަލަން ޖެހޭ ކަމަށެވެ. އެހެންވެ، އެ މައްސަލަ އަލުން ބެލުމަށް ހައި ކޯޓުން ވަނީ މާއެނބޫދޫ ކޯޓަށް ބަދަލުކޮށްފަ އެވެ.

ހައި ކޯޓުގެ ހުކުމުގައިވާ ގޮތުން އަބްދުﷲ ރަޝީދުގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް މާއެނބޫދޫ ކޯޓުން ނިންމާފައި އޮތީ އެކަމުގައި އޭނާއާ އެކު ބައިވެރިވި ކަމަށް ބުނާ ދެވަނަ މީހާގެ މައްޗަށް ދައުވާ ނުކޮށް އޮތުމުން، އެ ސަބަބުގެ މައްޗަށް ބިނާކޮށެވެ.

ނަމަވެސް، އެއް ކަމަކާ ގުޅިގެން ވަކި މީހަކަށް ދައުވާ ނުކޮށް އޮތުމަކީ އެ މައްސަލައާ ގުޅިގެން އިތުރު މީހަކަށް ދައުވާ ނުކުރެވޭނެ ނުވަތަ ކުށް ސާބިތު ނުވާ ކަމަށް ކަނޑައަޅަން ދެއްކޭނެ ހުއްޖަތެއް ނޫން ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. އަދި ދައުވާ ކުރެވޭ މިންވަރުގެ ހެކި ހުރިތޯ ބަލައި، ވަޒަން ކުރުމަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ ބާރުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

އެހެންވެ، ހައި ކޯޓުގެ ހުކުމުގައި ވަނީ މާއެނބޫދޫ ކޯޓުން އެ މައްސަލަ ނިންމާފައި އޮތީ ދައުވާގެ މައުޟޫއަށް ގާނޫނީ ހަމަތަކުގެ މަތިން ރިއާޔަތް ކުރުމެއް ނެތި ކަމަށެވެ. އަދި ޖަމީލް އަވަހާރަކޮށްލަން އަބްދުﷲ ރަޝީދު ގޮވާލި ކަމަށް ދެ ފުލުހަކު މާއެނބޫދޫ ކޯޓަށް ހެކިބަސް ދީފައިވާ ކަމަށް ވެސް ހުކުމުގައިވެ އެވެ.

މި ސަރުކާރުގެ ނައިބު ރައީސަކަށް ހުންނަވަނިކޮށް މަގާމުން ދުރުކުރުމުން ޖަމީލާއި އެމަނިކުފާނުގެ އާއިލާ މިހާރު ދިރިއުޅުއްވަނީ އިނގިރޭސިވިލާތުގަ އެވެ.